Dhaulathun badhalu dhinun mihaaru ehmme hingaa vahkkan: Azim
image
އެމްޑީޕީ ޕީޖީ ލީޑަރު އާޒިމް.-- ފޮޓޯ: މަޖިލިސް
3 ކޮމެންޓް
 

ދައުލަތުން ބަދަލު ދިނުން، މިހާރު އެންމެ ހިނގާ ވައްކަން: އާޒިމް

މިހާރު އެންމެ ހިނގާ ވައްކަމަކީ ދައުލަތުން ބަދަލު ހޯދުން ކަމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމް މިއަދު މެންދުރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދައުލަތުން ބަދަލު ހޯދުން. މިހާރު އެންމެ ހިނގާ ވައްކަން" ކަމަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލް ހޯދާލުމަށް "ސީއެންއެމް"އިން އާޒިމްއާ ގުޅާލުމުން ވިދާޅުވީ އެއީ މިއަދު ހުރިހާ ކުންފުންޏަކުންވެސް ވަރަށް ކެރިގެން ކުރަމުން އަންނަ ވައްކަމެއް ކަމަށެވެ. އާޒިމް ވިދާޅުވީ އެކަމުގެ ސަބަބުން ދައުލަތަށް އެތައް ގެއްލުންތަކެއް ވަމުން އަންނަ ކަމަށެވެ. އަދި އެފަދަ ވައްކަންތައް ކުރުމުގެ މަގު ކޮށާދީފައި ވަނީ ކުރީގެ ސަރުކާރުން ކަމަށް އާޒިމް ވިދާޅުވިއެވެ.

"އެއީ ހަމަ ހުރިހާ ކުންފުންޏަކުންވެސް ކުރާ ކަމެއް. އެ މަސައްކަތް ވަރަށް ގިނަ ކުންފުނިތަކުން އަންނަނީ ކުރަމުން. ދެން އެ ވައްކަން ކުންފުނިތަކުން ކުރާއިރު ގަސްތުގައި ކުރީގެ ސަރުކާރުން ޒާތްޒާތުގެ އެގްރީމަންޓުތައް ހަދާފައި މި ހުންނަނީ. އަނެއްކާ މި އެގްރީމަންޓުތަކުގެ މައްސަލަ ކޯޓުތަކުގައި ޖެއްސީމަ ކޯޓުތަކުން އެބަ ފައިސާ ދިނުމަށް ދައުލަތަށް ހުކުމް ކުރޭ. އަނެއްކޮޅުން ދައުލަތުން ހަމަ ކޯޓުތަކުން ބުނާ ވަރަކަށް ފައިސާ ދެނީ،" އާޒިމް ވިދާޅުވިއެވެ.

މިއީ ވައްކަމެއް ކަމަށް އާޒިމް ސިފަ ކުރެއްވުމުން މި ވައްކަމުގައި ދައުލަތުންވެސް ބައިވެރިވާ ކަމަށް ގަބޫލުކުރަނީތޯ ސުވާލު ކުރުމުން އާޒިމް ވިދާޅުވީ ދަށު ކޯޓަކުން ނުވަތަ ކޯޓަކުން އެހާ ބޮޑު އަދަދެއް ދައުލަތުގެ މައްޗަށް ދެއްކުމަށް ހުކުމް ކުރުމުން ވަގުތުން އެ ފައިސާއެއް ދެއްކުމަށް ދައުލަތުން ތައްޔާރުވެގެން ނުވާނެ ކަމަށެވެ.

"އެކަންތައް އެޕީލް ނުކުރާހާ ހިނދަކު އަޅުގަނޑު ގަބޫލުކުރާނީ އެއީ ބައިވެރިވުން ކަމަށް،" އާޒިމް ވިދާޅުވިއެވެ.

އާޒިމް މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރު އައިތާ އެއް އަހަރު އަދި ނުވާއިރު މި ސަރުކާރުގެ އެއްވެސް އަތެއް ނުވާ އެތައް އެގްރީމަންޓުތަކެއް ބާތިލްކުރި ކުރުމާއި ދެކޮޅަށް ކުންފުނިތަކުން ކޯޓަށް ދިއުމުންނެވެ. މިގޮތަށް ކޯޓުން ވަނީ ބައެއް ކުންފުނިތަކަށް ބަދަލު ދިނުމަށް ހުކުމް ކޮށްފައެވެ. އަދި ދައުލަތުން ވަނީ އެ ކުންފުނިތަކަށް ފައިސާވެސް ދީފައެވެ. އެގޮތުން ބިޒްނަސް އިމޭޖު ގްރޫޕް (ބިގް) އަށް ޕީއެސްއެމުން 78 މިލިޔަން ރުފިޔާ ދޭން ކޯޓުން ހުކުމް ކުރިއިރު އޭގެތެރެއިން އެއްބައި ސަރުކާރުން ވަނީ ބިގަށް ދީފައެވެ. މި ފައިސާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ ދީފައެވެ. އެއީ 30 މިލިއަން ރުފިޔާއެވެ.

މީގެއިތުރުންވެސް ސަރުކާރު ކޯލިޝަން ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއު އެލްޓީ) އަށް 15 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ދައްކާފައެވެ. ޑަބްލިއުއެލްޓީއަށް ދެއްކި 130 މިލިއަން ރުފިޔާ އަކީ، ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ފައިސާގެ ތެރެއިން 15 މިލިއަން ޑޮލަރު ( 231 މިލިއަން ) ރުފިޔާ އަށް ވާ ފައިސާ އިން ޓެކްސްއާ އެހެނިހެން އެއްޗެެއްސަށް ކެނޑުމަށް ފަހު ޖެހޭ އަދަދު ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެކު ހެދި އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ދިނުމަށްވެސް ކޯޓުން ވަނީ ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައެވެ. ދީބާޖާއަށް ފައިސާ އަދި ދީފައި ނުވި ނަމަވެސް ހުކުމާއި ގުޅިގެން އެ ކުންފުނީގެ ހުށަހެޅުމަކަށް ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ސެޓްލްމަންޓް ކޮމިޓީއަށް އެ މައްސަލަ ވަނީ ފޮނުވާފައެވެ. ހަމައެއާއެކު ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް ކަސްޓަމްސް އިން 22 މިލިޔަން ރުފިޔާ ދެއްކުމަށްވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އާޒިމް ވިދާޅުވި ގޮތުގައި މިފަދަ ކަންކަން ހައްލު ކުރެވެން އޮތީ ޝަރުއީ ދާއިރާ ހަމަ މަގަށް އަޅުވައިގެން ކަމަށެވެ. ނަމަވެސް އެއްރޭގެ މަތިން ޝަރުއީ ދާއިރާ ހަމަ މަގަށް އެޅުވުމަކީ ސަރުކާރުންވެސް އަދި އެމްޑީޕީންވެސް ބޭނުންވާ ގޮތް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީގެކުރިން ކަންކަން ކުރި ގޮތަށް ކަންކަން ކުރިއަށް ނުގެންދަނީ ކީއްވެގެންތޯ ބައެއް ރައްޔިތުން ސުވާލު ކުރަމުން އަންނަކަމަށެވެ. ނަމަވެސް ސަރުކާރުން އެފަދަ ގޮތަކަށް ކަންތައް ކުރަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް އިސްތިއުނާފު ކުރުމަށް އޮތް މުއްދަތުތައް ކުރީގެ ސަރުކާރުން ގާނޫނަށް ބަދަލުތައް ގެނެސްގެން ކަންކަން ކުރީ. އެއީ އަޅުގަނޑު ހަނދާންވަނީ 30 ދުވަހުގެ މުއްދަތު އޮތްތަން 10 ދުވަހަށް ބަދަލުކޮށްލީ. އެއީ ގާނޫނަށް ބަދަލު ގެނެސްގެން. އެކަން އެގޮތަށް ގާނޫނަށް ބަދަލު ގެނެސްގެން ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެއީ އެކަންތައް ކުރީގެ ސަރުކާރުން ކުރަމުން ދިޔައީމަ އަޅުގަނޑުމެން ނުރުހުން ފާޅުކުރިން. އަދި އެއީ ކަންކުރަން ޖެހޭ ގޮތް ކަމަށް އަޅުގަނޑުމެން ގަބޫލު ނުކުރާތީ ދެއްތޯ ސަރުކާރު ބަދަލުކުރަން މަސައްކަތް ފެށީވެސް،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރައްޔިތުން އުއްމީދު ކުރާ ދުވެލީގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ސަރުކާރުންވެސް އަދި މަޖިލިސް ތެރެއިންވެސް އެކަންތައް ކުރިއަށްދާ ކަމަށާއި ކުރީގެ ސަރުކާރުން ކަންކުރި ގޮތަށް މި ސަރުކާރުން ކަންކަން ކުރިއަށް ނުގެންދާނެ ކަމަށެވެ.
ހިޔާލު

އިބްރާހީމް ދީދީ

އާނއެކޭ އާނއެކޭ ހައްޖަށް މީހުން ފޮނުވަން ލާރި ނަގާފަ އެމީހުންނަށް މަކަރު ޖެހީމަ ސަރުކާރުން ބަދަލް ދެނީ ކިހާ ފައްކާ ހުސް ކޮރަޕްޝަން

ޙުސެން

ކުރީ ސަރުކާރުގެ އިހްމާލަށް އެއް ވެސް ބެލުމަކާނުލާމި ސަރުކާރުން ބަޔަކަށް ބަދަލޭ ކިޔާފަ،ބޮޑެތި ޢަދަދުން ފައިސާދިނުމަކީ ބޮޑު ޚިޔާނާތެކެވެ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެފަދަ ބަދަލެއް ދޭންޖެހޭނަމަ އިހްމާލުވިމީހުން ޝަރީޢަތަށް ގެނެސް އެ ބަދަލު އެމީހުން އަތުން ނަގާދޭށެވެ.

ކޮސްމޯ

އަބަދުވެސް ކޮންމެސް ސަރުކާރެއްގެ ބޮލުގައި އެޅުވުން ބަލަ ތިޔަރިދޫ ސަރުކާރުގެ ގާބިލްކަންނެތީ މިކަން ވާވަރުގެ ބަޔަކާހަވާލުކުރޭ ނުވަތަ އިސްތިއުފާދީ؟؟ ކެނެރިގޭނަޝީދެކޭ ސޯލިފު އެކޭ މިކަމެންނުވާނެ؟/ ޔާމީނުވަރުގެ ތަރައްގީކުރި ރައީސެއްދެނެއް ނުފެންނާނެ؟؟