Kashmir mahsala akee India ge dhaahilee kameh: Raajje
image
ކަޝްމީރުގައި އިންޑިއާ ސިފައިން ފޯރިމަރަނީ.
0 ކޮމެންޓް
 

ކަޝްމީރު މައްސަލަ އަކީ އިންޑިއާގެ ދާހިލީ ކަމެއް: ރާއްޖެ

އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދަށް ލިބިދީފައިވާ ގާނޫނީ މިނިވަންކަން އަތުލުމަށް އިންޑިއާ އިން ނިންމުމާއި ގުޅިގެން އެކަމާއި ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުން ދަނިކޮށް އެއީ އިންޑިއާގެ ދާހިލީ މައްސަލައެއް ކަމަށް ރާއްޖޭން ބުނެފި އެވެ.
ފާއިތުވި 70 އަހަރު އިންޑިއާގެ ޖައްމު އަދި ކަޝްމީރު ސަރަހައްދަށް ލިބިފައި އޮތް އަމިއްލަ ވެރިކަން ހިންގުމުގެ ބާރު މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އުވާލާފަ އެވެ. އެކަމާއި ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ އެ ގައުމުގެ ދާހިލީ ކަމެއް ކަމަށް ރާއްޖޭން ދެކޭ ކަމަށެވެ. އަދި ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ ގާނޫނުތައް ބަދަލު ކުރުމުގެ މިނިވަންކަން ލިބިދޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އިންޑިއާގެ ގާނޫނު އަސާސީގެ މާއްދާ 370 އުވާލުމާއެކު އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރު ސަރަހައްދުގައި އިންޑިއާގެ އެހެން ސްޓޭޓުތަކުގެ މީހުންނަށް ވަޒަންވެރިވެ، ބިން މިލްކު ކުރެވޭނެ އެވެ. ކުރިން އެގޮތަށް ނަހަދާ އޮތީ އެ ތަނުގައި މުސްލިމުންގެ އާބާދީ ބޮޑުވެފައި، އިންޑިއާގެ މައި ސަރުކާރާ ދެކޮޅު ވިސްނުން ބޮޑުވުމުންނެވެ.

ނަމަވެސް ކުއްލިއަކަށް އިންޑިއާ ސަރުކާރުން އެ މާއްދާ އުވާލާ، ކަޝްމީރުގެ ސަރަހައްދަށް ލިބިދީފައިވާ ގާނޫނީ މިނިވަންކަން އަތުލަން ނިންމުމުން އެ ސަރަހައްދުގައި ހަމަނުޖެހުން ހިނގުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. އަދި އެ ސަރަހައްދުގެ ސިޔާސީ ލީޑަރުން ބަންދުގައި ތިބި އިރު، އެކަމާއި ދެކޮޅަށް ޕާކިސްތާނުން ވެސް މިހާރު ވަނީ ތެދުވެފަ އެވެ. އެގޮތުން އިންޑިއާގެ ނިންމުން އދ. ސަލާމަތީ މަޖިލީހަށް ހުށަހަޅާނެ ކަމަށާއި، އެ ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފު ނިންމުމެއް ކަމަށް ކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާ އިން އެ ނިންމުން އިއުލާން ކުރަން ކައިރިވިއިރު، ކަޝްމީރުގެ އެ ސަރަހައްދުގައި އޮތީ ކާފިއު އިއުލާންކޮށްފަ އެވެ. އޭގެ ފަހުން ދެ ދުވަސް ވީއިރުވެސް ކާފިއު އުވައެއް ނުލަ އެވެ. ކަޝްމީރުގެ ގިނަ ރައްޔިތުންގެ ދިރިއުޅުން އެހެންވެ އޮތީ ހުއްޓުމަކަށް އައިސްފަ އެވެ.

ކަޝްމީރަކީ އިންޑިއާ އާއި ޕާކިސްތާނުން ވެސް އެ ދެގައުމުގެ ބަޔެއްގެ ގޮތުގައި ދައުވާ ކުރާ ސަރަހައްދެކެވެ. އެތަނަކީ ކުރިން އިންޑިއާގެ އަމީރަކު ވެރިކަން ހިންގި ސްޓޭޓެކެވެ. 1947 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނު ވަކިވުމުން، ޖައްމު އަދި ކަޝްމީރު ވެފައި ވަނީ އިންޑިއާގެ ބަޔަކަށެވެ.

އޭގެ ފަހުން ޕާކިސްތާނާއި އިންޑިއާ އިން އެތަނުގެ މައްސަލާގައި ހަނގުރާމަ ކުރުމަށް ފަހު، ވަކި ސަރަހައްދަކުން އެތަން ދެގައުމަށް ބައި ކޮށްލި އެވެ. އޭގެ ފަހުން ވެސް އެތަނުގައި ހަމަނުޖެހުން ބޮޑެވެ. އިންޑިއާގެ ބާރުގެ ދަށުގައިވާ ޖައްމު އަދި ކަޝްމީރު ސްޓޭޓުގައި ފާއިތުވި 30 އަހަރު ހަމަނުޖެހުން އޮތީ އެތަނުގައި އިންޑިއާގެ ވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު އުޅޭތީ އެވެ.

ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ބަރަތިޔަ ޖަނަތަ ޕާޓީން ވެރިކަމަށް އައީ ކަޝްމީރަށް ހާއްސަ ހައްގުތަކެއް އޮންނަން ނުޖެހޭނެ ކަމަށާއި އެހެން ސްޓޭޓުތަކާއި އެއް ހަމައަކަށް އެތަން އަންނަން ޖެހޭ ކަމުގެ ވައުދާ އެކުއެވެ. ކަޝްމީރަކީ އިންޑިއާގެ ސްޓޭޓުތަކުގެ ތެރެއިން މުސްލިމުންގެ އާބާދީ އެންމެ ބޮޑު ތަނެވެ. އަދި މޯދީގެ ބީޖޭޕީ އަކީ ހިންދޫ ނޭޝަނަލިސްޓް ޕާޓީ އެކެވެ. ކަޝްމީރުގެ ގިނަ މީހުން ގަބޫލު ކުރަނީ ބީޖޭޕީ ސަރުކާރުން އުޅެނީ އެތަނުގައި މުސްލިމުންގެ އާބާދީ މަދުކުރަން ކަމަށެވެ.

އެއީ ކަޝްމީރު ނޫން މީހުންނަށް އެތަނުން ބިން ގަނެ ވަޒަންވެރިވުމުގެ ފުރުސަތު ލިބޭ ނަމަ އިޒްރޭލުން ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުމާއި އެއް ފަދަ ކަމެއްގެ ގޮތުގައި އެމީހުން ސިފަކުރެ އެވެ. އެކަމަކު އެ ބަދަލާއެކު ޖައްމު އަދި ކަޝްމީރަށް ތަރައްގީ އަންނާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ. އޭގެ އިތުރުން އެތަން ތިން ފަޅިކޮށްލަން ވެސް ބީޖޭޕީ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ މުސްލިމުންގެ މެޖޯރިޓީ އުޅޭ ކަޝްމީރު ބަޔާއި، ހިންދޫއިންގެ މެޖޯރިޓީ އުޅޭ ޖައްމު ސަރަހައްދާއި ބުދިސްޓުންގެ މެޖޯރިޓީ އޮންނަ ލަޅަކްގެ ސަރަހައްދެވެ.

ޕާކިސްތާނުގެ އިތުރުން ޗައިނާ އިން ވެސް ވަނީ އިންޑިއާގެ ނިންމުމާއި މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމަކު އިންޑިއާ އިން ވަނީ އެގައުމުގެ ދާހިލީ ކަންކަމަށް ޗައިނާ އިން ގޮތް ނުކިޔުމަށް އިއްޔެ ގޮވާލާފަ އެވެ.
ހިޔާލު