Garaaruthakuge beynumakee siyaasathu thakaa medhu rayyithun dhekey goiy engun: MP Mickail
image
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
2 ކޮމެންޓް
 

ގަރާރުތައް ހުށަހެޅުމުގެ ބޭނުމަކީ ސިޔާސަތުތަކާ މެދު ރައްޔިތުން ދެކޭ ގޮތް އެނގުން: މީކާއިލް

މެންބަރުން މަޖިލީހަށް ހުށަހަޅާ ގަރާރުތަކުގެ މައިގަނޑު ބޭނުމަކީ، ސިޔާސަތުތަކާ މެދު ރައްޔިތުން ދެކޭ ގޮތް އެނގުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ސީއެންއެމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މީކާއިލް ވިދާޅުވީ ބިލެއް އައުމުގެ ކުރިން، ބިލުގައި ހިމަނާފައިވާ ސިޔާސަތުތަކާ މެދު ރައްޔިތުން ދެކޭ ގޮތް ބަލަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަހުސް ކުރުމަކީ މުހިންމު ކަމެއް ކަމުގައި މީކާއިލް ވިދާޅުވި އެވެ.

މީކާއީލް ވިދާޅުވީ މި ދައުރުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކަށް، ރައްޔިތުންނަށް ހިޔާލު ހުށަހެޅޭ ގޮތަށް ފުރުސަތު ފަހިކޮށްދީފައި ވަނީ މި ސަބަބަށްޓަކައި ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުން ވަނީ ފާއިތުވި މަސްތަކުގައި ގިނަ އަދަދެއްގެ ގަރާރުތަކެއް މަޖިލީހަށް ހުށަހަޅައިފަ އެވެ. އެއީ މަޖިލީހުގެ ވަގުތުތައް ބޭކާރުކޮށްލަން ކުރާ މަސައްކަތެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ވަނީ ސިފަކޮށްފަ އެވެ.

މީކާއިލް ވިދާޅުވީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތް އުސޫލަކީ، ސަރުކާރުން ބިލެއް ފޮނުވުމާއެކު، ސަރުކާރުގެ މެޖޯރިޓީ މެންބަރުން "ރަބަރު ސްޓޭމްޕް ޖަހާ" ފާސް ކޮށްލާ ޖެހިގެން އޮތް ދުވަހު ބިލް ތަންފީޒް ކުރުން ކަމަށެވެ. މަޖިލީހުގެ ބައެއް މެންބަރުން ވަނީ އެކަމަށް އާދަވެފައި ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

އެއީ ޑިމޮކްރެޓިކް ނިޒާމެއްގައި އެކަން ހިނގަންވާނެ ގޮތް ނޫން ކަމަށާއި، އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފެނިގެން ދަނީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ކަންކަން ކުރާ މަންޒަރު ކަމަށް މީކާއީލް ވިދާޅުވި އެވެ.

ނިމިދިޔަ މަސްތެރޭ ސަރުކާރުން ވަނީ މަސްވެރިކަމާ ބެހޭ ގޮތުން އެކަނިވެސް ފަސް ގަރާރެއް ހުށަހަޅައިފަ އެވެ. އަދި ދާދި ފަހުން އެ ފަސް ގަރާރު އެއްކޮށްލާ ބިލެއްގެ ގޮތުގައި ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ހިޔާލު

ނާޅި

ޤަރާރު ސަރުކާރު ކުއްލި މައްސަ ސަރުކާރު ޕެޓިޝަން ސަރުކާރު ! ރައްޔިތުންގެ ފައިސާ ބޮޑު މަޖިލިހުން ކައި ހުސްކުރަނީ ރައްޔިތުންނަކަށް ވާނުވާވެސް ނޭގި!

ހެޔޮއެދޭ

މިދައުރުގެ މަސައްކަތަށް ފާޑެއްކިޔަން އަދިއެނގޭވަރެއް ނުވެއެވެ. އަހަރުމެންގެ ޢާންމުރައްޔިތުގެ ގިނަބަޔަކީ، މިފަދަކަމަކަށް އަޅާލާނެބައެއްނޫނެވެ. ތިޤަރާރުތަކަށް ޚިޔާލުފާޅުކުރާނީ ސިޔާސީބާރުތަކުގެ އަޅުވެތިކަމުގައިޖެހިފައިތިބޭ ބައެއްކަމުގައި ބެލެވެއެވެ. ރަނގަޅިއްޔާ ރަނގަޅުވާނެއެވެ. ރައްޔިތުންގެ އެއްބާރުލުމާއިއެކު މަޖިލީސް ކުރިއަށް ގެންދިއުމަކި މުހިންމުކަމެކެވެ. ނިޔަތް ރަނގަޅުކަމުގައިވާނަމަ، ކަންވެސް ރަނގަޅުވާނެކަން ޔަޤީނެވެ. ރަނގަޅު ނަތީޖާ ނެރެދޭނެކަމުގެ އިންތިޒާރުގައި!