Hiyaanaathaa gulhey thuhumathuthakah javaabudhaareevaan Athif maadhamaa haaziru kuranee
image
އާތިފް ޝަކޫރު --
1 ކޮމެންޓް
 

ހިޔާނާތާ ގުޅޭ ތުހުމަތުތަކަށް ޖަވާބުދާރީވާން އާތިފް މާދަމާ ކޮމެޓީއަށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ މައްސަލާގައި ކުރެވޭ ތުހުމަތު ތަކަށް ޖަވާބުދާރީވާން ބޭނުންވާކަމަށް މަރުކަޒީ ބޭންކްގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އިބްރާހީމް އާތިފް ޝުކޫރު ވިދާޅުވެފައިވާތީ، އޭނާ މާދަމާ މާލިއްޔަތު ކޮމެޓީއަށް ހާޒިރުވުމަށް އަންގައިފި އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އޭނާއަށް ފޮނުއްވި ސިޓީއެއްގައި ވަނީ އާތިފް އެދިވަޑައިގަތް ގޮތަށް މާދަމާ އޭނާއާ ބައްދަލު ކުރަން ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެފްއައިޔޫގެ އިސްވެރިއެއްގެ ގޮތުގައި އޭނާ ހުންނެވި އިރު، މަސްއޫލިއްޔަތު އަދާ ކުރި ގޮތާއި ބެހޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްވެރިން މާލިއްޔަތު ކޮމިޓީގައި ވަނީ އާތިފަށް ތުހުމަތުތަކެއް ކޮށްފައެވެ.

އެގޮތުން އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑު ކުރުމަށް ބޭނުންކުރި އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏަށް އެއްވެސް ފިޔަވަޅެއް ނަޅާއި ދޫކޮށްލަން ނިންމީ އާތިފް އަންގައިގެން ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި އެސްއޯއެފް މެދުވެރިކޮށް ހިންގި މުއާމަލާތްތައް ނުހުއްޓުވީ އާތިފްގެ އިތުރުން އޭރުގެ ޑެޕިޔުޓީ ގަވަރުނަރު ނީޒާ އިމާދުގެ ދެއްވި ލަފާގެ މަތީންކަމަށް ބީއެމްއެލްއިން ވަނީ ކޮމެޓީގައި ބުނެފައެވެ.

އާތިފްގެ އިތުރުން އޭރުގެ ޑެޕިޔުޓީ ގަވަރުނަރު ނީޒާ އިމާދުވެސް ވަނީ ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދި މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ސިޓީއެއް ފޮނުވާފައެވެ.
ހިޔާލު

އިކޮނޮމިސްޓް

ޖަވާބުދާރީވާން ފުރުސަތަކަށް ފުރަތަމަ އެދުނީ ނީޒާ އިމާދު. އެކަމަކު ފުރުސަތު މިދިނީ އާތފަށް. އިސްފަސް ވުމުން މިއިން ދައްކައިދެނީ ކޮން ކަމެއް؟ މިގޮތަށް ނިންމުމުގެ ތަރުޖަމާ އަކީ؟ މި ސަރުކާރުގެ ބޮޑަކަށް ނީޒާ އިމާދު ހުރީ ފޮހޭ ރަބަރުކޮޅެއް އަތަށް ދީފަހޭ؟