EU ge naibu Raeesaa Rajjeyga
image
އީޔޫގެ ނައިބު ރައީސް ފްރެޑްރިކާ މުގުރީނީ-- ފޮޓޯ: އީޔޫ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އީޔޫގެ ނައިބު ރައީސް ފްރެޑްރިކާ މުގުރީނީ ރާއްޖެ ވަޑައިގެންފި

ޔޫރަޕިއަން ޔޫނިއަންގެ ހައި ރެޕްރެޒެންޓޭޓިވް އޮފް ދަ ޔޫނިއަން ފޯ ފޮރިން އެފެޔާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ނައިބު ރައީސް، ފްރެޑްރިކާ މުގުރީނީ ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަންފި އެވެ.
މުގުރީނީ ރާއްޖެ ވަޑައިގަންނެވީ މިއަދު ހެނދުނު 09:00 ހާއިރު ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. މުގުރީނީ ވަޑަގަންނެވި އިރު ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލުގެ އިތުރުން ފޮރިން ސެކްރެޓަރީ އަބްދުލް ގަފޫރު މުހައްމަދު އިބްރާހީމް ވަނީ ވައިގެ ބަނދަރުން އެކަމަނާއަށް މަރުހަބާ ދަންނަވައިފަ އެވެ.

މިއީ މުގުރީނީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. މި ދަތުރުގައި އެކަމަނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާ ބައްދަލުކުރައްވާނެ އެވެ.

އަދި ފޮރިން މިނިސްޓަރާއި މުގުރީނީ ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުމެއް ވެސް ފޮރިން މިނިސްޓްރީގައި އޮންނާނެ އެވެ. ޝާހިދު ބްރަސެލްސް އަށް ކުރެއްވި ދަތުރުގައި މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ވަނީ މުގުރީނީ އާ ބައްދަލުކުރައްވައިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދައުވަތަކަށް މުގުރީނީ މަޖިލީހުގައި ތަގުރީރު ވެސް ކުރައްވާނެ އެވެ.

އީޔޫގެ މިހާރުގެ ނައިބު ރައީސާ މުގުރީނީ ވަނީ މީގެ ކުރިން އީޔޫ ކައުންސިލްގައި މަސައްކަތް ކުރައްވައިފަ އެވެ. އޭގެ އިތުރުން އެކަމަނާ ވަނީ 2008 ވަނަ އަހަރުން 2014 ވަނަ އަހަރުގެ ނިޔަލަށް އިޓަލީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފަ އެވެ.

އަދި 2014 ވަނަ އަހަރުގެ ފެބްރުއަރީ އިން އޮކްޓޫބަރު މަހުގެ ނިޔަލަށް އިޓަލީގެ ފޮރިން މިނިސްޓަރުކަން ވެސް މުގުރީނީ ވަނީ ކުރައްވައިފަ އެވެ. އޭގެ އިތުރުން ވެސް ފޮރިން މިނިސްޓްރީގެ އެތައް މަގާމެއް މުގުރީނީ ވަނީ ފުރައްވައިފަ އެވެ.

އީޔޫ އިން 2018 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއާ މެދު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ އިރު މުގުރީނީގެ މި ދަތުރަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކާއެކު ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅިގެން، ރާއްޖެއާ އީޔޫގެ ގުޅުން ބަދަހި ކުރުމަށް ކުރައްވާ ދަތުރެކެވެ.
ހިޔާލު