Raajje inn beyruga faruvaa hoadhaa meehunge hurihaa haradheh dhaulathun hamajassanee
image
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ--
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދާ މީހުންގެ ހުރިހާ ހަރަދެއް ދައުލަތުން ހަމަޖައްސަނީ

ބޮޑެތި ބަލިތަކަށް ރާއްޖެއިން ބޭރުން ބޭސް ފަރުވާ ހޯދާ ފަރާތްތަކުގެ ހުރިހާ ހަރަދެއް ދައުލަތުން ދޭނެ ނިޒާމެއް މިއަހަރު ނިމުމުގެ ކުރިން ގާއިމް ކުރާނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ އިސްމާއިލް އައްޒާމް ވަޖީހު ވިދާޅުވީ އެހީ ހޯދަން ސަލާން ޖެހުމުގެ އާދަ ހުއްޓުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބޭހަށްދާ ހަރަދުތަކުގެ އިތުރުން ހުރުމާއި ކެއުން ބުއިމާއި އެ ނޫން ކަންކަމަށް ގިނަ ހަރަދުތަކެއް ކުރަން ޖެހޭކަން ފާހަގަކުރައްވާ އައްޒާމް ވިދާޅުވީ އެ ހަރަދުތައް އާސައިންދަ އިން ފޯރުކޮށްނުދޭ ކަމަށެވެ.

"ބޭސްފަރުވާ އަށް ވުރެ ބޮޑަށް އިތުރު ހަރަދުތައް މިސާލަކަށް ބޭރަށް ގޮސް ތިބޭ މުއްދަތުގެ ހުރުމާއި ކެއުމާއި އެ ނޫން ވެސް ހިދުމަތްތައް، ހޮސްޕިޓަލުން ލިބޭ ހިދުމަތްތަކުގެ ބޭރުން ހިނގާ ހަރަދުތައް ވެސް އެބަހުރި. އެ ހަރަދުތަކަކީ އާސަންދައިގަ ހިމެނޭ ހަރަދުތަކެއް ނޫން. އެފަދަ ކަންކަން ޕެކޭޖު ތެރޭގައި ހިމެނޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް މިކުރަނީ،" އައްޒާމް ވިދާޅުވި އެވެ.

އެގޮތުން ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ދާއިރު ހަރަދުތައް ބޮޑުވެގެން ހަރަދުތައް ކުރަން ދަތިވާ ފަރާތްތަކަށް އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން އެހީ ލިބޭނެ ގޮތް ހަމަޖައްސައި ރައްޔިތުން ސަލާން ޖަހަން ނުޖެހޭ ގޮތަކަށް އެ ނިޒާމުގެ ދަށުން ހަރަދު ކުރެވޭނެ ގޮތަށް ގާނޫނަށް ބަދަލުތަކެއް ގެނެސްގެން ނަމަވެސް އަންނަ އަހަރުގެ ކުރިން އެކަން ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭސް ފަރުވާ އާއި އެއާއި ގުޅުން ހުރި ކަންކަމަށް ސަލާން ޖަހަން ޖެހުމުގެ މައްސަލަ ހައްލު ކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށް އައްޒާމް ވިދާޅުވި އެވެ.

ބޮޑު ބައްޔެއް ވުމުން ބޭހަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ފުދުންތެރިކަން ނެތް މީހުންނަށް ވެސް އެ ހިދުމަތް ޔަގީން ކުރުމަށް ހުސްނުވާ އާސަންދަ ސްކީމު ހިންގަ އެވެ.

"ބޭސް ފަރުވާގެ ހުރިހާ ހަރަދެއް އާސަންދައިން ކަވަރު ކުރާނެ. އަދި ބަލިމީހާ އާއި އެހީތެރިޔާއަށް ދެކޮޅު ޓިކެޓު ވެސް ދޭނެ،" އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު ވިދާޅުވި އެވެ.

އެކަމަކު ރާއްޖެއިން ބޭރުގައި ހުންނައިރު، އަންނަ އިތުރު ހަރަދުތައް އާސަންދައިން ކަވަރެއް ނުކޮށްދެ އެވެ. އެހެންވެ އިތުރު އެހީ ބޭނުންވާ މީހުންނަށް "ބޭސްފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމެއް" އެންސްޕާގައި އޮވެއެވެ. އޭގެ އިތުރުން ޒަކާތު ފަންޑުން ވެސް އެފަދަ މީހުންނަށް އެހީވެ ދެއެވެ.
ހިޔާލު

ދޭސީ ބިދޭސީ

ބޭރުގައި ކަންކަން ނުވެގެން މިއުޅެނީ. މިގައުމުން ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްދީބަލަ. އަދި ނުވިތާކަށް ބޭރުގައި އުޅޭ ދިވެހިންނަށްވެސް ވަޙީދު މިދިޔައީ ސަންދައިގެ ދޮރުތައް ހުޅުވާފައި. އެއިން މީހަކު މިގަައުމަށް ލާރިފޮއްޗެއްވެސް ދިއްކޮށްލަނީއެއް ނޫން. ތަންތަން ކުއްޔަށް ދީގެން މިތަން ވީދައިގެން ގޮސް އުޅެނީ ބޭރުގައި. ބަލަ ބޭރަށް ދިރިއުޅުން ބަދަލުކުރާނީ ފުދުންތެރިންނާއި އެއަށްވުރެން ފެންވަރު މަތީ މީހުން. އެމީހުންނަށް ބޭނުމެއް ނުވާނެ އަސާސީ އިންޝިއަރެންސެއް. އެމީހުން އިންޝުއަރެން ގަންނާނީ.