''Kashmir ge nimmumaai dhekolhu faraaiythakun ulhenee siyaasee kulhi kulhen''
image
ގައުމާ މުހާތަބުކޮށް މޯޑީ ވާހަކަދައްކަވަނީ-- ފޮޓޯ: އޭޕީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ކަޝްމީރުގެ ނިންމުމާއި ދެކޮޅު ފަރާތްތަކުން އުޅެނީ ސިޔާސީ ކުޅިކުޅެން: މޯޑީ

އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އިން ކަޝްމީރުގެ ސަރަހައްދަށް ލިބިދީފައިވާ ގާނޫނީ މިނިވަންކަން އަތުލުމަށް އިންޑިއާ އިން ނިންމި ނިންމުމާއި ދެކޮޅު ފަރާތްތަކުން އުޅެނީ "ސިޔާސީ ކުޅިއެއް ކުޅެން" ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯޑީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ 72 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ގައުމާ މުހާތަބާކުރައްވާ ވާހަކަދައްކަވަމުން މޯޑީ ވިދާޅުވީ ގާނޫނީ މިނިވަން ކަމުގެ ސަބަބުން އިންޑިއާގައި ވަނީ ކޮރަޕްޝަން އުފެދިފައި ކަމަށެވެ. އަދި ކަޝްމީރުގެ ފާގަތިކަން އަލުން އިއާދަކުރައްވާނެ ކަމަށާއި 370 ވަނަ މާއްދާ އުވާލުމާއި ދެކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ "ސިޔާސީ ކުޅިއެއް ކުޅެން" ކަމަށް މޯޑީ ވިދާޅުވިއެވެ.

މޯޑީ ވިދާޅުވީ އިންޑިއާގެ ތަރައްގީގެ ވަރަށް މުހިންމު ރޯލެއް ކަޝްމީރުން އަދާކުރާކަމަށެވެ. ސިޔާސީ ގޮތުން ލިބިދާނެ ގެއްލުމެއްގެ ބިރަށްޓަކައި، ވޭތުވެދިޔަ ސަރުކާރުތަކުން އެފަދަ ބޮޑު ފިޔަވަޅެއް އަޅާފައިނުވާކަމަށާއި ނަމަވެސް އެމަނިކުފާނަށް މުހިންމީ ސިޔާސީ މުސްތަގުބަލަށްވުރެ ގައުމުގެ މުސްތަގްބަލުކަމަށް މޯޑީ ވިދާޅުވިއެވެ.

"އަޅުގަނޑަށް މުހިންމެއް ނޫން އަޅުގަނޑުގެ ސިޔާސީ މުސްތަގްބަލެއް. އަޅުގަނޑަށް އަބަދުވެސް އެންމެ މުހިންމުވާނީ ގައުމުގެ މުސްތަގްބަލް." މޯޑީ ވިދާޅުވިއެވެ.

ނަމަވެސް އިންޑިއާގެ އަސްކަރިއްޔާއިން ކަޝްމީރު "ބަންދު" ކޮށްފައިވުމާއި މެދު މޯޑީ އެއްޗެއް ވިދާޅެއްނުވެއެވެ. އިންޑީއާގެ މިނިވަންދުވަހާއި ޕާކިސްތާނުގެ މިނިވަންދުވަސް ޖެހިޖެހިގެން އަންނައިރު، ޕާކިސްތާންގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބުދަ ދުވަހު އެގައުމުގެ ބޮޑު ވަޒީރު އިމްރާން ހާން ވަނީ މޯޑީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އިމްރާން ހާން ވިދާޅުވީ ކަޝްމީރުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާގެ ޒިންމާ މޯޑީ ނަގަންޖެހޭނެ ކަމަށެވެ. އަދި ލިބޭ ކޮންމެ ފުރުސަތެއްގައި ކަޝްމީރުގެ ވާހަކަ ދައްކަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ހަތްދިހަ އަހަރު އިންޑިއާގެ ޖައްމު އަދި ކަޝްމީރު ސަރަހައްދަށް ލިބިފައި އޮތް އަމިއްލަ ވެރިކަން ހިންގުމުގެ ބާރު މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އުވާލާފަ އެވެ. އެއާއެކު އެ ސަރަހައްދުގައި ހަމަނުޖެހުން ހިނގުމުގެ ބިރު އޮތީ ބޮޑުވެފަ އެވެ.

އިންޑިއާގެ ގާނޫނު އަސާސީގެ މާއްދާ 370 އުވާލުމާއެކު އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރު ސަރަހައްދުގައި އިންޑިއާގެ އެހެން ސްޓޭޓުތަކުގެ މީހުންނަށް ވަޒަންވެރިވެ، ބިން މިލްކު ކުރެވޭނެ އެވެ. ކުރިން އެގޮތަށް ނަހަދާ އޮތީ އެ ތަނުގައި މުސްލިމުންގެ އާބާދީ ބޮޑުވެފައި، އިންޑިއާގެ މައި ސަރުކާރާ ދެކޮޅު ވިސްނުން ބޮޑުވުމުންނެވެ.

ކަޝްމީރަކީ އިންޑިއާގެ ސްޓޭޓުތަކުގެ ތެރެއިން މުސްލިމުންގެ އާބާދީ އެންމެ ބޮޑު ތަނެވެ. އަދި މޯދީގެ ބީޖޭޕީ އަކީ ހިންދޫ ނޭޝަނަލިސްޓް ޕާޓީ އެކެވެ. ކަޝްމީރުގެ ގިނަ މީހުން ގަބޫލު ކުރަނީ ބީޖޭޕީ ސަރުކާރުން އުޅެނީ އެތަނުގައި މުސްލިމުންގެ އާބާދީ މަދުކުރަން ކަމަށެވެ.

އެއީ ކަޝްމީރު ނޫން މީހުންނަށް އެތަނުން ބިން ގަނެ ވަޒަންވެރިވުމުގެ ފުރުސަތު ލިބޭ ނަމަ އިޒްރޭލުން ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުމާއި އެއް ފަދަ ކަމެއްގެ ގޮތުގައި އެމީހުން ސިފަކުރެ އެވެ. އެކަމަކު އެ ބަދަލާއެކު ޖައްމު އަދި ކަޝްމީރަށް ތަރައްގީ އަންނާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ.
ހިޔާލު