Foreign investment thakun Raajje ah bodu manfaa eh libey: Raees
image
އުރީދޫގެ މޫލީ އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ފޮރިން އިންވެސްޓުމަންޓުތަކުން ރާއްޖެއަށް ލިބޭ މަންފާއަކީ ކުޑަ މަންފާއެއް ނޫން: ރައީސް

ފޮރިން އިންވެސްޓުމަންޓުތަކުން ރާއްޖެއަށް ލިބޭ މަންފާއަކީ ކުޑަ އެއްޗެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް (މޫލީ) އިފްތިތާހް ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް އެތަކެއް ފޮރިން އިންވެސްޓުމަންޓުތަކެއް ހިންގަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ މަންފާ ވެސް ލިބެމުން އަންނަ ކަމަށާއި އެގޮތުން އުރީދޫއަކީ އޭގެ މިސާލެއް ކަމަށް ރައީސް ސާލިހް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރާއްޖެ އަންނަން ބޭނުންވާ ފޮރިން އިންވެސްޓުމަންޓުތަކަށް މަރުހަބާ ކިޔާ ކަމަށެވެ.

"ރާއްޖެއަށް ލިބޭ މަންފާ ވަކިން ކުޑަ ނޫންކަން، އުރީދޫން އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިއްޖެ. މިއަދު ވެސް އަޅުގަނޑުމެން މިތިބީ ފޮރިން އިންވެސްޓަރުންނަށް މަރުޙަބާ ކިޔަން ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.

އެކަމާއި ގުޅޭ މާ ބޮޑު ތަފްސީލެއް ރައީސްގެ ވާހަކަފުޅުގައި ނުދެއްވި ނަމަވެސް ސަރުކާރުން އަންނަނީ ރާއްޖޭގައި ފޮރިން އިންވެސްޓުމަންޓުތައް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ސަރުކާރުން އިސްނަގައިގެން ވަނީ ޕާޓްނަޝިޕް ފޯރަމެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. ސަރުކާރުން ބުނެފައި ވަނީ އެފަދަ ފޯރަމްތައް ބޭއްވުމުގެ މަގްސަދަކީ އެހީ އާއި އިންވެސްޓްމަންޓު ހޯދުން ކަމަށެވެ.

މީގެ އިތުރުން ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި މާހައުލަކަށް ހެދުމުގެ ގޮތުން ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ހިޔާލު