Rilwan ge massalla isthiunaafu kurumakah PG neydhey: High court
image
ރިލްވާން --
0 ކޮމެންޓް
 

ރިލްވާންގެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް ޕީޖީ ނޭދޭ: ހައިކޯޓު

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލާގައި ދަށު ކޯޓުން އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް ދައުލަތުގެ ފަރާތުން އެދިފައި ނުވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.
ހައިކޯޓުން މިފަދައިން ބުނެފައިވަނީ ރިލްވާންގެ އާއިލާގެ ފަރާތުން އެފަދަ ހުއްދައަކަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީން) އެދިފައިވޭތޯ ބެލުމަށް ހައިކޯޓަށް ހުށަހެޅި ސިޓީއަކަށް ދިން ޖަވާބެއްގައެވެ. އެ ސިޓީގެ ޖަވާބު ހައިކޯޓުން ރިލްވާންގެ އާއިލާއަށް ދިނީ މިއަދުއެވެ.

އެ ސިޓީގެ ޖަވާބުގައި ބުނެފައިވަނީ ރިލްވާންގެ މައްސަލަ އިސްތިއުނާފު ކުރުމަށް ނުވަތަ އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް ދައުލަތުން އެދިފައިވާ ކަމަށް އެ ކޯޓުގެ ރެކޯޑުތަކުން ނުދައްކާ ކަމަށެވެ.

ނަމަވެސް ޖުޑީޝަރީ ކޮމެޓީގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ އައިޝަތު ބިޝާމް ވިދާޅުވީ ރިލްވާންގެ މައްސަލާގައި އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް އެދިފައިވާ ކަމަށް ވިދާޅުވެފައެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާނަށް ވީނުވީއެއް ނޭނގި ގެއްލުނުތާ މިއަދަށް ފަސް އަހަރު ފުރޭއިރު، އެ އާއިލާއިން ނެރުނު ބަޔާނުގައި ވަނީ އިންސާފު ގާއިމް ކުރުން އަވަސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލާފަ އެވެ.

އެ އާއިލާއިން ބުނެފައި ވަނީ ފަސް އަހަރުވީއިރު ރިޟްވާނަށް ވީގޮތެއް ނޭނގުމަކީ ދައުލަތުން "ނިހާޔަތަށް" އިހުމާލުވެފައިވާ ކަމުގެ ހެއްކެއް ކަމަށާއި ރިޔާޔީ ކޮމިޝަނެއް އުފެއްދުމަށް ފަހު މަސައްކަތް ލަސްވާތީ ހިތާމަ ކުރާ ކަމަށެވެ.

ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް 8 ވަނަ ދުވަހުގެ ރެއެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ރިލްވާން ހުޅުމާލޭގައި ދިރިއުޅޭ ފްލެޓުގެ ބޭރުގައި އެރޭ މީހަކު ގަދަ ކަމުން ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔަ އެވެ. އަދި އެ ކާރުން ރިލްވާން މަންމަގެ ޑީއެންއޭ ވެސް ވަނީ ފެނިފަ އެވެ.

މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ ރިޟްވާން އަބްދުﷲ ގެއްލުވާލުމުގެ ފަހަތުގައި ޓެރަރިސްޓް ގްރޫޕު ދެނެގަނެވިފައިވާ ކަމަށާއި އޯގަސްޓް މަސް ނިމުމުގެ ކުރިން އެ މައުލޫމާތު އާއްމު ކުރުމަށް ވިސްނަމުންދާ ކަމަށެވެ.
ހިޔާލު