Vissaaraagai sihhathah rakkaatherivumah HPA in govaalaifi
image
ރާއްޖޭގެ ރަށެއްގައި ފެންބޮޑުވެފައި-- ފޮޓޯ: ފޭސްބުކް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ސިއްހަތަށް ރައްކާތެރިވުމަށް އެޗްޕީއޭއިން ގޮވާލައިފި

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އާންމު ސިއްހަތަށް ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގޮވާލައިފި އެވެ.
އެޗްޕީއޭއިން ވަނީ ވިއްސާރަވެ ފެންބޮޑުވުމާއި ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. އެގޮތުން ފެންބޮޑުވެފައިވާ ރަށްތަކުގައި، ފެން ހިންދާ ނިމެންދެން އެ ސަރަހައްދަށް ކުޑަކުދިން ގާތްވިޔަ ނުދިނުމަށް އެޗްޕީއޭއިން ވަނީ ގޮވާލައިފައެވެ.

އަދި ނަރުދަމާ، ޖަންކްޝަން ފަދަ ތަންތަން ފުރިގެން ބޭރުވެފައިވާނަމަ، ސާފުކުރުމުގެ ކުރިން ޕަބްލިކް ހެލްތް ޔުނިޓުގެ އެހީތެރިކަން ހޯއްދެއްވުމަށް އެޗްޕީއޭއިން ލަފާދެއެވެ. އޭގެ އިތުރުރުން ފެން ހިންދާއިރު އަދި ފެން ހިންދުމުގެ ފަހުން ސާފުކުރާ އިރު އަންގި އާއި މާސްކް އަޅައިގެން އެކަން ކުރުމަށާއި، މަސައްކަތް ނިމުމުން އެތަކެތި ކޮތަޅެއްގައި ރައްކާތެރިކަމާއެކު އުކާލުމަށް އެޗްޕީއޭއިން ބުނެއެވެ.

ބޭސް ފަދަ ތަކެތި ފެނުގެ އަސަރު ނުކުރާ ހިސާބެއްގައި ބެހެއްޓުމަށާއި އިންސިއުލިން ފަދަ ވަކި ހޫނު މިނެއްގައި ބަހައްޓަން ޖެހޭ ބޭސް ރައްކާތެރިކަމާއެކު ފްރިޖް ގައި ބެހެއްޓުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ގޭތެރޭގައި ފެންބޮޑުވެ، ފްރިޖް ކަނޑާލަން ޖެހިއްޖެ ހާލަތެއްގައި ވެސް، އެފަދަ ބޭސް އެހެން ފްރިޖެއްގައި ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން މުހިންމެވެ.

އެއްވެސް ކަހަލަ ކާބޯއެއްޗަކަށް ފެނުގެ އަސަރުކޮށްފި ނަމަ އެތަކެތި ބޭނުން ނުކުރުމަށާއި ކަރަންޓު ނެތް ފްރިޖެއްގައި ހަތަރު ގަޑި އިރަށް ވުރެ ގިނަ އިރު ހުންނަ ކައްކާފައިވާ ކާއެއްޗެހި ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ވަނީ ފެންގަނޑު ތެރެއަށް ކުޑަކުދިން އެރުނަ ނުދެއްވުމަށާއި ކައިބޯ ހެދުމަށާއި ދޮވުމަށް ފުޅީގައި ބަންދުކޮށްފައިވާ ނުވަތަ ކެއްކި ފެން ބޭނުން ކުރުމަށް ގޮވާލައިފައެވެ. އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިންނާއި ކެއުމުގެ ކުރިން އަދި ފާހާނާ ކުރުމުގެ ފަހުން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.
ހިޔާލު