Eid chuttee ah Raees Solih Lanka ah
image
ރައީސް ސޯލިހާއި އަނބިކަނބަލުން ފެބްރުއަރީ މަހު ލަންކާއަށް ފުރާވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އީދު ބަންދުގައި ޗުއްޓީ ހޭދަކުރެއްވުމަށް ރައީސް ސޯލިހް ލަންކާއަށް ވަޑައިގަންނަވަނީ

މިއަހަރުގެ އަލްހާ އީދުގެ ޗުއްޓީ ހޭދަކުރެއްވުމަށް، އަމިއްލަފުޅު ދަތުރެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސްރީލަންކާއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދް ސީއެންއެމަށް ވިދާޅުވި ގޮތުގައި ރައީސް ސޯލިހް ލަންކާއަށް ދަތުރުފުޅު ފައްޓަވާނީ މިފެށޭ ހަފްތާގެ ފަހުކޮޅުގަ އެވެ. ނަމަވެސް އެމަނިކުފާނު ފުރާވަޑައިގަންނަވާނެ ވަކި ދުވަހެއް އަދި ސާފެއް ނުވެއެވެ.

ހޫދު ވިދާޅުވީ ރައީސް ފުރާވަޑައިގަންނަވާނެ ދުވަހާއި އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ހަފްތާގެ ކުރީކޮޅު ހާމަކުރާނެ ކަމަށެވެ.

ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިމަހުގެ 13 ވަނަ ދުވަހު ލަންކާއާ ރާއްޖޭގެ ވޮލީބޯޅަ މެޗެއް އޮތްއިރު ރައީސް ފުރާވަޑައިގަތުމުގެ ކުރިން އެ މެޗް ބައްލަވާލައްވާނެ އެވެ.

ރައީސް ސޯލިހް ވަނީ މިއަހަރުގެ ކުރީކޮޅު ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. ފެބްރުއަރީ ގައި އެމަނިކުފާނު ލަންކާއަށް ވަޑައިގަތީ ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަގެ ދައުވަތަކަށެވެ.

އެމަނިކުފާނު ވަނީ ފެބްރުއަރީ ހަތަރަކަށްވީ ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތް ވެސް ޝަރަފުވެރި ކޮށްދެއްވާފައެެވެ.
ހިޔާލު