Faisaa aa gulhey bill thah hushahelheynee Sarukaarah ekani
image
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

ފައިސާއާ ގުޅޭ ބިލުތައް ސަރުކާރަށް އެކަނި ހުށަހެޅޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފި

ފައިސާއާ ގުޅުން ހުރި ބިލުތައް ހަމައެކަނި ސަރުކާރަށް ހުށަހެޅޭ ގޮތަށް ރައްޔިތުން މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ އާއްމު ބިލުތަކާއި ގަރާރުތަކުގެ އިތުރުން ދައުލަތުން ޓެކުހެއް ނަގަން ޖެހޭނެ ނުވަތަ ރައްޔިތުންގެ އަތުން އިތުރު ފައިސާއެއް ނަގަން ޖެހޭނެ ނުވަތަ ދައުލަތުގެ މާލިއްޔަތުން ސީދާ ގޮތުން އެއްވެސް ފަރާތަކަށް ފައިސާއެއް ދޭން ޖެހިދާނެ ކަމެއް ނުވަތަ އުނި އިތުރެއް ގެންނަން ޖެހިދާނެ ކަމެއް ހިމެނޭ އެއްވެސް ބިލެއް ހުށަހެޅޭނީ ސަރުކާރަށް ކަމަށެވެ.

މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ ކުރިން އޮންނަނީ ޓެކުހާއި ގުޅޭ ބިލުތައް ސަރުކާރަށް އެކަނި ހުށަހެޅޭ ގޮތަށެވެ. ނަމަވެސް ފައިސާއާ ގުޅޭ އެހެން ބިލުތައް މެންބަރުންނަށް ހުށަހެޅުމަށް އެއްވެސް ހުރަހެއް މަޖިލީހުގެ ގަވާއިދަކު އިސްލާހު ކުރުމުގެ ކުރިންނެއް ނޯވެ އެވެ.

މަޖިލީހުގެ ގަވާއިދަށް މި އިސްލާހު ގެނައި އިރު ދާދި ފަހުން ވެސް މަޖިލީހަށް ވަނީ ފައިސާއާ ގުޅޭ އެތައް ބިލުތަކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ދޭ އިނާޔަތް ބޮޑު ކުރުމާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދޭ އިނާޔަތް ބޮޑު ކުރުމަށް ވެސް ބައެއް މެންބަރުން ވަނީ އިސްލާހުތައް ހުށަހަޅާފަ އެވެ.

މި އިސްލާހުތައް ހުށަހެޅުމުން ސަރުކާރަށް ތާއީދު ކުރާ މެންބަރުން ވަނީ އެކަމާއި ދެކޮޅަށް ވާހަކަދައްކާފަ އެވެ. ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި ސަރުކާރާއި މަޝްވަރާ ނުކޮށް އެފަދަ ބިލުތައް މެންބަރުންނަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހެއެވެ. އަދި ފައިސާއާ ގުޅޭ ބިލުތައް ހުށަހެޅުމުގެ ފުރިހަމަ އިހްތިޔާރު އޮންނަން ޖެހޭނީ ދައުލަތަށް އެކަނި ކަމަށް ވެސް ބައެއް މެންބަރުން ފާހަގަކުރެއްވި އެވެ.
ހިޔާލު