Thuhumathuthakah javaabudhaareevaan Aathif ah furusathudhey committee avas kohfi
image
އާތިފް: ކޮމިޓީ އަށް ހާޒިރު ކުރީ ތުހުމަތުތަކަށް ޖަވާބުދާރީވާން ފުރުސަތަކަށް އެދުުން.
0 ކޮމެންޓް
 

ތުހުމަތުތަކަށް ޖަވާބުދާރީވާން އާތިފަށް ފުރުސަތުދޭ ކޮމިޓީ އަވަސް ކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ މައްސަލާގައި ކުރެވޭ ތުހުމަތު ތަކަށް ޖަވާބުދާރީވާން ބޭނުންވާކަމަށް މަރުކަޒީ ބޭންކްގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އިބްރާހީމް އާތިފް ޝުކޫރު ވިދާޅުވެފައިވާތީ، އެ ފުރުސަތު ދިނުމަށް މާލިއްޔަތު ކޮމިޓީން މާދަމާ ބާއްވަން ތާވަލްކުރި ޖަލްސާ މިއަދަށް ބަދަލުކޮށްފި އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އޭނާއަށް ފޮނުއްވި ސިޓީއެއްގައި ވަނީ އާތިފް އެދިވަޑައިގަތް ގޮތަށް މާދަމާ އޭނާއާ ބައްދަލު ކުރަން ކޮމެޓީން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ފަހުން އާތިފް ޓްވިޓާގައި ވިދާޅުވީ އެ ޖަލްސާ މިއަދަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މީގެ ކުޑަ އިރުކޮޅެއް ކުރިން އެ ކޮމިޓީގެ ޖަލްސާ ވަނީ ފަށައިފަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެފްއައިޔޫގެ އިސްވެރިއެއްގެ ގޮތުގައި އޭނާ ހުންނެވި އިރު، މަސްއޫލިއްޔަތު އަދާ ކުރި ގޮތާއި ބެހޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްވެރިން މާލިއްޔަތު ކޮމިޓީގައި ވަނީ އާތިފަށް ތުހުމަތުތަކެއް ކޮށްފައެވެ.

އެގޮތުން އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑު ކުރުމަށް ބޭނުންކުރި އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏަށް އެއްވެސް ފިޔަވަޅެއް ނަޅާއި ދޫކޮށްލަން ނިންމީ އާތިފް އަންގައިގެން ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި އެސްއޯއެފް މެދުވެރިކޮށް ހިންގި މުއާމަލާތްތައް ނުހުއްޓުވީ އާތިފްގެ އިތުރުން އޭރުގެ ޑެޕިޔުޓީ ގަވަރުނަރު ނީޒާ އިމާދުގެ ދެއްވި ލަފާގެ މަތީންކަމަށް ބީއެމްއެލްއިން ވަނީ ކޮމެޓީގައި ބުނެފައެވެ.

އާތިފްގެ އިތުރުން އޭރުގެ ޑެޕިޔުޓީ ގަވަރުނަރު ނީޒާ އިމާދު ވެސް ވަނީ ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދި މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ސިޓީއެއް ފޮނުވާފައެވެ.
ހިޔާލު