Bayaku heekuree taxi massala hallu nukoh huttaalaane kamah: Minister Nahula
image
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ-- ފޮޓޯ: ވަން އޮންލައިން
1 ކޮމެންޓް
 

ޓެކްސީ މައްސަލާގައި ބަޔަކު ހީކުރީ ވަކި ހިސާބަކުން މަސައްކަތް ހުއްޓާލާނެ ކަމަށް: މިނިސްޓަރު ނަހުލާ

ޓެކްސީ މައްސަލަ ހައްލު ކުރަން ސަރުކާރުން މަސައްކަތް ފެށިއިރު، އެ މަސައްކަތް ވަކި ހިސާބަކުން ހުއްޓޭނެ ކަމަށް ބަޔަކު އުއްމީދު ކުރި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހެނދުނު ހާޒިރުވެވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ނަހުލާ ވިދާޅުވީ ޓެކްސީ މައްސަލައިގައި ސެންޓަރުތަކާއި ޑްރައިވަރުންގެ ހިޔާލު ވެސް ހޯދި ކަމަށެވެ.

"ޓެކްސީ އެޕުގެ މައްސަލައިގައި ޓެކްސީ ފޯރަމެއް ބޭއްވިން. އަޅުގަނޑު ހަނދާންވާ ގޮތުން ނަމަ ދެ ޓީވީއަކުން ވަގުތުން ވެސް ދެއްކި. އެތަނުގައި ސެންޓަރުތަކާއި ޑްރައިވަރުންނާއި އާއްމުންގެ ހިޔާލު ވެސް ލިބުނު،" މިނިސްޓަރު ވިދާޅުވި އެވެ.

ޓެކްސީ އެޕާއި އަގުތައް ކަނޑައެޅުމަށް އެ ފޯރަމަށް ފަހު ގިނަ ދުވަސްތަކެއް ހޭދަވިއިރު، ބޭނުންވި ފަރާތްތަކަށް އެ މަސައްކަތުގައި ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

"ބަޔަކު ހީކުރި ވަކި ހިސާބަކުން މަސައްކަތް ހުއްޓާލާނެ ކަމަށް. ދެން އިވުނީ ސްޓްރައިކް ކުރުމުގެ ވާހަކަ. އެކަމަކު ހަމަ ސިޔާސަތު ތަންޒީފު ކުރެވޭނެ،" ޓެކްސީ ދަތުރަށް ކަނޑައެޅި އާ އުސޫލާއި މެދު ޑްރައިވަރުންގެ ހިޔާލުތައް އައި ގޮތާއި މެދު މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އާ އުސޫލު އާއްމުކޮށްފަ އެވެ. އުސޫލުގައިވާ ގޮތުން މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތައް ކުރެވޭނީ 25 ރުފިޔާ އަށެވެ. އަދި މާލެ އިން ހުޅުމާލެ އަށް ދަތުރަކަށް 75 ރުފިޔާ ނެގުމަށް އަންގާފައި ވާއިރު މާލެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނެގޭނެ އެންމެ ބޮޑު އަގަކަށް ކަނޑައަޅާފައި ވަނި 60 ރުފިޔާ އެވެ.

މެންދަމު 12 ގެ ފަހުން ނަގާ ދަތުރަށް އަދި ޑިކީއަށް އެއްޗެއް އެރުވުމުން އިތުރަށް ފައިސާ ނުނެގޭނެ ކަމަށް އުސޫލުގައި ވެއެވެ. އެކަމަކު އިއްޔެ ވަނީ އުސޫލު ބަދަލުކޮށް، ރޭގަނޑު 12:00 ގެ ފަހުން ދަތުރެއް ކުރާ ނަމަ އިތުރަށް ފަސް ރުފިޔާ ނެގޭ ގޮތް ހަދައިފަ އެވެ.

އޭގެ އިތުރުން ރާއްޖޭގައި މިހާރު ރަޖިސްޓްރީކޮށްގެން ދުއްވާ އެއްވެސް ޓެކްސީއަކުން އެޕްލިކޭޝަން ބޭނުން ކުރަން ނުޖެހޭނެ ކަމަށް ވެސް އިއްޔެ ވަނީ ބުނެފަ އެވެ. އެޕް ބޭނުން ކުރުން އޮތީ ޑްރައިވަރުންގެ އިހުތިޔާރަށް ދޫކޮށްލާފަ އެވެ. އެކަމަކު އަލަށް ރަޖިސްޓްރީ ކުރާ ހުރިހާ އުޅަނދަކުން ވެސް އެޕެއް ބޭނުން ކުރަން ޖެހެ އެވެ.
ހިޔާލު

ޚާލިދު

ނަހުލާގެ ތި މަސަތްކަތައް ސާބަސް