Hidhumatheh dheveynee haavaafai huri hadi thah saafu kurumah fahu: Nahula
image
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި -- ފޮޓޯ / މަޖިލިސް
0 ކޮމެންޓް
 

ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދެވޭނީ ހާވާފައި ހުރި ހަޑިތައް ސާފު ކުރުމަށްފަހު: ނަހުލާ

ކުރީގެ ސަރުކާރުން ހާވާފައި ހުރި ހަޑިތައް ސާފު ކުރަން ހަދައިގެން ޓްރާންސްޕޯޓު މިނިސްޓްރީން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ފެންވަރަށް ހިދުމަތް ދިނުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަހުލާ މިއަދު މަޖިލީހަށް ހާޒިރުކޮށް ވަނީ ސުވާލު ކުރައްވާފައެވެ. އެކަމަނާ މަޖިލީހަށް ހާޒިރު ކުރެއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރައްވަން ބޭނުންފުޅުވާ ސުވާލު ކުރެއްވުމަށެވެ. ޖާބިރުގެ ސުވާލަށްފަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އިތުރު ސުވާލު ކުރެއްވުމަށް ފުރުސަތު ހުޅުވާލައްވާފައެވެ. އެ ފުރުސަތުގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ހެލުމެޓު އެޅުން ފިޔަވައި އިތުރު އައު ކަމެއް ޓްރާންސްޕޯޓު މިނިސްޓްރީން ކޮށްފައިވޭތޯ މިނިސްޓަރު ނަހުލާއާ ސުވާލު ކުރައްވާފައެވެ.

ޝިޔާމްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރު އައީ އައު ކަންތައްތަކެއްކޮށް އާ ކަންތައްތަކެއް ރައްޔިތުންނަސް ދައްކާކަށް ނޫން ކަމަށެވެ. އައު ކަންތައްތަކެއް ރައްޔިތުންނަށް ދެއްކުމުގެ ކުރިން ކުރީ ސަރުކާރުން ކޮށްފައި ހުރި ހަޑިއެއް ސާފު ކުރުމަކީވެސް ކުރަންޖެހިފައިވާ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މާފު ކުރައްވާތި އެނގޭތޯ. ފުރަތަމަ ތަނެއް ސާފު ކޮށްގެން ތަނެއް ރަނގަޅު ކޮށްގެން ކުރިއަށް ބައްޓަން ކުރެވޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ތަފާތު އެކި ހިދުމަތްތަކަށް ޕްލޭންތަކެއް ކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ތަނެއް ރަނގަޅު ކޮށްގެން ބައްޓަން ކުރެވޭނީ ހާވާފައި ހުރި ހަޑިތައް ސާފުކޮށްގެން ކަމަށެވެ.

"އެހެންވީމަ ރަނގަޅު ކުރަންވެފައި ހުރި އެއްޗެހި މުޑުދާރުވެފައި ހުރި އެއްޗެހި ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި އަޅުގަނޑު އުޅެން ހަދައިގެން ހަގީގަތުގައި ކުރަން ހުރި ކަންކަން، ޕްލޭނު އަދި ކުރެވެނީ އެއްވެސް ކަމެއް ރަނގަޅަށް ކުރެވޭ ކަމަކަށް ނުވޭ ކުރެވޭ ގޮތެއް ނުވޭ ބަޖެޓަށް ބަލަން އެބަޖެހޭ ލާރި އެބަ ހޯދަންޖެހޭ ދެން ހުރި ކަންތައްތައް ކުރަންޖެހޭ،" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވަނީ ކުރިއަށް އޮތް ތަނުގައި ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ވަރަށް ގިނަ އައު ކަންތައްތަކެއް ސަރުކާރުން ކުރަމުންދާތަން ފެނިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ހިޔާލު