Rilwan massala: Thuhumathu kurevey fandiyaaru beyruga hurumakee insaafah huraheh!
image
ރިލްވާން ގެއްލުވާލުމުން ބޭއްވި "ސުވާލު މާޗު" ގެ ތެރެއިން-- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
1 ކޮމެންޓް
 

ރިލްވާން މައްސަލާގައި ތުހުމަތު ކުރެވޭ ފަނޑިޔާރަކު ރާއްޖެއިން ބޭރުގައި ހުރުމަކީ އިންސާފަށް އެޅޭ ބޮޑު ހުރަހެއް: އާއިލާ

ނޫސްވެރިޔާ ރިޟްވާން އަބްދުﷲ ގެއްލުވާލި މައްސަލާގައި ބޮޑު ތުހުމަތުތަކެއް ކުރެވޭ ފަނޑިޔާރަކު މިހާރު ރާއްޖެއިން ފުރާފައިވުމީ އިންސާފު ގާއިމް ކުރުމަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ރިޟްވާންގެ އާއިލާއިން ބުނެފި އެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާނަށް ވީނުވީއެއް ނޭނގި ގެއްލުނުތާ މިއަދަށް ފަސް އަހަރު ފުރޭއިރު، އެ އާއިލާއިން ނެރުނު ބަޔާނުގައި ވަނީ އިންސާފު ގާއިމް ކުރުން އަވަސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލާފަ އެވެ.

"ރިޟްވާން މައްސަލާގައި ތުހުމަތު ކުރެވޭ ބައެއް މީހުން ފުރައިގެން ދިޔުމުގެ ތުހުމަތު ކުރެވޭ ފަނޑިޔާރު މިހާރު ހުރީ ރާއްޖެއިން ބޭރުގައި. ތުހުހުމަތު ކުރެވުނު އިތުރު މީހުން ވެސް ފުރައިގެން ގޮސްފައިވުމަކީ އިންސާފު ގާއިމް ކުރުމަށް އެކަށީގެންވާ މަސައްކަތް ކުރުމަށް ދައުލަތުން ފޭލުވަމުންދާ ސަބަބު،" އެ ބަޔާނުގައި ވެއެވެ.

އެ އާއިލާއިން ބުނެފައި ވަނީ ފަސް އަހަރުވީއިރު ރިޟްވާނަށް ވީގޮތެއް ނޭނގުމަކީ ދައުލަތުން "ނިހާޔަތަށް" އިހުމާލުވެފައިވާ ކަމުގެ ހެއްކެއް ކަމަށާއި ރިޔާޔީ ކޮމިޝަނެއް އުފެއްދުމަށް ފަހު މަސައްކަތް ލަސްވާތީ ހިތާމަ ކުރާ ކަމަށެވެ.

"ރިޔާސީ ކޮމިޝަން އުފައްދާފައި ވެސް އިންސާފަށް ލަސްވާތީ ހިތާމަކުރަން، ލަސްވުމަކީ އިންސާފަށް އެޅޭ ހުރަހެއް،" އެކަންކަން ބަދަލު ކުރުމަށް ރައީސް ސޯލިހަށް ގޮވާލާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ވަނީ މުޅި މައްސަލާގައި ހިމެނޭ ފަރާތްތަކާއި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ. އެގޮތުން އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ތަހުގީގު ކުރުމުގައި އިހުމާލުވި ފުލުހުންނާއި، ފުލުހުންގެ ޝަކުވާތައް ނުބެލި އޭރުގެ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުންނާއި، ރިޟްވާން ވަގަށް ނެގުމުގެ ތުހުމަތު ކުރެވޭ މީހުން މިނިވަން ކުރި ފަނޑިޔާރުގެ މައްސަލަ ގާނޫނާއި ގަވާއިދުތަކާ އެއް ގޮތަށް ބަލައި، އިންސާފު ގާއިމް ކުރުމަށް ގޮވާލާފައި ވެއެވެ.

އެ އާއިލާއިން އިތުރަށް ބުނެފައި ވަނީ ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އިހުމާލުވެފައިވާ ކަމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވާއިރު، "އެކަންކަން ރަނގަޅުކޮށް އިސްތިއުނާފް ކުރުމަށް ޕީޖީ އޮފީހުން ފަސް ޖެހިފައި އޮތުމަކީ އިންސާފެއް އެޅޭ ހުރަހެކެވެ".

އަދި ތަހުގީގުގައި ހުރި މައްސަލަތައް ފާހަގަވި ފަނޑިޔާރު އަލުން އެ މައްސަލަ ތަހުގީގުކޮށް، ޝަރީއަތަށް ގެނައުމަށް އަމުރު ނުކުރުމަކީ ވެސް ސުވާލު އުފެދޭ ބޮޑު މައްސަލައެއްގެ ގޮތުގައި ބުނެފައި ވެއެވެ.

އާއްމުކޮށް ހުޅުވާލައިގެން މިދިޔަ ޖޫން މަހު ބޭއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ތަހުގީގު އަޑުއެހުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައި ވަނީ ރިޟްވާން ގެއްލުވާލި މައްސަލާގައި ހިމެނޭ މީހަކު ޖަލުން ދޫކުރުމުގައި ފަނޑިޔާރު ދީދީގެ އަތެއްވާ ކަމަށް ބެލެވޭ މިންވަރަށް ފުލުހުންނަށް ހެކި ލިބިފައިވާ ކަމަށެވެ.

އެ ތަހުގީގީ އަޑުއެހުން ބޭއްވިތާ މާ ގިނަ ދުވަހެއް ނުވެ، ފަނޑިޔާރު ދީދީ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެވެ. އޭގެ ފަހުން އަދި ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.

މީގެ ކުރިން ރިޟްވާންގެ އާއިލާ އިން ވަނީ އެ ދުވަހު ބޭއްވި އަޑުއެހުމުން ލިބުނު މައުލޫމާތުގެ އަލީގައި ތަހުގީގު އަވަސް ކުރުމަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތަކާއި ޝައްކު ކުރެވޭ މަރުތަކުގެ މައްސަލަ ބަލަން ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ގޮވާލާފަ އެވެ.

"އެ މައުލޫމާތުގެ އަލީގައި، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ގާޒީ އަބްދުﷲ ދީދީ އާއި އަހްމަދު އަދީބު ހާޒިރުކޮށް، ފުރިހަމަ ޖިނާއީ ތަހުގީގެއް ވީހާވެސް އަވަހަކަށް ހިންގަވައި ދެއްވުމަށް އެދި މި އާއިލާގެ ފަރާތުން އެ ކޮމިޝަނަށާއި ފުލުހުން އިދާރާ އަށް ގޮވާލަމެވެ،" ކުރިން ނެރުނު ބަޔާނެއްގައި ވެއެވެ.

ރިލްވާންގެ އާއިލާ އިން އިތުރަށް ފާހަގަކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ ދަށުން ފަނޑިޔާރު ދީދީގެ މައްޗަށް ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މައުލޫމާތު ބޭނުން ކުރުމުގައި، ގާނޫނު ހުއްދަ ނުކުރާ ކަމެއް ކުރުމާއި، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުޙުމަތު މިހާރު ކުރެވިދާނެ ކަމެވެ.

އޭގެ އިތުރުން ވެސް ގާނޫނުލް އުގޫބާތުގެ ދަށުން އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ގޮތުން މައްސަލާގައި ހިމެނޭ މީހަކު ގައުމު ދޫކޮށް ދިއުމަށް ނުވަތަ ފިލައިގެން އުޅުމަށް ހިތްވަރު ދިނުމުގެ ތުހުމަތު ވެސް ފަނޑިޔާރު ދީދީގެ މައްޗަށް މިހާރު ކުރެވޭނެ ކަމަށް އެ އާއިލާ އިން ވަނީ ފާހަގަކޮށްފަ އެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި ޝަރީއަތް ކުރީ މިނިވަން ފަނޑިޔާރު ގެއަކުން ނޫން ކަމަށް ވެސް އެ އާއިލާ އިން ވަނީ ބުނެފަ އެވެ. އެގޮތުން ފަނޑިޔާރުންގެ ގާނޫނުން ލާޒިމް ކުރާ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ނުޖެހުމާއި، ވަކިފަރާތެއްގެ ނުފޫޒަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވުމާއި ތަޢައްސުބުން އެއްކިބާވުމުގެ ސިފަތައް އެ ޝަރީއަތުން ނުފެންނަކަމަށް ބުނެފައި ވެއެވެ.

"އަޅުގަނޑުމެންގެ ކޮއްކޮ ގެއްލުވާލައިފައިވާ މައްސަލަ އާއި ގުޅިގެން ހިންގި ޓެރަރިޒަމް މައްސަލައަކީ، ކަމުގެ ވަށައިގެންވާ ސިޔާސީ ނުފޫޒުތަކާއި، އޭނާ ގެއްލުވާލުމަށް ރާވައި، އެ ޖަރީމާ ހިންގުމަށް ހަރަދުކޮށް، އެކަން އަމަލީ ގޮތުން ހިންގި މީހުން ހިމާޔަތް ކުރި ފަރާތްތަކާއި ދެކޮޅަށް ފުރިހަމަ ތަހުގީގެއް ހިންގުމަށްފަހު މިނިވަން މުސްތަގިއްލު ފަނޑިޔާރު ގެއަކުން އަލުން ބަލަންޖެހޭ މައްސަލައެއް ކަމަށް ވެސް އަޅުގަނޑުމެން ގަބޫލުކުރަމެވެ،" ރިލްވާންގެ އާއިލާއިން ބުންޏެވެ.

ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް 8 ވަނަ ދުވަހުގެ ރެއެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ރިލްވާން ހުޅުމާލޭގައި ދިރިއުޅޭ ފްލެޓުގެ ބޭރުގައި އެރޭ މީހަކު ގަދަ ކަމުން ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔަ އެވެ. އަދި އެ ކާރުން ރިލްވާން މަންމަގެ ޑީއެންއޭ ވެސް ވަނީ ފެނިފަ އެވެ.

އެކަމަކު މިދިޔަ އަހަރުގެ އޯގަސްޓް މަހު ކޯޓުން ވަނީ އެ މައްސަލައިގެ ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާފަ އެވެ. ކޯޓުގެ ހުކުމުގައި ބުނީ ތަހުގީގު ކުރުމާއި ދައުވާ އުފުލުމުގައި ބޮޑެތި މައްސަލަތަކެއް އެބަ ހުރި ކަމަށެވެ.

ރިޔާސީ ކޮމިޝަނުން އެންމެ ފަހުން ބުނީ ތަހުގީގުތައް ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވީ ނަމަވެސް، ގާނޫނީ އިތުރު ބާރުތައް ބޭނުންވާ ކަމަށެވެ. ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ދިނުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ޖޫން މަހުގެ ތެރޭގައި ވަނީ ފާސްކޮށްފަ އެވެ. އަދި މިހާރު އެ ބިލް ވަނީ ތަސްދީގުކޮށް ގާނޫނަކަށް ބަދަލުވެފަ އެވެ.
ހިޔާލު

ބޭރުކުރޭ

އެ މީހުން އުޅޭ ގައުމުތަކުގެ މީހުން ހޭލުންތެރިކޮށް އެތަންތަނުން ބޭރުކުރަން ކެންޕޭނެއް ޖައްސަލަބަލަ!