EU ge naibu Raeesaa maadhan Rajje vadaigannavanee
image
އީޔޫ ގެ ނައިބު ރައީސާ ފްރެޑްރިކާ މުގުރީނީ--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އީޔޫގެ ނައިބު ރައީސާ ފްރެޑްރިކާ މުގުރީނީ މާދަން ރާއްޖެ ވަޑައިގަންނަވަނީ

ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ނައިބު ރައީސާ އަދި ހައި ރެޕްރެސެންޓެޓިވް އޮފް ދަ ޔޫނިއަން ފޯ ފޮރިން އެފެޔާޒް އެންޑް ސެކިއުރިޓީ ޕޮލިސީ، ފްރެޑްރިކާ މުގުރީނީ މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ.
މުގުރީނީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާ ބައްދަލުކުރައްވާނެއެވެ. ހާރިޖީ ވަޒީރު ޝާހިދު ބްރަސެލްސް އަށް ކުރެއްވި ދަތުރުފުޅުގައި މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ވަނީ މުގުރީނީ އާ ބައްދަލުކުރައްވައިފައެވެ.

ޝާހިދް އާއި މުގުރީނީ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މާދަމާ އޮންނާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދައުވަތަކަށް މުގުރީނީ މަޖިލީހުގައި ތަގުރީރު ވެސް ކުރައްވާނެއެވެ.

އީޔޫ އިން ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއާ މެދު ދަތުކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހަށް އާ ބަދަލުތަކާއެކު ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާ ގުޅުން ބަދަހި ކުރުމަށް އީޔޫ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މުގުރީނީގެ މި ދަތުރުފުޅަކީވެސް މިކަމުގެ ސަބަބުން ކުރައްވާ ދަތުރުފުޅެކެވެ.

އީޔޫގެ ނައިބު ރައީސާ މުގުރީނީ ވަނީ މީގެ ކުރިން އީޔޫ ކައުންސިލްގައި މަސައްކަތް ކުރައްވައިފަ އެވެ. މުގުރީނީ ވަނީ 2008 ވަނަ އަހަރުން 2014 ވަނަ އަހަރުގެ ނިޔަލަށް އިޓަލީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކޮށްފަ އެވެ.

އަދި 2014 ވަނަ އަހަރުގެ ފެބްރުއަރީ އިން އޮކްޓޫބަރު މަހުގެ ނިޔަލަށް އިޓަލީ ގެ ހާރިޖީ ވަޒީރުކަންވެސް މުގުރީނީ ވަނީ ކުރައްވައިފަ އެވެ. ހާރިޖީ ވަޒީރު ކަމުގެ އިތުރުން ހާރިޖީ ވުޒާރާގެ އެތައް މަގާމެއްވެސް މުގުރީނީ ވަނީ ފުރައްވައިފަ އެވެ.

މުގުރީނީ އަކީ މިހާރުވެސް އީޔޫގެ ހާރިޖީ ގުޅުންތަކާއި ސަލާމަތީ ކަންކަން ބަލަހައްޓަވާ އެންމެ އިސް ބޭކަނބަލެވެ.
ހިޔާލު