''Veythuvedhiya aharuthaku gellunu furusathuthah sarukaarun midhanee hoadhamun''
image
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އީޔޫގެ ނައިބު ރައީސާ ފްރެޑްރިކާ މުގުރީނީ--ފޮޓޯ:އަވަސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ވޭތުވެދިޔަ އަހަރުތަކުގައި ގެއްލުނު ފުރުސަތުތައް މިދަނީ ހޯދަމުން: ފޮރިން މިނިސްޓަރު

ރާއްޖެއަށް ފައިދާ ހޯދުމަށް ވޭތުވެދިޔަ ހަތް އަހަރު ދުވަހު ގެއްލުނު ފުރުސަތުތައް މިސަރުކާރުން މިދަނީ ހޯދަމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އީޔޫގެ ނައިބު ރައީސާއާ އެކު މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝާހިދު ވިދާޅުވީ ރާއްޖެއިން އީޔޫ އާ ގުޅުން ކަނޑާލުމުގެ ސަބަބުން ރާއްޖެއަށް ލިބެންޖެހޭ އެތައް ފުރުސަތެއް ގެއްލިފައިވާ ކަމަށެވެ.

އެގޮތުން ގުޅުން ކަނޑާލުމުގެ ސަބަބުން ރާއްޖެއަށް ފައިދާވާނެ ވިޔަފާރީގެ އެތައް ފުރުސަތެއް ގެއްލިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ އީޔޫއާއި ރާއްޖެއާ ދެމެދު ވިޔާފާރީގެ ގުޅުންތައް ފެށުނީ އަދި ކިރިޔާ ކަމަށެވެ.

ރާއްޖެއަށް ފައިދާވާނެ ފުރުސަތުތައް ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވާނެ ކަމުގެ ޔަގީންކަންވެސް ޝާހިދު ވަނީ އަރުވައިފައެވެ.

ޝާހިދު ވިދާޅުވީ ކުރިއަށް އޮތްތާގައި ރާއްޖެއާއި އީޔޫގެ ގުޅުން ދާނީ އިތުރަށް ހަރުދަނާވަމުން ކަމަށެވެ. އަދި ޔޫރަޕިއަން ޔުނިއަންގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނަށް އެތައް ފައިދާ ވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޔޫރަޕްގެ މާކެޓަށް ތައާރަފް ކުރުމުގެ މަސައްކަތް ކުރެވްމުން ދާކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ވިސާ ހޯދުމުގެ ދަތިކަމާއި ނުލާ ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އީޔޫގެ ކިބައިން އެދިފައިވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އީޔޫގެ ނައިބު ރައީސާ ފްރެޑްރިކާ މުގުރީނީ ވިދާޅުވީ މިއީ ރާއްޖެއާއި އީޔޫގެ ގުޅުމުގެ އާ ބާބެއް ކަމަށެވެ. އެކަމަނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުންވެސް ދެ ފަރާތުގެ ގުޅުން ބަދަހިވަމުންދާ ކަން ހާމަވާ ކަމަށް މުގުރީނީ ވިދާޅުވިއެވެ.

މުގުރީނީ ވިދާޅުވީ ޖޫން މަހު ފޮރިން މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ވެސް އަދި މިއަދު ރައީސް ސޯލިހްއާ އެކު ބޭއްވި ބައްދަލުވުމުގައިވެސް ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އީޔޫއާ ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރާގަތުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް މުގުރީނި ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ޖޫން މަހު ބްރަސަލްސް އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް އީޔޫ އިން ފަސް މިލިއަން ޔޫރޯ (86.8 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދީފައިވާކަން ވެސް މުގުރީނީ ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އާ ސަރުކާރުން ޑީމަކްރެސީގެ ހަމަތައް ގާއިމުކުރަމަށް ކުރައްވާ މަސައްކަތަށް މަރުހަބާ ކިޔާކަމަށާއި އީޔޫ އިން ރާއްޖެއާ މެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިއހަރުގެ ޖޫން މަހު ނެގީވެސް މިސަބަބައްޓަކައި ކަމަށް މުގުރީނީ ވިދާޅުވިއެވެ.

މުގުރީނީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ވަނީ ރައީސް ސޯލިހްގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާއާވެސް ބައްދަލުކުރއްވައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެކަމަނާ ވަނީ މިއަދު ތަގުރީރު ކުރައްވައިފައެވެ.

ހިޔާލު