Vissaaraagai Addu ah ekivaruge gellun
image
އައްޑޫ ސިޓީއަށް ލިބިފައިވާ ގެއްލުންތައް-- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ވިއްސާރާގައި އައްޑޫ ސިޓީއަށް އެކިވަރުގެ ގެއްލުން ލިބިފައިވޭ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި، އައްޑޫ ސިޓީއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ގަދަވަޔާއި ވިއްސާރައިގެ ސަބަބުން އައްޑޫގެ 54 ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. މީގެ ތެރެއިން ބައެއް ގެތަކުގެ ފުރާޅު އެއްކޮށް ހަލާކުވެފައިވާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ގެއްލުންވި ގެތަކުގެ ތެރެއިން 11 ގެއެއްގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ބާކީ ހުރި 43 ގޭގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

ގެއްލުނ ލިބުނު ގެތައް މަރާމާތް ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގެތަކުގެ އިތުރުން ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީގައި ހުރި 35 ބޮޑު ގަހެއް ވެސް ވަނީ ވެއްޓިފަ އެވެ. އައްޑޫ ސިޓީ ކައުންސިލުން ވަނީ ގަސްތައް ވެއްޓުނު ސަރަހައްދުތައް މިހާރު ސާފުކޮށްފަ އެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެކި ސަރަހައްދުތަކުގައި ދަނީ އެތަކެއް ހާދިސާތަކެއް ހިނގަމުންނެވެ. އޭގެ ތެރޭގައި ރަށްރަށުގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ވުމުގެ އިތުރުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ދަނީ ހިނގަމުންނެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ މިދުވަސްވަރު ކަނޑުދަތުރު ނުކުރުމަށް އެދިފަ އެވެ.
ހިޔާލު