Service Charge 10 percent ah: Komme meehakah 1000 dollar ah vure mathivaane!
image
ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ބޭއްވި އިހުތިޖާޖެއްގެ ތެރެއިން-- ފޮޓޯ: ޓީމް
3 ކޮމެންޓް
 

ސާވިސް ޗާޖް 10 ޕަސެންޓަށް: ކޮންމެ މީހަކަށް އެއް ހާސް ޑޮލަރަށް ވުރެ މަތިވާނެ!

ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާ ކޮށްފައިވާ ގޮތަށް ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި މަދުވެގެން 10 ޕަސެންޓް ދޭން ގާނޫނަށް އިސްލާހު ގެނެސްފި ނަމަ، ކޮންމެ މުވައްޒަފަކަށް ވެސް އާންމު ގޮތެއްގައި ސާވިސް ޗާޖުގެ ގޮތުގައި މަހަކަށް އެއް ހާސް ޑޮލަރަށް ވުރެ މަތިން ލިބޭނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެކަން ހާމަވަނީ ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ސާވިސް ޗާޖުގެ ތަފްސީލް ހޯދުމަށް މަޖިލީހުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި އެދުމުން، އެ އޮތޯރިޓީން މަޖިލީހަށް ފޮނުވި ތަފާސްހިސާބުތަކާއި، އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް ބެލުމުންނެވެ.

ސާވިސް ޗާޖަކީ މީރާ އިން ސީދާ ބަލަހައްޓާ މައުލޫމާތު ތަކެއް ނޫނެވެ. އެކަމަކު ރިސޯޓްތަކުން ޓީޖީއެސްޓީގެ ސޭލްސްގެ ގޮތުގައި ހުށަހަޅާފައިވާ އަދަދުތަކަށް ބިނާކޮށް، އޭގެ 10 ޕަސެންޓް ސާވިސް ޗާޖުގެ ގޮތުގައި ދައްކާ ނަމަ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސާވިސް ޗާޖުގެ ގޮތުގައި ދޭން ޖެހޭނެ އަންދާޒީ ހިސާބެއް މީރާ އިން ވަނީ މަޖިލީހަށް ހިއްސާ ކޮށްފަ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ މަހަކު 28 މިލިޔަން ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ބަހަން ޖެހެ އެވެ. ގާނޫނު އިސްލާހު ކޮށްފި ނަމަ އެ ފައިސާ އަކީ މުވައްޒަފުންނަށް ބަހަން ޖެހޭ ޖުމްލަ އަދަދެވެ. އަދި އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން ރިސޯޓްތަކުގައި 27،837 މީހުން މަސައްކަތް ކުރެ އެވެ. އެހެންކަމުން އެ ހިސާބުތަކަށް ބަލާއިރު ބޮލަކަށް ގާތްގަނޑަކަށް 1،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް، ސާވިސް ޗާޖުގެ ގޮތުގައި އެވްރެޖްކޮށް ކޮންމެ މަހަކު ވެސް ލިބިގެން ދާނެ އެވެ.

ރާއްޖޭގެ ރިސޯޓްތަކުގެ އެވްރެޖް މުސާރަ އަކީ 500 ޑޮލަރު ވަރު ކަމަށް، އެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބޭފުޅުން ބުނެ އެވެ. އެ ބޭފުޅުން ބުނާ ގޮތުގައި އެ އަށް ވުރެ ކުޑަ މުސާރަތައް ދޭ ރިސޯޓްތައް ވެސް ގިނަ އެވެ. އެހެންކަމުން ގާނޫނަށް އިސްލާހު ގެނެސް، ސާވިސް ޗާޖު ދޭން ޖެހޭ އުސޫލު ބަދަލު ކޮށްފިނަމަ ގިނަ ބަޔަކަށް ބޮޑު ފައިދާ އެއް ލިބިގެން ދާނެ އެވެ.

"ބައެއް ރިސޯޓްތައް އެބަހުރި 200-300 ޑޮލަރުގެ މުސާރަ ދީފަ އަދި ސާވިސް ޗާޖު ވެސް އެހާ ކުޑަ ކޮށް ދޭ ތަންތަން. މި ފަހުން ވެސް އެބައުޅޭ ރިސޯޓަކުން 50 ޑޮލަރަށް ވުރެ ވެސް ކުޑަ ސާވިސް ޗާޖެއް ލިބުނު މައްސަލައެއް. ސާވިސް ޗާޖާއި އެކު މިނިމަމް ވޭޖް ވެސް ކަނޑައަޅައިދީ، މުސާރައިގެ ގޮތުގައި މަދުވެގެން 600 ޑޮލަރު ވަރު ލިބެން ޖެހޭނެ މި އިންޑަސްޓްރީގައި އުޅޭއިރު،" ރިސޯޓް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާ މީހަކު ނަން ނުޖަހާ ގޮތަށް ކިޔައިދިނެވެ.

އާންމުކޮށް އެ ވަރުގެ ސާވިސް ޗާޖެއް މިހާރު ލިބެނީ މަދު ރިސޯޓަކުންނެވެ. ރާއްޖޭގެ އެންމެ މަތީ ފަންތީގެ "ދެތިން" ރިސޯޓަކުން ބޮޑު ސާވިސް ޗާޖެއް، މުވައްޒަފުންނަށް ލިބުނު ނަމަވެސް ގިނަ ރިސޯޓުތަކުން އެވަރާ ގާތްކުރާ ވަރުގެ ސާވިސް ޗާޖެއް ނުލިބެ އެވެ. މޯލްޑިވްސް ސާވިސް ޗާޖު ވެބްސައިޓުން ދައްކާ ގޮތުން ފާއިތުވި ހަތަރު މަހަށް ބަލާއިރު އެވްރެޖްކޮށް 1،000 ޑޮލަރުން މަތިން ސާވިސް ޗާޖު ލިބުނީ ހަ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. އަދި ތިން ރިސޯޓަކުން 900 ޑޮލަރުން މަތިން ސާވިސް ޗާޖު ދީފައި ވެއެވެ.

ފާއިތުވި ފަސް އަހަރުގެ ތަފާސްހިސާބުތައް:

ފާއިތުވި ފަސް އަހަރަށް ބަލާއިރު، ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ލިބެން ޖެހެނީ މި އަހަރު އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަހަށް އެކަނި ބަލާއިރު އެވްރެޖްކޮށް މަހަކަށް 28 މިލިޔަން ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ބަހަން ޖެހޭއިރު، މިދިޔަ އަހަރަށް ބަލާއިރު އެ އަދަދު އުޅެނީ އެވްރެޖްކޮށް މަހަކަށް 23.1 މިލިޔަން ޑޮލަރު (356 މިލިޔަން ރުފިޔާ) ގައެވެ.

އޭގެ އިތުރުން މަދުވެގެން 10 ޕަސެންޓް ސާވިސް ޗާޖުގެ ގޮތުގައި ދެމުން ދިޔަ ނަމަ 2017 ވަނަ އަހަރު އެވްރެޖްކޮށް ކޮންމެ މަހަކަށް 21.3 މިލިޔަން ޑޮލަރު (328.4 މިލިޔަން ރުފިޔާ) ސާވިސް ޗާޖުގެ ގޮތުގައި ރިސޯޓްތަކުގެ މުވައްޒަފުންނަށް ދޭންޖެހޭނެ އެވެ. އަދި 2016 ގައި އެ އަދަދު އެވްރެޖްކޮށް މަހަކަށް 21 މިލިޔަން ޑޮލަރު (323.8 މިލިޔަން ރުފިޔާ)، 2015 ގައި އެވްރެޖްކޮށް މަހަކަށް 20 މިލިޔަން ޑޮލަރު (308 މިލިޔަން ރުފިޔާ) ގެ އިތުރުން 2014 ގައި އެވްރެޖްކޮށް މަހަކަށް 21 މިލިޔަން ޑޮލަރު (323.8 މިލިޔަން ރުފިޔާ) ރިސޯޓްތަކުގެ މުވައްޒަފުންނަށް، ސާވިސްޗާޖުގެ ގޮތުގައި ލިބިގެން ދާނެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި މިހާރު ވާގޮތުން ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އެއް ޕަސެންޓަށްވާ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އެފަރާތެއްގެ މުވައްޒަފުންނަށް ބަހައި ނިންމަންޖެހޭނެ އެވެ. އެހެންކަމުން މިހާރު ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑުވެގެން ވެސް ލިބޭނީ ނުވަ ޕަސެންޓެވެ.

ރިސޯޓު މުވައްޒަފުންނަށް ގަވާއިދުން ސާވިސް ޗާޖު ދޭތޯ އާއި ސާވިސް ޗާޖު ދެމުންދާ އުސޫލު ބެލުމަށް މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. އެ މައްސަލަ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދިރާސާ ކުރުމަށް ފަހު ތައްޔާރު ކުރި ރިޕޯޓުގައި ވަނީ ހުރިހާ ރިސޯޓަކުން ސާވިސް ޗާޖު ދިނުމުގައި އެއް އުސޫލަކުން އަމަލު ކުރުމަށް ގާނޫނަށް އިސްލާހެއް ގެންނަން ފެންނަ ކަމަށެވެ. އެގޮތުން ހުރިހާ ރިސޯޓަކުން ވެސް ސާވިސް ޗާޖުގެ ގޮތުގައި މަދުވެގެން 10 އިންސައްތަ ނެގުން މަޖުބޫރު ކުރުމަށް ގާނޫނު އިސްލާހު ކުރުމަށް ލަފާ ދޭން ނިންމީ ވެސް އެ ކޮމިޓީންނެވެ.

އިގްތިސާދީ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމުން އިއްޔެ ފާސްކުރީ ވޯޓުގައި ބައިވެރިވި 75 މެމްބަރުންގެ އިއްތިފާގުންނެވެ. ރިޕޯޓަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ތަޅުމުގައި މެމްބަރުން ވަނީ ސާވިސް ޗާޖާއި ގުޅޭ ހަރުދަނާ އުސޫލެއް މުހިއްމު ކަމަށާއި އެފަދަ މައްސަލަތައް ބެލޭނެ ނިޒާމެއް މުހިއްމު ކަމަށް ފާހަގަކުރައްވާފަ އެވެ.
ހިޔާލު

mohamed

ފައްޔާޒް އިސްމާއީގެ އާއިލާގެ ކުލި ނުދައްކާ ނުހަދާ އޮތް ފަޅުރަށްތަކުގެ ތެރެއިން 2 ރަށެއްގެ މަސައްކަތް މިހާރު ބާރަށް ކުރިޔައްދަނީ ސަުވާލަކީ ކޮނަތަކުންހޯދި ލާރިއެއްހޭ ؟ ފައްޔާޒް ވަރަށް ކަޓު ނަގާ ހަބަރުތައް ރަށުތެރޭގަ އިވޭ ރެދު ނެތިއަޔާ އަޑެއް ނުކިޔާނެ މުސކުޅިން ބުނެ އުޅޭ .

ރިޒޯޓް ބޯއީ

ދެން ކޮބާތޯ ކެޝުއަލް މީހުން ، އަހަރު ދެއަހަރު ވެގެން ދާއިރުވެސް ދާއިމީ ނުކުރެ، ސާވިސްޗާޖް ނުލިބެ. ސޮނެވާގަ މިހާރުވެސް އެބައުޅެ 100 ވަރަކަށް ކެޝުއަލް ސްޓާފުން

މާޖިދު

ލަންކާ ވަގުން ނުދޭނެ