Eid Libaas: Sagaafaiy dhiruvumah zuvaanun
image
އީދު ލިބާސް ހަރަކާތުގައި ބައިވެރިވި ބައެއް މީހުން--ފޮޓޯ: ޓްވިޓާ
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

އީދު ލިބާސް: ސަގަފާތް ދިރުވުމަށް ޒުވާނުން

ޝައްކެއްވެސް ނެތެވެ. ރާއްޖެއަކީ އެފަދަ ދެވަނައެއް ނުވާތަނެކެވެ. ސަބަބުތައް ބައިވަރެވެ؛ ރާއްޖޭގެ ސަގާާފަތާއި އާދަކާދައެވެ. ދިވެހި ބަހެވެ. ކެއިން ބުއިމަށް ބޭނުން ކުރާ ތަކެއްޗެވެ. ދިވެހިން އަޅާ އުޅުނު ހެދުންތަކެވެ. އެކަމަކު، ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިންގެ އަމިއްލަވަންތަކަން ސިފަ ކޮށްދޭ މިފަދަ ބައެއް ރަމްޒުތަކަށް ދެވޭ އަހައްމިޔަތުކަން ވަނީ ކުޑަވެފައެވެ. ނަމަވެސް މިއަހަރުގެ މިނިވަން ދުވަހާއި އަލްހާ އީދުގެ މުނާސަބަތު ފާހަގަކުރުމަށް ދިވެހި ޒުވާނުންތަކެއް ކުރިއަށް ގެންދިޔަ ހަރަކާތަކުން އުފާވިޔެވެ.
އަމިއްލަ ވަތަން ދެކެ ވާ ލޯބި ޒުވާނުންގެ ހިތްތަކުގައި ފަޑު ނުވާކަން ހާމަކޮށްދިނީ، މުނާސަބާތަކުގެ އުފަލުގައި ތުރުކޮށްލި ގައުމީ ހެދުންތަކުންނެވެ. ލިބާސް މޫވްމަންޓްގެ ނަމުގައި ހަރަކާތެއް ފެށުނީ މިއަހަރުގެ ޖުލައި 26 ފާހަގަކުރުމުގެ ގޮތުންނެވެ. އޮޔާދަނިކޮށް ސަގާފީ ހެދުންތައް އެނބުރި ފަސްގަނޑަށް އެރުވުމަށް، އެދުވަހު ކުރިއަށް ދިޔަ ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާޏުން ބައިވެރިވެ، ސަގާފީ ހެދުންތައް ތުރުކޮށްގެން ނެގި ފޮޓޯތައް މީސް މީޑިއާގައި ދައުރުވިއެވެ. އެކަން ކުރީ ލިބާސް ސައްބީސް ހޭޝްޓެގްގެ ދަށުންނެވެ. އަނެއްކާވެސް އެފަދަ މަންޒަރެއް ފެނިއްޖެއެވެ. މިފަހަރު އައީ ލިބާސް އީދެވެ. ލިބާސް ސައްބީހުގައި ބައިވެރި ގިނަ ފަރާތްތަކަކީ އަންހެން ބޭކަނބަލުންކަމުގައި ވީނަމަވެސް، މިފަހަރު ގިނަ އަދަދެއްގެ ފިރިހެން ބޭފުޅުންވެސް ފެނިގެންދިޔައެވެ.

ލިބާސް އީދުގެ ފޮޓޯތަކުން މީސް މީޑިއާ ފުރާލި އިރު، ފާހަގަވީ އެއްކަމަކީ ތަހުޒީބުވެފައިވާ ދުނިޔޭގެ އާލާތްތަކުގެ ތެރެއަށް ދިވެހި ސަގާފީ ހެދުންތައް ވެއްދުމަށް ޒުވާނުން މަސައްކަތްކޮށްފައިވާ ކަމެވެ. އެގޮތުން ވެސް ލޮލުގައި އެންމެ ބޮޑަށް އަޅާގަތީ ކަސަބު ލިބާސް ތުރުކޮށްގެން ތިބި ޒުވާޏް އަންހެން ކަނބަލުންތަކަކާއި ފޭލި އަނދެގެން ތިބި ފިރިހެން ބޭފުޅުންތަކެއް ސްކޭޓްކުރާ މަންޒަރު ފެންނަ ފޮޓޯތަކެވެ. ލިބާސް ލައިގެން ނުވަތަ ފޭލި އަނދެގެން ސްކޭޓް ކުރުމަކީ މީގެ ކުރިން ފެނިފައިނުވާ މަންޒަރަކަށް ވާތީއެވެ. އިއްޔެ ހަވީރު ހުޅުމާލޭގައި ކުރިއަށް ދިޔައީ ސްކޭޓްބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި ޒުވާނުންގެ އިތުރުން ކުޑަކުދިން ވެސް ލިބާސް ތުރުކޮށްގެން ސްކޭޓް ކުރިއެވެ. ހައިރާންވީ ލިބާހެއް ލައިގެން ހުރި އިރުވެސް އެއްވެސް ދަތި ކަމެއް ނެތި ފަރިތަކަމާއެކީ ސްކޭޓް ކޮށްލުމުންނެވެ. އިއްޔެގެ ހަރަކާތުގައި މަންމައަކު ވަނީ އޭނާގެ ތުއްތު ދަރިފުޅު އުރާލައިގެން ވެސް ސްކޭޓްކޮށްފައެވެ.

ލިބާސް ސައްބީހާއި ހިލާފަށް ލިބާސް އީދުގައި ފިރިހެން ބޭފުޅުންގެ ބައިވެރިވުން ވަރަށް ވެސް ބޮޑެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި އަންހެން ކަނބަލުން ސަގާފީ ހެދުން ތުރުކުރެއްވި ދުވަހުން ފެށިގެން ދިވެހި ޒުވާން ފިރިހެނުން އައީ އެކަން ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ. ބުނަމުން އައީ މުންޑެއް ނޫނީ ފޭލިއެއް އަނދެލާނަމޭއެވެ. ކަންވީވެސް އެހެންނެވެ. އާންމުކޮށް ލައި އުޅޭ ޖިންސު ފަޓުލާނާއި ޓީޝާޓްތަކުގެ ބަދަލުގައި، މިފަހަރު އީދު ހެދުމެއްގެ ގޮތުގައި ގިނަ އަދަދެއްގެ ޒުވާން ފިރިހެނުން ހިޔާރުކުރީ އަތް ދިގު ގަމީހަކާއެކު މުންޑެއް ނުވަތަ ފޭއްޔެކެވެ. ގިނަ ބަޔަކު ހިޔާރު ކުރީ މާޒީގައި ދިވެހިންގެ "ފެޝަން" އާ ވެސް ގުޅޭ އަންނައުނެވެ. ތާރީހުން އެނގޭ ގޮތުގައި އަތްދިގު ހުދު ގަމީހަކީ ހާއްސަ ދުވަސް ދުވަހު ދިވެހިން ލައި އުޅުނު އަންނައުނެކެވެ. އަދިވެސް ބައެއް މުސްކުޅި ފުރާގެ ބޭފުޅުންގެ ހުކުރު ދުވަހު ހުކުރަށް ދިޔުމަށް ހުދު ގަމީސްލައެވެ. އީދު ދުވަހު އެއްބައި ޒުވާނުން އަޔް ދިގު ހުދު ގަމީސް ތުރުކުރެއްވި އިރު އަނެއްބަޔަކަށް ކަމުދިޔައީ ރޮގުދަމާފައިވާ ނުވަތަ ގޮޅި ޖެހި ގަމީހެެވެ. ހުދާއި ނޫ ކުލައިގެ މުންޑުތައް ފެނިގެން ދިޔައިރު ފޭލި އަތް މީހުންވެސް ވަކި މަދެއް ނޫނެވެ.

އީދު ފާހަގަކުރުމަށް ލިބާސް މޫވްމަންޓް ޓްވިޓާ ހޭންޑުލް އިން އިއްޔެ ވަނީ އީދު ލިބާސް ނަމުގައި ރަސްފަންނުގައި ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެކި އުމުރުފުރާގެ ދިވެހިން ބައިވެރިވި ހަރަކާތުން ވެސް ހިތްތަކަށް ފިނިކަން ގެނެސް ދިނެވެ. ރަސްފަންނުން ފެނިގެންދިޔައީ ޗާލު ފޮތިތަކުން ފަހާފައިވާ ދިގު ހެދުންތަކެވެ. އެކި ކުލަކުލައިގެ ލިބާސްތަކެވެ. ފޭލިތަކާއި މުންޑުތަކެވެ. މިއަހަރުގެ އީދު ދުވަހު ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ދިވެހި ސަގާފީ ހެދުންތައް ލައިގެން އުޅުނު މަންޒަރުފެނުނެވެ. އަންނަން އޮތް ޖީލުތަކުގެ ހިތްތަކުގައި ގައުމީ ލޯބި އުފެއްދުމަކީ މުހިންމު ކަމަކަށްވާ އިރު ސަގާފީ ހެދުން ލައިގެން އުޅުނު އިރު އެކުދިނގެް މޫނުތަކުން ފެނުނީ އަގުނުކުރެވޭނެ ފަދަ ހިނިތުންވުންތަކެކެވެ. ރާއްޖޭގެ ގިނަ ރަށްތަކެއްގައި އީދު ދުވަހުގެ ކުޅިވަރުތައް ކުރިއަށް ގެންދަނީވެސް ސަގާފީ ހެދުމުގައެވެ. ދަޑި ޖެހުމާއި ލަނގިރި ޖަހާ ފަރާތްތަކާއި ބޮޑުބެރު ގްރޫޕްތައް އާންމުކޮށް ފެންނަނީ ސަގާފީ ހެދުންތަކުގައެވެ.

ދިވެހި ސަގާފަތް ދިރުވުމަށް ޒުވާނުންތަކެއް އިސް ނަގައިގެން މަސައްކަތްކުރާކަމީ ގިނަ ބައެއްގެ ތަރުހީބު އެކަމަށް ލިބޭ ކަމެކެވެ. ގައުމުގެ މުސްތަގުބަލު ބައްޓަން ކުރާ ބަޔަކީ ޒުވާނުން ކަމަށް ވާއިރު، މުސްތަގުބަލުގައި ވެސް ދިވެހިންގެ ސަގާފަތާއި އާދަކާދަ ދެމި އޮންނާނެ ކަން ކަށަވަރުވުމަކީ ހިތައް ފިނިކަމެއް ލިބޭ ކަމެކެވެ. ދިވެހި ސަގާފަތާއި ތާރީހު ދިރާސާކޮށ، އެމައުލޫމާތު އާންމުންނާއި ހިސާބަށް ފޯރުކޮށްދޭ ދިވެހިން ޒުވާނުން ވެސް މަދުން ނަމަވެސް އުޅެއެވެ. އެމީހުންގެ މަސައްކަތްތަކަށް ޒުވާނުން ތަރުހީބުކޮށް ހިތްވަރުދީހަދައެވެ. ނަމަވެސް ސަގާފަތް ދިރުވަންވީ ހަމައެކަނި މިފަދައިން ކަމަކަށް ނުފެނެއެވެ. މިއަދަކީ ޒުވާނުންގެ މެދުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ދުވަސްވަރަކަށް ވީ ނަމަވެސް، އަހްލާގީ ރަނގަޅު ސިފަތައް ވެސް އެނބުރި މި ޒުވާން ޖީލަށް އައުން މީ އަޅުގަނޑުގެ އުންމީދެކެވެ. ދިވެހިންގެ މެހެމާންދާރީ އަދާކުރުމުގެ ރިވެތި ސިފައެވެ. އެހެން މީހުންނަށް އެހީވެ، އޯގާތެރިވުމުގެ ސިފައެވެ. ދެކޮޅު ވެރިކަމުގެ ބަދަލުގައި ޒުވާނުން އެއްބައިވެ، އެކުވެރިވާނެޖެހެއެވެ. ގޮންޖެހުންތަކުން އަރާގަނެވޭނީ އެގޮތުގެ މަތިންނެވެ. ޒުވާނުންނަށް ލިބިފައިވާ ބާރަކަށް ވާނަމަ، މަސައްކަތް ކުރަންވީ ގައުމު މިއަދު މިއޮތް ފައްތަރަށް ވުރެ ފަހި މާދަމާއަކަށެވެ.
ޒުވާނުން އީދު
ހިޔާލު

މަގުބާ

ފެޝަންޝޯއަކުން ސަގާފީ ހެދުމެއް ލައިހެން ދައްކައިލުމަކީ އަދި ސަގާފަތް ކުރިއެރުވުނީ ކަމުގައި ބެލެވޭކައް ނެތެވެ. ހަގީގަތުގައި ސަގާފަތް ކުރިއަރުވަން އުޅޭނަމަ އާންމު ދިރިއުޅުމުގައި ސަގާފީ ހެދުން ލާނެއެވެ.