ACC ge engumakaai hilaafuvi councilorunnah fiyavalhualhanee
image
އެންޓި ކޮރަޕްޝަން ކޮމިޝަން-- ފޮޓޯ: އޭސީސީ
1 ކޮމެންޓް
 

އޭސީސީގެ އެންގުމަކާއި ހިލާފުވި ވިލިނގިލި ކައުންސިލަރުންނަށް ފިޔަވަޅުއަޅަނީ

ގއ. ވިލިނގިލީގައި ތެލުގެ ވިޔަފާރި ކުރަމުން އަންނަ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޒަލްދާން އޮއިލް ސަޕްލައިސް އާ އެ ރަށު ކައުންސިލާއި ގުޅިގެން ކޮރަޕްޝަން ހިންގާކަމަށް ތުހުމަތު ކުރެވިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ އަށް) ހުށަހެޅުނު ޝަކުވާ އަކާއި ގުޅިގެން އެ ކޮމިޝަނުން އެންގި އެންގުމަކާއި އެ ރަށުގެ ބައެއް ކައުންސިލަރުން ހިލާފުވެފައިވާތީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލައި، އެ ކައުންސިލަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފި އެވެ.
އޭސީސީން ވަނީ އެ މައްސަލަ ބެލުމަށް ފަހު ހަ ނުކުތާ އެއް ފާހަގަ ކޮށްފަ އެވެ. އެގޮތުން ބައެއް ކައުންސިލަރުންނާއި އާއިލީ އަދި ސިޔާސީ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ ޒަލްދާން އޮއިލް ސަޕްލައިސް އަށް އެ ރަށުން ދޫކޮށްފައި އޮތް ބިން އަތުލައި ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަށާއި، އެބިމުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ޒަލްދާން އޮއިލް ސަޕްލައިސްގެ އަތުން ހޯދުމަށް އޭސީސީން ވަނީ އެ ރަށު ކައުންސިލަށް އަންގާފަ އެވެ.

އޭސީސީން ފާހަގަ ކުރި ކަންކަން:

- ޒަލްދާން އޮއިލް ސަޕްލައިސްއަށް 15 އަހަރު ދުވަހަށް 8 މެއި 2002 ގައި ކުއްޔަށް ދީފައިވާ މުއްދަތު 7 މެއި 2017 ގައި ހަމަވުމުން “ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާ ބެހޭ ގަވާއިދު” ގެ ދަށުން އެބިމުގައި ތެލުގެ ވިޔަފާރި ކުރުމަށް ހުއްދަ ނުދެވޭނެތީ، އެބިން ޒަލްދާން އޮއިލް ސަޕްލައިސްގެ އަތުން އަތުލައި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަން 24 މެއި 2017 ގައި ގއ.ވިލިނގިލި ކައުންސިލުން ނިންމާފައިވާކަން.

- ކައުންސިލުގެ އެ ނިންމުމާ ގުޅިގެން ޒަލްދާން އޮއިލް ސަޕްލައިސްއިން ގއ.ވިލިނގިލި ކޯޓަށް މައްސަލަ ހުށަހަޅާފައިވީ ނަމަވެސް، އެމައްސަލަ އެފަރާތުން އަނބުރާ ނަގާފައިވާތީ އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް 30 އޮކްޓޯބަރ 2017 ގައި ގއ.ވިލިނގިލި ކޯޓުން ހުކުމް ކޮށްފައިވާކަން.

- ޒަލްދާން އޮއިލް ސަޕްލައިސް އިން އެ ބިން ބޭނުންކުރަމުންދަނީ ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށްކަން. އަދި، ހާއްސަކޮށް ޒަލްދާން އޮއިލް ސަޕްލައިސްއަކީ “ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާ ބެހޭ ގަވާއިދު” ގައި ބަޔާންކުރާ ގޮތަށް ތެލުގެ ވިޔަފާރި ކުރުމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ހުއްދަ ދީފައިވާ ފަރާތެއް ނޫންކަން.

- ކުލީގެ ގޮތުގައި ޒަލްދާން އޮއިލް ސަޕްލައިސް އިން ދައްކަންޖެހޭ ފައިސާ ގއ.ވިލިނގިލި ކައުންސިލްގެ އިދާރާއަށް ދައްކާފައި ނުވާކަން.

- އެ ބިމަކީ “ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާ ބެހޭ ގަވާއިދު” ގެ ދަށުން ތެލުގެ ވިޔަފާރި ކުރުމަށް ހުއްދަދެވިދާނެ އަދި ތެލުގެ ވިޔަފާރި ކުރެވިދާނެ ބިމެއް ނޫންކަން.

- “ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާ ބެހޭ ގަވާއިދު” ގެ ދަށުން އެބިމުގައި ތެލުގެ ވިޔަފާރި ކުރުމަށް ހުއްދަ ނުދެވޭނެތީ އެބިމުގެ މުއްދަތު ހަމަވުމުން އެބިން ޒަލްދާން އޮއިލް ސަޕްލައިސްގެ އަތުން އަތުލައި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަން ގއ.ވިލިނގިލި ކައުންސިލުން ނިންމާފައިވާއިރު، އަދި އެބިން ކުއްޔަށް ދީފައިވާ މުއްދަތު ހަމަވިތާ އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާއިރު، އަދި އެބިން ޒަލްދާން އޮއިލް ސަޕްލައިސްއިން ބޭނުންކުރަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ކަމުގައިވާއިރުވެސް، އެބިން ގއ.ވިލިނގިލި ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް މިހާތަނަށް ގެނެސްފައި ނުވާކަން.

އެކަމަކު އޭސީސީގެ އެންގުމާއި، ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެބިން އިތުރު 10 އަހަރު ދުވަހުގެ މުއްދަތަށް އެ ކުންފުންޏަށް ދޭން އެ ރަށު ކައުންސިލުން ވަނީ ނިންމައިފަ އެވެ. އޭސީސީން ބުނީ އެ ކޮމިޝަނުން އަންގާ އެންގުމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އަންގާފައިވާ އެންގުމަކަށްވާއިރު، އެ އެންގުމަށް އަމަލުކުރުމަކީ އެ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އެއްމެހާ ފަރާތްތަކުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން އެ އެންގުމާ އެއްގޮތަށް އަމަލުނުކުރުމަކީ ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ކުށެއް ކަމާއި، އެމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކޮމިޝަނުން ބަލައި އެކަމުގައި ޝާމިލުވާ ކައުންސިލަރުންނާއިމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ވާހަކަ އެ ރަށު ކައުންސިލަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށް ވެސް އޭސީސީން ބުނެ އެވެ. އޭގެ އިތުރުން އެ މައްސަލާގައި ހިމެނޭ ކައުންސިލަރުންނާ މެދު ފިޔަވަޅު އަޅަން، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭ އަށް ވެސް އޭސީސީން ވަނީ އަންގާފަ އެވެ.

ޒަލްދާން އޮއިލް ސަޕްލައިސް އިން ތެލުގެ ވިޔަފާރި ކުރަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމުގައިވާތީ، އެކަން ބަލައި އެ ކުންފުންޏާއި މެދު ފިޔަވަޅު އެޅުއްވުމަށް ވެސް އޭސީސީން ވަނީ ފުލުހުންނަށް އަންގާފަ އެވެ.
ހިޔާލު

އަޕްހޯލްޑް

މިސަރުކާރު ވަޒަންކޮށްލެވޭނެ ކަމެއް. ބަލަންތިބެންވީ. މިކަން ހިނގާގޮތް ނުވެއްޖެނަމަ، އޭސީސީއަށް އެކަން މަނާކުރާފަރާތަކާ ދަޢުވާކޮށް ޒީރޯ ޓޮލެރެންސް އަޕްހޯލްޑް ކުރަންކެރިދާނެބާ؟