Vaahaka: Moosumee Loabi
image
ވާހަކަ: މޫސުމީ ލޯބި
ފަތުހުﷲ އަހުމަދު
3 ކޮމެންޓް
 

ވާހަކަ: މޫސުމީ ލޯބި

"ހޫމް ހީވަނީ ބަނޑު ފުރިއަރާހެން. އަނެއްކާ ކޮން އެއްޗެއް ތައްޔާރުކޮށްލަނީ؟" ރިޒާ ހިނިތުންވެލަމުން ޔުމްނާގެ ކޮނޑާ ދިމާއަށް މޫނު ކައިރިކޮށްލިއެވެ. "މީރު އެއްޗެއް އަރުތެރެއަށް ނުލެވޭތާ އެތައް ދުވަހެއް."
"އޫމް. ދެން ރިޒާ އުޅޭ ގޮތެއް. ތިހާ ކެތްތެރިކަން ކުޑަވާކަށް ނުވާނެ!" ޔުމްނާ ހީލަމުން ކޮނޑު އަރުވައިލިއެވެ. "އެހެންވެތަ އެހައި ލޯބި އަރައިގަނެގެން ތި އުޅެނީ؟"
"އާނ. އެހެންނު ވާނީ، ދެ ދުވަހަށޭ ކިޔައިފަ ދިޔަ މީހާ ތިޔަ އައީ ދެ ހަފުތާ ފަހުން ވިޔަ. އައި ގޮތަށް އަނެއްކާ ތިބުނީ މިރޭ ފުރަމޭ." ރިޒާ އަނެއްކާ ވެސް ޔުމްނާގެ ކަނދުރައިގައި އޭނާގެ ތުންފަތް ޖައްސައިލިއެވެ.

ޔުމްނާ ހުރީ ޒިންކު ކައިރީގައި ކުކުޅު ކޮށާށެވެ. އޭނާގެ ދިގު، ފަން އިސްތަށީގަނޑުވަނީ ކޮނޑުމައްޗަށް ދޫކޮށްލެވިފައެވެ. ލައިގެން ހުރީ ކުރު ސޯޓަކާއި ގަޔަށްދޫ ކޮނޑުކެނޑިއެކެވެ. ޔުމްނާގެ ފަހަތުގައި ރިޒާ ހުއްޓެވެ. ޔުމުނާގެ ގައިގައި ބައްދާލައިގެންނެވެ.

ނޫކުލައިގެ ކޮނޑު ކެނޑިއަކާއި ކަޅު ކުލައިގެ ކުރު ސޯޓެއްގައި ހުރި އިރު، ރިޒާގެ ފިރިހެންވަންތަ ހަށިގަނޑުގެ ބިޔަކަން ވަޒަންކޮށްލަން ފަސޭހައެވެ. އޭނާގެ މުލައްދަނީގެ މަސްތައް ހުރީ ތަރުތީބުން އުފުލިލައިފައެވެ. ރިޒާގެ ތަނަވަސް ފުޅާ މޭމަތިވަނީ ޔުމްނާގެ ބުރަކަށީގައި ޖައްސާ ބާރުކޮށްލެވިފައެވެ. ރިޒާގެ މޫނުވަނީ ޔުމްނާގެ ކަނދުރާ މައްޗަށް ތިރިކޮށްލެވިފައެވެ. ޔުމްނާގެ އިސްތަށިތައް ރިޒާގެ މޫނާ ސަމާސާ ކުރަމުން ދިޔައެވެ.

"ކީއްތަ ކުރީ ކޮޓަރީ؟ އަހަރެން ކިހާ އިރަކު ބެލް އަޅަން ޖެހުނު." ޝަކުވާގެ ރާގުގައި ޔުމްނާ ބުނެލިއެވެ.
ޔުމްނާގެ މަސައްކަތް ކުރަމުންދިޔައީ ރިޒާގެ ހަރަކާތްތަކާ ދުރަށް ދިޔުމަށެވެ. ރިޒާގެ ތުންފަތް ޔުމްނާގެ ކަނދުރާގައި ޖެހިލާ ކޮންމެ ފަހަރަކު، ޔުމްނާ ގައިން ހީބިހި ނަގައި ގަނެއެވެ. އޭނާ މަޑުމަޑުން ކޮނޑު އަރުވާލަނީ އެހެންވީމައެވެ.

"އަހަރެން އުޅުނީ ފާޚާނައިގަ. ފާޚާނާއަށް ވަން އިރަށް ބެލް އަޅަން ފެށީ." ވައި އަޑުން ރިޒާ ބުނެލިއެވެ.
"މެންދުރު ވެސް ނުކައިތަ ތި ހުރީ؟" ޔުމްނާ އަނެއްކާ ވެސް ސުވާލުކޮށްލިއެވެ.

ޔުމްނާ މޫނު މަތިން ދެ ތިން ރޫ އަރުވާލިއެވެ. އަދި މަޑުމަޑުން ރިޒާގެ މޫނާ ދިމާއަށް ބޯ އަރިކޮށްލިއެވެ. ރިޒާގެ ކޯތާފަތުގައި ޔުމްނާގެ ދަތްދޮޅި ޖެހޭ ވަރަށެވެ.
"ހެނދުނު ކޮފީއެއް ބުއި ގޮތަށް. ދެން މިރޭ ބޭރަށް ގޮސް ގޮތެއް ހަދައިލަން މި ހުރީ. ނަސީބެއްނު ޔުމް އައިކަން." ރިޒާ ދަތްދޮޅި ޔުމްނާގެ ކޮނޑުގައި ޖައްސައިލިއެވެ. "އަސްލު އަހަރެން ބޭނުމެއް ނޫނޭ ޔުމް ލައްވާ ކައްކާކަށް. ދަތުރެއް ކޮށްފައި އައިސް އަނެއް ދަތުރަށް ފުރުމުގެ ކުރިން ރެސްޓު ކޮށްލަން ވެސް ޖެހޭނެއްނު."
"އާނ ތިވެސް ތެދެއް. އެކަމަކު ތަންމައްޗަށް ވުރެ މުހިއްމީ ފިރިމީހާގެ ހައި ހޫނުކަން ފިލުވައިދިނުމެއްނު." ޔުމްނާ ހިނިތުންވެލިއެވެ.

ޔުމްނާ އަނެއްކާ ވެސް މޫނު މަތިން ދެތިން ރޫ އަރުވައިލިއެވެ. އޭނާގެ ހިނިތުންވުމުގެ ކުލަވަރު ބަދަލުކޮށްލިއެވެ. ދެ ތުންފަތަށް ގެނައި ބަދަލާއެކު މުޅި މީހާ މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލުވިއެވެ.

"އާނ! ހައިހޫނުކަން ފިލައިގެން އުޅެވޭނީ ދޯ. މި ޒަމާނުގައި ކޮފީއަކުން ނުފުދޭނެ. އިރުއިރުކޮޅާ ކޮފީ ބުއިމަކުން ހައިހޫނުކަމަށް ބަދަލެއް ނާންނާނެ." ރިޒާގެ ވާހަކައިގެ ރާގު ވެސް ބަދަލުވިއެވެ.

ކުއްލިއަކަށް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ރިޒާ ސިއްސައިގެން ދިޔައެވެ. ޔުމްނާ ވެސް ސިހިފައި ފަހަތް ބަލައިލިއެވެ.
"ކިޓީ! ރިމޯޓު ވައްޓައިލީ!" ޔުމްނާ ހިނިތުންވެލިއެވެ.

"އެކަމަކު! ކިޓީ މި އޮތީނު." ރިޒާ ބަލައިލީ ޔުމްނާގެ މޫނަށެވެ.
މޭޒު ދޮށުގައި އޮތް ބުޅަލަށް ބަލައިލަމުންނެވެ. ރިޒާގެ ނޭވާ އަވަސްވިއެވެ. މަޑުމަޑުން ހިންދިރުވައިލިއެވެ.
"މޮޅު ވާހަކަ ނުދައްކާ ދެން ތައްޔާރުވެގެން އާދޭ. މިހާރު މި ދެން ތައްޔާރުވަނީ. ރިޒާ އަންނަންވާ އިރަށް ނިންމާލެވޭނެ. އަހަރެން ހުންނާނީ ޕަރާޓާ ވެސް ގެނެސް." ޔުމްނާ އެއް މިޔަކަނުން ހީލިއެވެ.

ރިޒާ އަނެއްކާ ވެސް ޔުމްނާގެ ގައިގައި އޮޅުލައިގަތެވެ. އޭނާގެ މޫނު ޔުމްނާގެ އިސްތަށިގަނޑުގެ ތެރެއަށް ލަމުންނެވެ.

ރިޒާ މަޑުމަޑުން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޔުމްނާ ފަސްއެނބުރި ބަލައިލިއެވެ. ލުއިގޮތަކަށް ހިނިތުން ވެލަމުންނެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރައިލިއެވެ.

ރިޒާ ގޮސް ކޮޓަރިއަށް ވަދެ އަވަސް އަވަހަށް ދޮރު ލެއްޕިއެވެ. ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލިއެވެ. ދެ ފަރާތަށް ބޯ ހޫރައިލަމުން ޗުސް ކަނޑައިލިއެވެ. ރިޒާގެ ލޮލުގައި އަޅައިގަތީ އެނދު ކައިރީގައި އޮތް ޖީންސެވެ. ޖީންސުގެ ކައިރީގައި ހުރި، ދަށުން ލައި އެއްޗެހި ހުއްޓެވެ. ޖެހިގެން އަތްދަބަހެއް ވެއްޓިފައި އޮތެވެ. ރިޒާ އެނދާ ދިމާއަށް ބަލައިލިއެވެ. ބެޑުޝީތު އޮތީ ރޫ ޖެހި ބޮނޑިވެފައެވެ. ގައިގައި ބެޑު ޝީޓުގެ އެއްކޮޅު އޮޅައިލަގެން ސުޒީ އިނެވެ.

"އަހަރެން ބުނީމެއްނު ޔުމް އައީއޭ. އަވަސްކޮށްލައިގެން މި އެއްޗެހި ނަގައިގެން ފިލޭތޯ އުޅޭށޭ." ރިޒާ ވައި އަޑުން ގަޔަށް ބާރު ލައިފައި ބުނެލިއެވެ. "ކީއްވެތަ ސުޒީއަށް ނުވިސްނެނީ؟"

"އަހަރެން ވަންނާނީ ވަކި ކޮންތާކަށްތަ؟" ސުޒީ ވެސް ވައި އަޑުން ބުނެލިއެވެ. ރުޅިވެރިކަން އެކުލެވޭ ފަދަ ގޮތަކަށެވެ.
"ދެން ސުޒީއަށް އެނގޭނެ ޔުމް އައިސް ވަންނަން ދިމާކުރާނީ ކޮޓަރިއަށްކަން. މި މާ ބޮޑު ގެޔެވެސް ނޫންކަން. ކޮޓަރިއަށް ނުވައްދާ އަހަރެން އޭއްޗެކޭ މީއްޗެކޭ ކިޔައިގެން މި ހަމަޖައްސަނީ ވެސް. ސުޒީއަށް ފިލޭނެ ގޮތެއް ހެދޭތޯ." އެނދު ކައިރީ ހުރި އަންނައުނުތައް ނަގައި ސުޒީއަށް ދިއްކޮށްލަމުން ރިޒާ ބުނެލިއެވެ.
"ރިޒާ ގަސްތުގަ އަހަންނަށް ދިން ލަނޑެއްމި. ރިޒާއަށް އެނގޭނެ ޔުމް މިރޭ އަންނާނެކަން. ދެން ކީއްވެ ދޮގު ހެދީ. އޮޅުވާލީ. އަހަންނަށް ހަމަ..." ސުޒީއަށް ރޮވޭގޮތް ވާންފެށިއެވެ.

"ސުޒީ ޕްލީޒް! ހަމަ ޖެހިބަލަ. އަހަންނެއް ވެސް ގަސްތަކު މިކަމެއް ނުކުރާނެއްނު. ސުޒީއަށް އެނގޭނެ މިކަން ޔުމްއަށް އެނގިއްޖެއްޔާ ހުރިހާ ކަމެއް ދިމާވާނީ އަހަންނަށްކަން. ސުޒީއަށް ރަނގަޅަށް އެނގޭނެ ޔުމްއަކީ ރުޅި ގަދަ މީހެއްކަން. އޭނާއަށް ކިރިޔާ ވެސް ޝައްކެއް ވެއްޖެ ނަމަ އެ ނިމުނީ. ކޮންމެ ފަދަކަމެއް ވެސް ކޮށްފާނެ. ސުޒީއަށް ވެސް އަހަންނަށް ވެސް..." ރިޒާ މޫނުމަތީ އަތްފިރުމައިލަމުން ލޯލާއި ނޭފަތާ ދެމުގައި ތިން އިނގިލިން ހިފައިލިއެވެ.
"ރިޒާ! ރިޒާ!" ދެ ތިން ފަހަރު ދޮރުގައި ޓަކި ޖަހައިލަމުން ޔުމްނާ ގޮވައިލިއެވެ.

އެއާއެކު ސުޒީގެ ހަރަކާތްތައް އަވަސްވިއެވެ. ކުއްލިއަކަށް އެނދުން ތެދުވެ އެއްޗެހިތައް ހިފައިގެން ފާޚާނާއަށް ދެމިގަތެވެ. ރިޒާ ވެސް ފާޚާނާއަށް ވަދެ މޫނާއި ބޮލުގައި ފެން އުނގުޅައިލިއެވެ. ލައިގެން ހުރި ސޯޓު ތިރިކޮށްލަމުން ގައިގައި ފެން އުނގުޅައިލިއެވެ. އުނަގަނޑުގައި ހުދުކުލައިގެ ތުވާލި އޮޅައިލިއެވެ.
ހުރިހާ މަންޒަރެއް ބަލަން ކަޅި ޖަހައި ނުލައި ސުޒީ ހުއްޓެވެ. ހުއްޓުން އަރައިފައެވެ. ރިޒާ ސުޒީ ގާތަށް ޖެހިލިއެވެ. ސުޒީ މަޑުމަޑުން ރިޒާގެ ކަރުގައި އެލިގަތެވެ. އޭނާގެ މޫނު ރިޒާގެ މޫނާ ކައިރިކޮށްލިއެވެ.

"ޕްލީޒް! އަހަރެން... އަހަރެން ވަރަށް ބިރުގަނޭ! އަހަރެން މިތަނުން ނެރެދީ!" ވައި އަޑުން ސުޒީ ބުނެލިއެވެ. "ޔުމްއަށް ކަމެއް ޝައްކުވިޔަސް ވަރަށް ގޯސްވާނެ."
"ހަމަޖެހޭ އަހަންނަށް ވެސް ހުރިހާ ކަމެއް ވެސް ވިސްނޭ. މިހާރު ވެސް މާ ލަސްވަނީ!" ރިޒާ ފާޚާނާއިން ނުކުތެވެ.
އޭރު ވެސް ޔުމްނާ ކޮޓަރީގެ ދޮރުފަތުގައި ތަޅަމުން ގޮވާ އަޑު އިވެއެވެ.

"ސޮރީ! ތަންޑު އެޅުނީ. އަހަރެން އުޅުނީ ފާޚާނާގައި." ދޮރުފަތް ހުޅުވާލަމުން ރިޒާ ބުނެލިއެވެ.
ޔުމްނާ ބަލައިލީ ރިޒާއަށެވެ. ރިޒާ ޔުމްނާއާ ދިމާއަށް ގުދުވެލިއެވެ. މަޑުމަޑުން ބޮލުގައި އަތްޖައްސައިލަމުން ޔުމްނާގެ މޫނާ ދިމާއަށް ރިޒާގެ އިސްތަށިގަނޑުގައި ހުރި ފެންތައް ބުރުވައިލިއެވެ. ޔުމްނާ ތުން އަނބުރައިލިއެވެ.

"މި ކޮންކަމެއް؟" ޔުމްނާގެ ލޮލުގައި އަޅައިގަތީ ރިޒާގެ ކަރުދޮށުގައި ހުރި ރަތްކުލައިގެ ނިޝާންތަކެވެ.
"ކޮބައި؟" ރިޒާ ހާސްވާ ގޮތްވިއެވެ.

"މިހުރީނު. މޭމަތީގައި ވެސް." ޔުމްނާގެ އިނގިލި ރިޒާގެ މޭމަތީގައި ޖައްސައިލިއެވެ.

"ފަރުމަސް ކެއީދޯ! އަހަރެން ބުނަމެއްނު މީރަސް ކާން ނުވާ އެއްޗެއް ނުކާށޭ." ޔުމްނާ ތުންފަތުގައި ދަތް އަޅައިލަމުން ރިޒާގެ ވަށައިގެން އެނބުރިލިއެވެ.
"އާނ. އިއްޔެ، މި އަދު ހެނދުނު ސަޔަށް ދިޔައިރު މާ މީރުކޮށް ފަރުމަހު ދޮންރިހަ ހުރީމަ. ހިތަށް އެރީ ކައިލަން. ދުވަސްކޮޅެއް ވެއްޖެއްނު އެލަރޖިކް ނުވާތާ." ލަސްލަހުން، އަނގަ އޮޅެމުން ކަހަލަ ގޮތަކަށް ރިޒާ ހަމަ ޖައްސައިލިއެވެ.

"މައްސަލައަކީ ފަރުމަހެއް ނޫން. މައްސަލައަކީ ރިޒާ. ރިޒާއަށް މީރަސް ހިތް އެދުނަސް ކުރަން ނުވާ ކަންކަން ހުންނާނެ. ތިމާ ހިތްބުނާ ހުރިހާ މަގަކުން ހިނގަންޏާ އަބަދު ވެސް އޮންނާނީ އެލަރޖިކްވެފަ. ދޮންރިހައެއް، ފަރުމަހެއް ގޯހެއް ނުހަދާނެ. ގޯސްހެދެނީ ރިޒާއަށް. އަހަންނާ ސިއްރުން ގޯސްހެދީމަ އެކަމުގެ އަދަބު ލިބެނީތި." ޔުމްނާ ތުންފިއްތައިލިއެވެ. "ދެން ވެސް އުޅޭ ބޭސް އުނގުޅަން."

"އާން. ދެން ސޮރީ. ދެން ނުކާނަމޭ. ހަނދާން ކޮށްދޭނެ މީހަކު ނުހުންނާތީ ވީ ގޮތް." ރިޒާ އޭނާގެ ދެ ކަންފަތު ފޫޅު ގަނޑުގައި އަމިއްލައަށް ހިފައިލިއެވެ.
"މިތާ އިށީނދެ." ޔުމްނާ އިޝާރާތްކުރީ ރިޒާއަށެވެ.

ފުން ނަޒަރަކުން ޔުމްނާ ބަލައިލީ ރިޒާއަށެވެ. އެ ބެލުމުގައި އެތައް މާނައެއް ދޭހަވާ ގޮތަށެވެ. ބަދަލުގައި ރިޒާ ހިނިތުންވެލިއެވެ. ހުދު ދުވާލި އަނދެ ހުސްގަޔާ ހުރިއިރު ރިޒާ ފެންނަނީ ވަރަށް ތާޒާކޮށްނެވެ. މަޑުމަޑުން ރިޒާ އެނދުގައި އިށީނެވެ.

"މި ހަމަ އެލަރޖިކުތަ؟ ހީވަނީ އެއްޗެއް ހަފައިފަ ހުރިހެން. ކަރު ކައިރީގައި ހުރި ގޮތާ މޭމަތީގައި ހުރި ގޮތް ތަފާތު." ޔުމްނާ ބަލައިލީ ސީދާ ރިޒާގެ މޫނަށެވެ. އިނގިލިން ބޭސް އުނގުޅަމުންނެވެ.

"ކުރިން ފަހަރު ހުރި ގޮތަކަށް ނޫންތަ ހުރީއެއް؟ އެ ފަހަރު ކެއީ ރަތް މަހެކޭ. މި އަދު ކެއީ ކަނޑުފާނައެއްގެ މަސް. ފަހަރެއްގަ ވެދާނެ އެހެންވީމަ ކަމަށް." ރިޒާ ހިނިތުންވެލިއެވެ. "ކުރިން މިހެންނެއް ނުވޭ ފަރުމަސް ކެޔަސް. މި ފަހުން ވާން ފެށިގޮތެއް މި."

(ނުނިމޭ)
ހިޔާލު

ނަންނަ

ވަރަށް ރީިތި. އެކަމަކު ކުރުފިލުމެއް ވާހަކަ އަކަށް ހަދާލިއިރު ކުރެޑިޓް ދިންނަމަ ވަރަށް ފުރިހަމަ ވާނެ

މޫސުމޭ

އެންމެ އިންތިޒާރު ކުރެވެނީ ސަރގެ ވާހަކަތަކަށް.... ވަރަށް ތަފާތު ރީޔު

ނަންނަ

ކޮޕީި އެއް