Mahibadhoo boahiyaavahi kamuge petition Majileehun dhiraasaa kuranee
image
މަހިބަދޫ ބޯހިޔާވަހިކަމުގެ ޕެޓިޝަން މަޖިލީހުން ދިރާސާ ކުރަނީ--
0 ކޮމެންޓް
 

މަހިބަދޫ ބޯހިޔާވަހިކަމުގެ ޕެޓިޝަން މަޖިލީހުން ދިރާސާ ކުރަނީ

އދ. މަހިބަދޫއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި އެރަށު 644 މީހަކު ސޮއިކޮށް ސަރުކާރުގެ އިދާރާތަކަށް ހުށަހެޅި ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ދިރާސާ ކުރަން ފަށައިފި އެވެ.
އަށާރަ އަހަރުން މަތީގެ 644 މީހަކު ސޮއި ކުރި އެ ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގަށް ފޮނުވީ މިދިޔަ ޖުލައި މަހުގެ ކުރީކޮޅެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ އެ ޕެޓިޝަން ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ސަރުކާރުގެ އިދާރާތަކަށް ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ ފަރުދީ ގޮތުން ހައްލު ކުރެވޭ ވަރަށް ވުރެ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ރަށު ކައުންސިލުން ހަދާފައިވާ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ރައްޔިތުންގެ މަޝްވަރާ ވެސް ހޯދާފައި ނުވާ ކަމަށާއި އެ ރަށުގެ ހުސް ބިންތައް ބޯހިޔާވަހި ކަމަށް އިސްކަން ނުދީ އެހެން ބޭނުންތަކަށް ކަނޑައެޅި ހުސްވެގެން ގޮސްފައި ވާއިރު އެއީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން އެ މައްސަލައަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ނޫނީ ހައްލު ނުކުރެވޭނެ މައްސަލައެއް ކަމަށް ރައްޔިތުން ދެކޭ ކަމަށާއި ޕެޓިޝަނުގައި ސޮއި ކުރި އެންމެންގެ ވެސް އުއްމީދަކީ ވީއެންމެ އަވަހަށް އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބުން ކަމަށް ސިޓީގައި ފާހަގަކުރެ އެވެ.

އާބާދީގައި 2548 މީހުން ދިރިއުޅެމުން އަންނަ މަހިބަދޫގައި އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ 1990 ވަނަ އަހަރެވެ. އޭގެ ފަހުން ގޯތި ދޫނުކުރާތާ މިހާރު 29 އަހަރު ފާއިތުވެފައި ވާއިރު އެރަށުގެ ރައްޔިތުން ތިބީ ބޯހިޔާވަހިކަމުގެ މައްސަލަަ ހައްލުވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ހިޔާލު