Amaazakee zamaanee thauleem ungannaidheegen, ufehdhuntheri zuvaanun binaakurun: Raees
image
ރައީސް ސޯލިހު.-- ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

އަމާޒަކީ ޒަމާނީ ތައުލީމް އުނގަންނައިދީގެން، އުފެއްދުންތެރި ޒުވާނުން ބިނާކުރުން: ރައީސް

ގައުމަށް ހެވާއި ލާބައަށް މަސައްކަތްކުރާ ބަޔަކަށް ޒުވާނުން ހެދޭނީ އެ މީހުން ބިނާކުރުމަށް އިސްކަން ދީގެންކަމަށާއި، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ ތައުލީމް އުނގަންނައިދީގެން ހެޔޮލަފާ ދުޅަހެޔޮ އުފެއްދުންތެރި ޒުވާނުުުން ބިނާކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ވަނީ، ރާއްޖޭގެ ހުރިހާ ޒުވާނުންނަށާއި ހެޔޮ ގޮތުގައި ޒުވާނުން ބިނާކޮށް، ޒުވާނުންގެ ކުރިއެރުމާއި ތަރައްގީ އަށް މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކޮށްފަ އެވެ. އަދި އިންސާނީ ކޮންމެ މުޖްތަމައަކަށް ޒުވާނުންގެ ބޭނުންޖެހިފައިވާ މިންވަރަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ޒުވާނުންނާ ނުލައި އެއްވެސް މުޖްތަމައެއް ކުރިނާރާނެ ކަމަށެވެ.

"މި އަހަރުގެ ޒުވާނުންގެ ދުވަހަށް އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިއާރުގެ އަމާޒަކީ، އެކަކުވެސް ބާކީނުކޮށް އެންމެން ޝާމިލްވާ، ހަމަހަމަ ފުރުސަތު ލިބިދޭ، ފެންވަރު ރަނގަޅު ތައުލީމެއް ކަށަވަރު ކޮށްދިނުމެވެ. ހަމައެއާއެކު، ހަޔާތުގެ ހުރިހާ އުމުރު ފުރާއެއްގައި ތައުލީމް ހާސިލްކުރުމުގެ ފުރުސަތު، އެންމެންނަށް ފަހިކޮށްދިނުމެވެ. އެއީ، އދ. މަޖިލީހުން ކަނޑައަޅާފައިވާ، ދެމެހެއްޓެނިވި ތަރައްގީގެ 2030ގެ އެޖެންޑާގެ ބިންގަލަކީ، ފެންވަރު ރަނގަޅު ތައުލީމް ކަމަށްވާތީއެވެ." ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް ތަންފީޒުކުރަމުން ދާނީ، ޒަމާނީ ތައުލީމާއި ތަމްރީން ލިބިގެން، އަމިއްލަ އަތުން ދިރިއުޅުން ބިނާކުރާ، ޒިންމާދާރު ޒުވާނުންތަކެއް އުފެއްދުމުގެ ލަނޑުދަނޑި ހާސިލްކުރެވޭނެ މަގުންކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އޭގެ ބޭނުމަކީ، ގައުމާއިގެން ކުރިއަށް ދިޔުމުގެ ރޫޙާއި، ވަތަނީ ލޯބި ހުރި، އަދުލު އިންސާފަށް ވަކާލާތުކުރާ ޖީލެއްގެ އަތްމައްޗަށް، ގައުމުގެ ކުރިމަގު ފުރޮޅިގެން ދިޔުންކަމުގައި ރައީސުލްޖުމްހޫރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުންމީދަކީ، ދައުލަތުން ފަހިކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހިފައިގެން، ތިޔަ ޒުވާނުންގެ ކުރިމަގު އުޖާލާކުރުމުގެ އަޒުމް ކަނޑައަޅައި، އެކަމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. ތިޔަ ޒުވާނުންގެ އަމިއްލަ ދިރިއުޅުމަށް ލިބޭ ކޮންމެ ކުރިއެރުމަކީ، ގައުމަށް ލިބޭ ތަރައްގީއެވެ. ތިޔަ ޒުވާނުން ޒިންމާދާރުވުމަކީ، ގައުމު އިސްލާހުކުރުމުގެ ތަޅުދަނޑިއެވެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ހިޔާލު

ނަޒުވާން

ތައުލީމު ދިނުމަކުން އަފި ހަރުދަނާ ޒުވާނުންނެއް ނުއުފެދޭނެ.. އޭރުން އުފެދެނީ ތިޔަ އެމްޑީޕީގެ ތެރެއިން ގިނައަދަދަކައް ފެންނަކަހަލަ ކިޔަވައިގެންތިބި ލާދީނީ ޖާހިލުން. ތަރުބިއްޔަތު ދީގެން ހަރުދަނާ ޒުވާނުން އުފެދޭނީ. ތައުލީމާއިގެން އެކަނި އުފެދޭނީ އަދީބުކަހަލަ މީހުން.