Magumathee ulhey kujjakah eheevumun janhvi ah thaureefu ohenee
image
ޖާންވީ ކަޕޫރު--
0 ކޮމެންޓް
 

މަގުމަތީގައި އުޅޭ ކުއްޖަކަށް އެހީވުމުން ޖާންވީއަށް ތައުރީފު އޮހެނީ

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން މިދިޔަ އަހަރު ނެރުނު ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ތައާރަފުވި ޖާންވީ ކަޕޫރު، މަގުމަތީގައި ދިރިއުޅޭ ކުއްޖަކަށް އެހީވުމުން ގިނަ ބައެއްގެ ތައުރީފު އޭނާއަށް އޮހެން ފަށައިފި އެވެ.
އެކަމެއް ހިނގީ ޖާންވީ ކާރަށް އަރަން ދަނިކޮށް ފޮތް ވިއްކަމުން ކުޑަ ކުއްޖަކު އައިސް ފޮތެއް ގަންނަން އޭނާ ކައިރީ އެދުމުންނެވެ. ޖާންވީ ވަނީ އަތުގައި ލާރި ނެތް ކަމަށް ބުނެ ކާރަށް އަރާފައެވެ. އެކަމަކު އޭގެ ކުޑަ އިރުކޮޅެއް ފަހުން ޖާންވީ ވަނީ އޭނާގެ ޑްރައިވަރުގެ އަތުން ފައިސާ ނެގުމަށް ފަހު އެކުއްޖާއަށް ދީފައެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ އުމުރުން 22 އަހަރުގެ ޖާންވީއަށް ތައުރީފު ކުރަމުންނެވެ.

އެގޮތުން ބައެއް މީހުން ވަނީ ޖާންވީއަށް އޭނާގެ މައިންބަފައިން ދީފައިވާ ރަނގަޅު ތަރުބިއްޔަތު އެކަމުގެ ސަބަބުން އެނގޭ ކަމަށް ބުނެފައެވެ.

ޖާންވީއަކީ މިދިޔަ އަހަރު މަރުވި ބޮލީވުޑުގެ މަޝްހޫރު ބަތަލާ ސްރީދޭވީ އާއި ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ އެންމެ ދޮށީ ދަރިފުޅެވެ. ޖާންވީގެ ފަރާތުން ފެނިގެންދިޔަ އެ އަމަލަށް އޭނާގެ މަންމަ ދުނިޔޭގައި ނެތް ނަމަވެސް ފަހުރުވެރިވާނެ ކަމަށް ވެސް މީހުން ބުނެއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގްބޫލުކަން ހޯދި ޖާންވީ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ކާގިލް ގާލް" އިންނެވެ. އެއީ 1999 ވަނަ އަހަރު، ކާގިލް ހަނގުރާމަ ހިނގާދިޔަ ދުވަސްވަރު އިންޑިއަން އެއާ ފޯސްގައި މަސައްކަތްކުރަމުން އައި ހަމައެކަނި އަންހެން ޕައިލެޓް ގުންޖަން ސަކްސޭނާގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ.

އޭގެ އިތުރުން ހަދިކް މެހެތާ ޑައިރެކްޓްކޮށް ނެރޭ ބިރުވެރި ކޮމެޑީ ފިލްމު ރޫހި އަފްޒާގައި ވެސް އޭނާ ފެނިގެންދާނެއެވެ. އަދި ކަރަން ޖޯހަރުގެ ތަހުތުން ވެސް އޭނާ ފެނިގެންދާނެއެވެ.
ހިޔާލު