EU ge Naibu Raees Majileehugai thagureeru kurahvaifi
image
މަޖިލީހުގައި ފްރެޑްރިކާ ތަގުރީރު ކުރައްވަނީ.-- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

އީޔޫގެ ނައިބު ރައީސް މަޖިލީހުގައި ތަގުރީރު ކުރައްވައިފި

އީޔޫގެ ހައި ރެޕްރެޒެންޓޭޓިވް އޮފް ދަ ޔޫނިއަން ފޯ ފޮރިން އެފެޔާޒް އެންޑް ސެކިއުރިޓީ ޕޮލިސީ ނައިބު ރައީސް ފްރެޑްރިކާ މުގުރީނީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ތަގުރީރު ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރާއްޖެ ވަޑައިގެން ފްރެޑްރިކާ މުގުރީނީ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ވަނީ އާ ސަރުކާރާއި އެކު ރާއްޖޭގައި ޑިމޮކްރަސީ އާލާވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއާ އެކު އީޔޫ އާ އެކު އޮންނަ ގުޅުންތައް ވެސް ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީޔޫ އިން ދެކެނީ ރާއްޖެ އަކީ ގާތް އެކުވެރިއެއްގެ ގޮތުގައި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިއީ އޭނާ އީޔޫ އިން ބޭރުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވާ ފުރަތަމަ ފަހަރު ކަމަށް ވެސް ފްރެޑްރިކާ މުގުރީނީ ވިދާޅުވި އެވެ.

ފްރެޑްރިކާ މަޖިލީހަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ތަގުރީރު ކުރެއްވުމުގެ ކުރިން ފްރެޑްރިކާ ވަނީ މަޖިލީހަށް ވަޑައިގަންނަވާ އިއްޒަތްތެރިން ސޮއި ކުރާ ފޮތުގައި ސޮއި ކުރައްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު ވަނީ ފްރެޑްރިކާ އާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ. އޭގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާ އެކު ވެސް ވަނީ މަޝްވަރާތައް ބާއްވައިފަ އެވެ.
ހިޔާލު