Service Charge 10 percent ah: Average koh mahakah 28 million dollar!
image
ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދެމުން އަންނަ ރަންދެލި ރިސޯޓް--
0 ކޮމެންޓް
 

ސާވިސް ޗާޖް 10 ޕަސެންޓަށް: އެވްރެޖްކޮށް މަހަކަށް 28 މިލިޔަން ޑޮލަރު!

ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި މަދުވެގެން 10 ޕަސެންޓް ދޭން ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގައި މަޝްވަރާތައް ކުރަން ފަށާފައިވާއިރު، ގާނޫނު އެގޮތަށް އިސްލާހު ކޮށްފި ނަމަ ސާވިސް ޗާޖުގެ ގޮތުގައި ރިސޯޓުތަކުގެ މުވައްޒަފުންނަށް އެވްރެޖްކޮށް މަހަކަށް 28 މިލިޔަން ޑޮލަރު (432 މިލިޔަން ރުފިޔާ) މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ބަހަން ޖެހޭނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެކަން ހާމަވީ ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ސާވިސް ޗާޖުގެ ތަފްސީލް ހޯދުމަށް މަޖިލީހުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި އެދުމުން، އެ އޮތޯރިޓީން މަޖިލީހަށް ފޮނުވި ތަފާސްހިސާބުތަކުންނެވެ. ސާވިސް ޗާޖަކީ މީރާ އިން ސީދާ ބަލަހައްޓާ މައުލޫމާތު ތަކެއް ނޫނެވެ. އެކަމަކު ރިސޯޓްތަކުން ޓީޖީއެސްޓީގެ ސޭލްސްގެ ގޮތުގައި ހުށަހަޅާފައިވާ އަދަދުތަކަށް ބިނާކޮށް، އޭގެ 10 ޕަސެންޓް ސާވިސް ޗާޖުގެ ގޮތުގައި ދައްކާ ނަމަ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސާވިސް ޗާޖުގެ ގޮތުގައި ދޭން ޖެހޭނެ އަންދާޒީ ހިސާބެއް މީރާ އިން ވަނީ މަޖިލީހަށް ހިއްސާ ކޮށްފަ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ މަހަކު 28 މިލިޔަން ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ބަހަން ޖެހޭއިރު، ފާއިތުވި ފަސް އަހަރަށް ބަލާއިރު ކޮންމެ މަހަކަށް އެވްރެޖްކޮށް 22.4 މިލިޔަން ޑޮލަރު (345 މިލިޔަން ރުފިޔާ) ސާވިސް ޗާޖުގެ ގޮތުގައި ރިސޯޓްތަކުގެ މުވައްޒަފުންނަށް ލިބެން ޖެހޭނެ އެވެ.

ފާއިތުވި ފަސް އަހަރަށް ބަލާއިރު، ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ލިބެން ޖެހެނީ މި އަހަރު އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަހަށް އެކަނި ބަލާއިރު އެވްރެޖްކޮށް މަހަކަށް 28 މިލިޔަން ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ބަހަން ޖެހޭއިރު، މިދިޔަ އަހަރަށް ބަލާއިރު އެ އަދަދު އުޅެނީ އެވްރެޖްކޮށް މަހަކަށް 23.1 މިލިޔަން ޑޮލަރު (356 މިލިޔަން ރުފިޔާ) ގައެވެ.

އޭގެ އިތުރުން މަދުވެގެން 10 ޕަސެންޓް ސާވިސް ޗާޖުގެ ގޮތުގައި ދެމުން ދިޔަ ނަމަ 2017 ވަނަ އަހަރު އެވްރެޖްކޮށް ކޮންމެ މަހަކަށް 21.3 މިލިޔަން ޑޮލަރު (328.4 މިލިޔަން ރުފިޔާ) ސާވިސް ޗާޖުގެ ގޮތުގައި ރިސޯޓްތަކުގެ މުވައްޒަފުންނަށް ދޭންޖެހޭނެ އެވެ. އަދި 2016 ގައި އެ އަދަދު އެވްރެޖްކޮށް މަހަކަށް 21 މިލިޔަން ޑޮލަރު (323.8 މިލިޔަން ރުފިޔާ)، 2015 ގައި އެވްރެޖްކޮށް މަހަކަށް 20 މިލިޔަން ޑޮލަރު (308 މިލިޔަން ރުފިޔާ) ގެ އިތުރުން 2014 ގައި އެވްރެޖްކޮށް މަހަކަށް 21 މިލިޔަން ޑޮލަރު (323.8 މިލިޔަން ރުފިޔާ) ރިސޯޓްތަކުގެ މުވައްޒަފުންނަށް، ސާވިސްޗާޖުގެ ގޮތުގައި ލިބިގެން ދާނެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި މިހާރު ވާގޮތުން ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އެއް ޕަސެންޓަށްވާ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އެފަރާތެއްގެ މުވައްޒަފުންނަށް ބަހައި ނިންމަންޖެހޭނެ އެވެ. އެހެންކަމުން މިހާރު ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑުވެގެން ވެސް ލިބޭނީ ނުވަ ޕަސެންޓެވެ.

ރިސޯޓު މުވައްޒަފުންނަށް ގަވާއިދުން ސާވިސް ޗާޖު ދޭތޯ އާއި ސާވިސް ޗާޖު ދެމުންދާ އުސޫލު ބެލުމަށް މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. އެ މައްސަލަ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދިރާސާ ކުރުމަށް ފަހު ތައްޔާރު ކުރި ރިޕޯޓުގައި ވަނީ ހުރިހާ ރިސޯޓަކުން ސާވިސް ޗާޖު ދިނުމުގައި އެއް އުސޫލަކުން އަމަލު ކުރުމަށް ގާނޫނަށް އިސްލާހެއް ގެންނަން ފެންނަ ކަމަށެވެ. އެގޮތުން ހުރިހާ ރިސޯޓަކުން ވެސް ސާވިސް ޗާޖުގެ ގޮތުގައި މަދުވެގެން 10 އިންސައްތަ ނެގުން މަޖުބޫރު ކުރުމަށް ގާނޫނު އިސްލާހު ކުރުމަށް ލަފާ ދޭން ނިންމީ ވެސް އެ ކޮމިޓީންނެވެ.

އިގްތިސާދީ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމުން އިއްޔެ ފާސްކުރީ ވޯޓުގައި ބައިވެރިވި 75 މެމްބަރުންގެ އިއްތިފާގުންނެވެ. ރިޕޯޓަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ތަޅުމުގައި މެމްބަރުން ވަނީ ސާވިސް ޗާޖާއި ގުޅޭ ހަރުދަނާ އުސޫލެއް މުހިއްމު ކަމަށާއި އެފަދަ މައްސަލަތައް ބެލޭނެ ނިޒާމެއް މުހިއްމު ކަމަށް ފާހަގަކުރައްވާފަ އެވެ.
ހިޔާލު