LGA in baeh council thah ehkoh suspend koffaivey
image
ލޯކަލް ގަވަމަންޓް އޮތޯރިޓީ-- ފޮޓޯ: ޓްވިޓާ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އެލްޖީއޭ އިން ބައެއް ކައުންސިލްތައް އެއްކޮށް ސަސްޕެންޑްކޮށްފައިވޭ

ކައުންސިލްތައް ޒިންމާދާރުކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކުލަވާލާފައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބައެއް ކައުންސިލްތައް އެއްކޮށް ސަސްޕެންޑް ކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ދިރާސާއިން ހާމަވެއްޖެ އެވެ.
އެލްޖީއޭ އިން ކައުންސިލަރުން ސަސްޕެންޑް ކުރުމުގައާއި، ކައުންސިލަރުންނާއި މެދު ފިޔަވަޅު އެޅުމުގައި އަމަލުކުރަމުންދާ އުސޫލުތަކާއި މިންގަނޑުތައް ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މިއަދު އޮތް މަޖިލީހުގެ 33 ވަނަ ޖަލްސާގައި ވަނީ ހުށަހަޅައިފަ އެވެ.

ރިޕޯޓް ހުށަހަޅުއްވަމުން ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ 18 މޭ 2014 އިން 21 ޖޫން 2018 ނިޔަލަށް އެލްޖީއޭއިން ޖުމްލަ 106 ފަހަރެއްގެ މަތިން ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ކައުންސިލަރުންގެ ނިސްބަތުން ބޮޑު އަދަދެއްކަން ވެސް ނިޔާޒް ފާހަގަކުރެއްވި އެވެ.

ނިޔާޒް ވިދާޅުވީ އެލްޖީއޭއިން ގިނަ އަދަދެއްގެ ކައުންސިލަރުން ސަސްޕެންޑްކޮށްފައި ވާއިރު ބައެއް ކައުންސިލްތައް އެއްކޮށް އަދި ބައެއް ކައުންސިލްތަކުގެ ކޯރަމް ހަމަނުވާ ވަރަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ އިތުރުން، އެލްޖީއޭއިން ކައުންސިލްތައް ހިންގުމަށް ގާނޫނާއި ހިލާފަށް މީހުން އައްޔަން ކޮށްފައިވާ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ ކައުންސިލަރުން ސަސްޕެންޑް ކުރުމުގައި އެލްޖީއޭއިން އަމަލުކޮށްފައި ވަނީ ގާނޫނުން އެލްޖީއޭ އަށް ލިބިދޭ ބާރުތަކުގެ ބޭރުން ކަމަށެވެ. އެގޮތުން އެލްޖީއޭގެ ބައްދަލުވުންތަކުގައި ކޯރަމް ހަމަނުކޮށް ނިންމުންތައް ނިންމާފައިވާ ކަމަށާއި ބައެއް ޖަލްސާތަކުގައި އެންމެ ދެ މެމްބަރުން ބައިވެރިވެގެން ނިންމުންތައް ނިންމާފައިވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

އެލްޖީއޭގެ އަގުލަބިއްޔަތު ނުލިބި ކައުންސިލަރުން ސަސްޕެންޑް ކުރަން ނިންމާފައި ވާއިރު ބައެއް ނިންމުންތަކުގައި ބޯޑުގެ އެއްވެސް މެންބަރަކު ސޮއިކޮށްފައި ނުވާ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ. އަދި ވަކި ހާދިސާއަކާ ގުޅިގެން ވަކި ބަޔަކަށް އަމާޒުކޮށްގެން އުސޫލުތައް ހަދާފައިވާ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ އެލްޖީއޭ އިން މަސައްކަތްކޮށްފައި ވަނީ ވާދަވެރި ސިޔާސީ ނިޒާމް ނައްތާލުމަށް ކަމަށާއި މައިގަނޑު ގޮތެއްގައި ސަސްޕެންޑްކޮށްފައި ވަނީ އޭރުގެ ސަރުކާރާއި އިދިކޮޅު ފަރާތްތައް ކަމަށެވެ. އަދި ކައުންސިލަރުން ސަސްޕެންޑް ކުރުމަށް ސީދާ އޭރުގެ ހޯމް މިނިސްޓަރު އެޖެންޑާކޮށްފައިވާކަން ނިޔާޒް ފާހަގަކުރެއްވި އެވެ.

ނިޔާޒު ވިދާޅުވީ އެގޮތަށް އެލްޖީއޭއިން އަމަލުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށެވެ.

އެލްޖީއޭ އިން ވަނީ ކައުންސިލަރުންނަށް ފިއްތުންތައް ކުރިމަތި ކުރުވާ އެމީހުންނަށް އަދަބުދީ އެމީހުންނަކީ އެލްޖީއޭ އިން އަންގާ ގޮތަކަށް އަމަލު ކުރަން ޖެހޭ ބައެއްގެ ގޮތުގައި ނިޒާމް ބައްޓަން ކުރަން މަސައްކަތްކޮށްފައި ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.

އަދި ސިޔާސީ ވަކި ހަރަކާތްތަކާއި ގުޅިގެން އެކަމަށް ޓާގެޓްކޮށް އުސޫލުތައް ފާސްކޮށް ކައުންސިލަރުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅޭ އުސޫލެއް އަދި ޝަކުވާ ހުށަހެޅި ފަރާތެއް ލިޔެކިޔުމުން އެނގެން ނެތް އިރު ސަސްޕެންޑް ކުރުމުގެ ކުރިން އެލްޖީއޭއުން ކައުންސިލަރުންނާއި ބައްދަލުކޮށް ތަހުގީގީ ރިޕޯޓެއް ތައްޔާރުކޮށްފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އެލްޖީއޭއިން ބައެއް ރަށްރަށުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށާއި އެއީ އެލްޖީއޭގެ މެންޑޭޓްގެ މަގްސަދުތަކާއި ހިލާފު ކަމެއްކަން ނިޔާޒު ފާހަގަކުރެއްވި އެވެ. ނިޔާޒު ވިދާޅުވީ އެލްޖީއޭއިން ކައުންސިލްތަކުގެ މަސްލަހަތުގެ ބަދަލުގައި ސަރުކާރުގެ މަސްލަހަތު އިސްކޮށްފައިވާ ކަަމަށެވެ.
ހިޔާލު