Eh dhanfalheege pilot project 22 school ehga, varah kaamiyaabu
image
ސްކޫލެއްގެ ދަރިވަރުންތަކެއް-- ފޮޓޯ: ވަން އޮންލައިން
0 ކޮމެންޓް
 

އެއް ދަންފަޅި އަށް ކިޔަވައި ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް 22 ސްކޫލެއްގައި، ވަރަށް ކާމިޔާބު

ރާއްޖޭގެ 22 ސްކޫލެއްގައި މިހާރު ފަށާފައި އެއް ދަންފަޅިއަށް ކިޔަވައި ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓު ވަރަށް ކާމިޔާބު ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ އެ ޕްރޮގްރާމާ ބެހޭ ތަފްސީލް ހާމަކުރައްވާފަ އެވެ.

"އެ 22 ސްކޫލުގެ ޕްރިންސިޕަލުން ވެސް އެބަ ބުނޭ ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށް. މި ފަށަނީ ކުޅިވަރުގެ ހަރަކާތަކުން. އެހެންވެ ކުދިން ސިކުނޑި ހުޅުވާލަދޭ އެބަ ކިޔެވުމަށް. އެ ކުޅިވަރު ހަރަކާތުގައި ބައިވެރިވޭ ބެލެިވެރިން ވެސް އަމިއްލަ ޖަމާއަތްތަކުން ވެސް. އެމްއެންޑީއެފާއި ފުލުހުން ވެސް ބައެއް ހަރަކާތްތައް ހިންގައިދޭ. ބައެއް ފަހަރު ބީޗުގައި އަނެއް ބައި ފަހަރު ދަނޑުގައި ވެސް ކުރިއަށްދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގެ ސަބަބުން ކަރިކިއުލަމްގެ ބޭރުން ދަރިވަރުންނަށް މުހިއްމު ހުނަރުތަކާއި، ދިރިއުޅުމުގެ މުހިއްމު ކަންކަން ދަސްކޮށްދެވޭނެ ކަމަށް އައިޝަތު ފާހަގަކުރެއްވި އެވެ. އަދި ކްލާސްރޫމުގެ ބޭރުން ހިންގާ އެ ހަރަކާތްތަކުގެ ސަބަބުން ކުދިންގެ މެދުގައި ހުންނަ އަހުލާގީ މައްސަލަތައް މަދުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"މިހާރު ވެސް އެބަހުރި ހެނދުނު ދަންފަޅި އެކަނި ހިންގާ 154 ސްކޫލެއް. އެކަމަކު އެ ތަންތަނުގައި އެ ހިންގަނީ ވަށާ ޖެހޭ ތައުލީމުތޯ އެބަ ބަލަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެއާ ހިލާފަށް މި ޕްރޮގްރާމް ހިންގަމުންދާ 22 ސްކޫލުގައި ކުދިން ސްކޫލުގައި އުޅޭ ވަގުތު އިތުރުވާނެ ކަމަށާއި، އެކަކަމު އެ ގަޑިއަށް ފަހު ދެން އެއްވެސް ކުއްޖަކު ސްކޫލަށް އަންނަން ނުޖެހޭނެކަން ފާހަގަކުރެއްވި އެވެ.

"ސްކޫލަށް އަންނާނީ ހެނދުނު 6 ނޫނީ 7 ޖަހާއިރު. ނިމޭނީ ގާތްގަނޑަކަށް 3 ޖަހާއިރު. އެހެންވީމަ ސްކޫލުގައި ހޭދަ ކުރާ ވަގުތު ގިނަވެފައި އިތުރު ގަޑީގައި އެ ކުދިން ސްކޫލަށް އަންނާކަށް ނުޖެހޭނެ. ވަރަށް ބޮޑު ކޮމްޕްލެއިނެއް އެއީ މުދައްރިސުންގެ ވެސް އަބަދު ހުރިހާ ވަގުތެއް ސްކޫލުގައި ހޭދަ ކުރަން ޖެހުން،" އައިޝަތު ވިދާޅުވި އެވެ.

ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލު ކުރަން ބެނުންވާ ވަސީލަތްތައް ދެނެގަތުމަށް އޮޑިޓެއް ހެދުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާއިރު، މާލެ ސަރަހައްދުގައި އެ ޕްރޮގްރާމް އެންމެ ރަނގަޅަށް ހިންގުމަށް އިތުރު 10 ސްކޫލު ބޭނުންވާކަން ކުރިން ފާހަގަވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނިންމީކީއެއް ނޫން ސްކޫލެއް އަޅާކަށް. ރަނގަޅު ސްކޫލެއްގައި ތިބެން ޖެހެނީ 800 އާއި 1000 އާ ދެމެދުގެ އަދަދަކަށް ކުދިން. އެކަމަކު އިސްކަންދަރު ސްކޫލުގައި އެކަނިވެސް އެބަ ތިބި 2500 ކުދިން،" މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ހާލަތު މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ގިނަ ސްކޫލުތައް އެއް ދަންފަޅި ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގައި ހުރި ދަތިކަން ކަމަށެވެ.

"މިއަންނަ އަހަރު ގިނަ ސްކޫލުތަކެއް ސިންގަލް ސެޝަނަށް ބަދަލުވާނެ. މިހާރު އޮތް ބަޖެޓަކުން ނުވާނެ. ބަޖެޓް އިމްޕްލިކޭޝަންސް ހުރީމަ ގިނަ ސްކޫލިތަކުގައި މިއަހަރު ނުފެށުނީ. އަންނަ އަހަރު އާ ބަޖެޓާއެކު އިތުރު ސްކޫލުތަކުގައި ފެށޭނެ، އައިޝަތު އިއުލާން ކުރެއްވި އެވެ.
ހިޔާލު