Reyge accident gai aniyaavi kujjaa'ah eheetherivi sifainge meeha ah thaureef
image
ލާންސް ކޯޕްރަލް އަލީ ސަލީމް އިބްރާހިމް
ސީއެންއެމް
0 ކޮމެންޓް
 

ރޭގެ އެކްސިޑެންޓްގައި އަނިޔާވި ކުއްޖާއަށް އެހީތެރިވި ސިފައިންގެ މީހާއަށް ތައުރީފް

ރޭ މަޖީދީމަގުން ކަފިހި ހުރަހުން ހުރަސް ކުރަނިކޮށް ސައިކަލަކުން ޖެހި އަނިޔާވި 17 އަހަރުގެ އަންހެން ކުއްޖާއަށް އެހީތެރިވި ސިފައިންގެ މީހާއަށް ޗީފް އޮފް ޑިފެންސް ފޮސް، އަބްދުﷲ ޝަމާލް، ތައުރީފް ކުރައްވާ ސިފައިންގެ މީހާގެ އަގު ވަޒަން ކޮށްފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އަނިޔާވި އަންހެން ކުއްޖާއަށް އެހީތެރިވީ ޕްރެޒިޑެންސަލް ގާޑްސްގައި މަސައްކަތްކުރާ ލާންސް ކޯޕްރަލް އަލީ ސަލީމް އިބްރާހިމް ކަމުގައެވެ.

އަލީ ސަލީމް އިބްރާހިމް އޮފް ޑިއުޓީގައި ހުރެ އަންހެން ކުއްޖާއަށް އެހީތެރިވުމަކީ ސިފައިންގެ މީހެއްގެ ރިވެތި އަހުލާގައި ޔުނީފޯމްގެ އަގު ދައްކުވައިދިން ކަމެއްކަމަށާއި އެކަމަށްޓަކައި ސަލީމްއާއިމެދު ފަހުރުވެރިވާކަމަށް ޝަމާލް ވިދާޅުވިއެވެ. ރޭގެ އެކްސިޑެންޓް ހިނގީ މަޖދީމަގުގައި ރޭ 20:14 ހާއިރުއެވެ.

ފުލުހުން ރޭ ބުނީ އަނިޔާވި އަންހެން ކުއްޖާއަކީ 17 އަހަރުގެ އަންހެން ކުއްޖެ ކަމަށެވެ. އެކުއްޖާއަށް ވަނީ އޭޑީކޭގައި ފަރުވާ ދީފައެވެ.

އަންހެން ކުއްޖާގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިނީ 35 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާގެ އަތުގައި ލައިސަންސް އޮންނަ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.
ހިޔާލު