Vaahaka: Moosumee Loabi
image
ވާހަކަ: މޫސުމީ ލޯބި
ފަތުހުﷲ އަހުމަދު
2 ކޮމެންޓް
 

ވާހަކަ: މޫސުމީ ލޯބި

"ދެން އަވަސްކޮށްގެން އާދެ. މިހާރު ކެކިފަ ހުންނާނީ." ޔުމްނާ އަވަސް އަވަސްކޮށްލައިގެން ތެދުވިއެވެ.
ޔުމްނާ ކޮޓަރިން ނުކުންނަށް ދެން ބަލަން ރިޒާ އިނެވެ. ޔުމްނާ ކޮޓަރިން ނުކުތް އިރަށް ރިޒާގެ ހަރަކާތްތައް އަވަސްވިއެވެ. އަވަހަށް ފާޚާނާއާ ދިމާއަށް ދުއްވައިގަތެވެ.

"ދެން އަވަސްކޮށްގެން ނުކުމޭ. އަހަރެން ވަރަށް މަސައްކަތް ކުރާނާން ޔުމް ކޮންޓްރޯލް ކޮށްލެވޭތޯ. އަހަރުމެން ކާން ފެށީމަ މަޑުމަޑުން ސުޒީ ނުކުމޭ އިނގޭ. ހަނދާންކޮށް އެއްވެސް އެއްޗެއް މި ކޮޓަރީ ނުބާއްވާތި! ނަމަނަމަ އަޑެއްބަޑެއް ނީއްވާ ނުކުންނާތި!" ރިޒާ ވައި އަޑުން ވާހަކަދައްކަމުން ދިޔައެވެ. ދެންމެ ވެސް ކިރިޔާ މި ސަލާމަތްވީ. ފަރުމަހޭ އެލަރޖިކޭ ކިޔައިގެން."
ސުޒީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރިޒާގެ ހަރަކާތްތައް ހުރި ގޮތުންނެވެ.

"ހާދަލޯބިންނޭ ހިނިތުންވަނީއޭ އޭނާ، ސިއްރުސިއްރުންނޭ ބަލަނީ ޒުވާނާ." ރިޒާ ކޮޓަރިން ނުކުތީ އަނގައިން ލަވަ އަޅުވާލައިގެންނެވެ.
ޔުމްނާ ހައިރާން ކަމާއެކު ބަލަން ހުއްޓެވެ.

"ހާދަ އާޓިފިޝަލްއޭ. ރިޒާއާ ނުވެސް ގުޅޭ." ޔުމްނާ ހޭންފެށިއެވެ.
"މަށަށް ވެސް ޓްރައި ކޮށްލެވިދާނެދޯ ކިޔޭތޯ ބަލަން"

"ސޯފާ ކައިރީ ހުރި މޭޒުމަތީހުރި 'ސީޒަނަލް ފުޑް ލަވް' ޖަހައިފަ ހުރި ކޮތަޅި ހިފައިގެން އާދެބަލަ." ޔުމްނާ ހިނިތުންވެލިއެވެ.
"ހާދަ ވަސްގަނޑު ރަނގަޅޭ. އަނެއްކާ މިއަދު މީ އާ ޑިޝްއެއްތަ؟" ރިޒާ ހިނިތުންވެލަމުން އެތެރެއަށް ނޭވާ ދަމައިލިއެވެ.
"އާނ މިއަދު މީ ޔުމް ސްޕެޝަލް. އެނގޭތަ މިއަދުގެ ޑިޝްގެ ނަން؟ މިއަދު މި ހެދީ 'ލަވް ޓު ޑެތު' ކިޔާ ޑިޝްއެއް." ޔުމްނާ ހޭންފެށިއެވެ.

ރިޒާ ކައިމޭޒުގެ އެއް ކޮޅުގައި އިށީނެވެ. އަތުގައި އޮތް ކޮތަޅު ޔުމްނާއަށް ދިއްކޮށްލަމުންނެވެ. ޔުމްނާ އަތުގައި ހުރި ތަށި މޭޒުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު ރިޒާއާ ކައިރިއަށް ބަތްކާތަށި ކައިރިކޮށްލަ ދިނެވެ.
"ޕަރާޓާ ހިފައިގެން އައީ، މި ޑިޝް އަމިއްލައަށް ޓްރައިކޮށްލަން ވެގެން." ރިޒާ ދިއްކޮށްލި ކޮތަޅުން ޕަރާޓާ ނަގަމުން ޔުމުނާ ބަލައިލިއެވެ.

މޭޒުމަތީގައި ހުރި ބޯތަށިން ކުކުޅު ކޮޅެއް ނަގައި ތަށްޓަށް އަޅައި ދިނެވެ. އެއަށްފަހު، އަތުގައި އޮތް ޕަރާޓާ ކޮތަޅު މޮހައިލަމުން ހުސްކޮށް ހުރި ތަށީގައި ޕަރާޓާތައް އަތުރައިލިއެވެ. ރިޒާ އިނީ ޔުމްނާގެ ތަރުތީބުވެފައިވާ ހަރަކާތްތައް ބަލާށެވެ.
"ވަރަށް ހޫނުވާނެ." ޔުމްނާ ބަލައިލީ ރިޒާގެ މޫނަށެވެ.

"ބޯނެ އެއްޗެއް ނެތް ތަ؟" ރިޒާ ތެދުވަން އުޅުނެވެ.
"މަޑުކޮށްލާ! އަހަރެން ގެނެސް ދޭނަން." ޔުމްނާ ކޮޅަށް ތެދުވިއެވެ. "އިހަށް ރަހަ ބަލައިލަބަލަ. މީރުތޯ ބަލައިލަބަލަ."
ޔުމްނާ ވެސް އޭނާގެ ތަށްޓަށް ބޯތަށީ ހުރި ކުކުޅުން އެތި ކޮޅެއް ލިއެވެ. ރިޒާ އަވަސް އަވަހަށް ޕަރާޓާ ކޮޅެއް ނަގައި ކުކުޅުގައި ޖައްސާލަމުން އެތެރެއަށް ދިރުވައިލިއެވެ.

"ކިހިނެއް ވަނީ؟" ޔުމްނާ ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ.
"ވަރަށް އޮބި. މޮޅު ޝެފެއްވިއްޔަ!" ރިޒާ ބަލައިލީ ޔުމްނާގެ މޫނަށެވެ.
ރިޒާ ފަސްވަނަ ޕަރާޓާކޮޅު އަނގަތެރެއަށް ލިއެވެ. ޔުމްނާ އިނީ މަންޒަރު ބަލާށެވެ. ޔުމްނާގެ ހިތުގައި ޖެހެމުން ދިޔަ ވިންދު އަވަސްވަމުން ދިޔައެވެ.

"ހާދަ އަވަސް އަވަހަށް ތި ކަނީ. އެހައި އަވަހަށް ކާކަށް ނުވާނެ." ޔުމްނާ ހިންދިރުވައިލިއެވެ.
"މީރުވީމަ އަވަސްވާނެ. މީރު އެއްޗެއް ލަހުން ކާން އިނދެވޭތަ؟" ރިޒާ ހޭންފެށިއެވެ. "އަތުގައި ޖެހޭ އިރަށް ރަހަބެލުމޭ މަގޭ ސްޓައިލަކީ ދޯ!"

ދެމީހުން އެކުގައި ހޭންފެށިއެވެ. ޔުމްނާ ދެ އަތް ދެއަތް މޭޒުމަތީގައި ބާއްވާލިއެވެ. އޭރު ޔުމްނާގެ ހިތުގައި ޖަހަމުން ދިޔަ ވިންދު އަވަސްވަމުން ދިޔައެވެ. ކުއްލިއަކަށް ރިޒާ ކޮށިއެރިއެވެ. ކޮށްޓުމާ އެކުގައެވެ. ހިންދިރުވާލަން އުނދަގޫ ވިއެވެ.
"ފެން. ފެން." ބޭއިޚްތިޔާރުގައި ރިޒާ އަތް ދިމާކޮށްލީ ޔުމްނާއާ ދިމާއަށެވެ.

ޔުމްނާ އަވަސްއަވަހަށް އައިސް އަލަމާރިއާ ދިމާއަށް ދުއްވައިގަތެވެ. އޭރު ރިޒާ ތެޅި ފޮޅެނީއެވެ. ކޮއްޓުމާއެކު މީހާގެ އަރުތެރޭގައި އެއްޗެއް ތާށިވެގެން ތެޅި ފޮޅޭ ގޮތަށެވެ. ދެ އަތުން ކަރުގައި ހިފައިގެން އިނދެއެވެ. ރިޒާ އިން ގޮނޑި އަރި އަޅައިލިއެވެ. އެއާއެކު އޭނާ މުށިގަނޑު މައްޗަށް ބަންޑުން ވެއްޓުނެވެ.

"ފެން. ފެން." ރިޒާ އަނެއްކާ ވެސް ބުނެލިއެވެ.

ޔުމްނާ ފެންތަށި ހިފައިގެން އައިސް ރިޒާ ގާތަށް ތިރިވެލިއެވެ. ޔުމްނާ ފެންތަށި ދިއްކޮށްލިއެވެ. ރިޒާ ތަށީގައި ހިފައިލަން އަތް ދިއްކޮށްލިއެވެ. ޔުމްނާގެ އަތް ފަހަތަށް ޖައްސައިލިއެވެ. ރިޒާ ކުރިއަށް ޖެހިލިއެވެ. ޔުމްނާ އަނެއްކާ ވެސް ފެންތަށި ފަހަތަށް ޖައްސައިލިއެވެ. ރިޒާ މަޑުމަޑުން ކުރިއަށް ޖެހިލެވޭތޯ ބެލިއެވެ.

ދެ ފޫޓެއްހާ ދުރުގައި، ޔުމްނާ ފެންތަށި ބެހެއްޓިއެވެ. މުށިގަނޑު މަތީގައެވެ. ރިޒާ ކުރިއަށް ޖެހިލެވޭތޯ ބެލިއެވެ. އޭރު ރިޒާގެ ދެ ލޯވަނީ ބޮޑުވެފައެވެ. ރަތްވެފައެވެ. މުޅި މޫނުމަތިން ވެސް އެކުލަވަރު ފެންނަމުން ދިޔައެވެ. ހީވަނީ ދެ ލޯ ބޭރަށް ނުކުންނަން އުޅޭ ހެންނެވެ. ދެލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ. ނޭފަތް ވެސް ހީވަނީ ފަޅައިގެންދާން އުޅޭހެންނެވެ. މުށިގަނޑު މައްޗަށް ރިޒާގެ ދެ މިޔަކަނުން ސޮނިތައް ފައިބަމުން ދިޔައެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ފެންތަށްޓާ ދިމާއަށް ދެވޭތޯއެވެ. ޔުމްނާ އިސްތަށިގަނޑު މިނިވަންކޮށްލިއެވެ. އެއާއެކު ބާރުބާރަށް ހޭންފެށިއެވެ.

"ކަލޭ ހީކުރީ އަހަންނަށް ނޭނގޭނެ ކަމަށްތަ؟ އަހަރެން ރަށުގައި ނެތީސް ކަލޭ ކުރި ހުރިހާ ކަމެއް އަހަންނަށް ބަރާބަރަށް ފެނުނު. އަހަރެންގެ ތަންމަތީ ކަލޭ ފަޅުފިލުވީ މުޅީން ވެސް ހިލޭ އަންހެނުންނާއެކު. ސުޒީ. މަރީ. ޔަޝް. ކަލޭއަށް އެނގެނީ މުޅީން ވެސް އަހަރެންގެ ރައްޓެހީން ގެންގުޅެން. ފަރުމަހޭ އެ ލަރޖިކޭ ކިޔައިގެން ކޮންމެ ފަހަރަކު ކަލޭ މަކަރު ހަދަނީ. އަހަންނަކީ އެ ވަރު ނުވިސްނޭ ގަމާރަކަށް ހެދިގެން މިހުރިހާ ދުވަހު މި ކެތް ކުރީ. ކަލޭއަށް ވިސްނޭތޯ." ޔުމްނާ ރުޅިވެރިކަމާއެކު ރިޒާގެ މޫނަށް ބަލައިގެން އިނދެ ވާހަކަތައް އަމުނަމުން ދިޔައެވެ. "ނިކަން ބުނެބަލަ މިއީ ދޮގެކޭ. ކަލޭ ލައްވާ ކޮޓަރީގައި ސްޕައި ކެމެރާ ހަރުކޮށް، ކަލޭއަށް ނޭނގި އެ ހުރިހާ އެއްޗެއްގެ ކޮންޓްރޯލް އަހަރެންގެ ފޯނަށް ލިބޭނެ ގޮތަށް ބަދަލުކުރީ ކަލޭ ގަންނަ ގަނޑު ބަލަން ވެގެން."

"އަހަންނަށް.. އަހަންނަށް... އަހަން..." ރިޒާ ދެއަތް ކައިރިކޮށްލަމުން ޔުމްނާއާ ދިމާއަށް ދިއްކޮށްލިއެވެ. މައާފަށް އެދެމޭ ބުނާފަދަ ބީދައަކުންނެވެ.

"އަހަރެން ބޭނުމެއް ނޫން ތިކަހަލަ ވަފާތެރި ކެހިވެރިން މި ދުނިޔޭގައި ބައިތިއްބާކަށް. މޫސުމީ ލޯބިވެރިންގެ ދަލުގައި ޖެހި އެހެން މީހުންގެ ހައްގުތައް ނިގުލައިލެވޭކަށް." ޔުމްނާ ހޭންފެށިއެވެ. "އަހަރެން އެއްވެސް ކަމެއް ނުކުރަން ކުރިކަމެއް ތިޔަ ކުރީ އަމިއްލައަށް. މީރުކާނާ ހުއްޓާ އެ ނުކަން ވިހަ ތިޔަ ކެއީ އަމިއްލައަށް. ރީތި ތަންމަތި މުޑުދާރު ތި ކުރީ އަމިއްލައަށް."

ރިޒާ ދެ އަތް ހިއްލައިލިއެވެ. ފެން ތަށްޓާ ދިމާއަށެވެ. ޔުމްނާ ކޮޅަށް ތެދުވިއެވެ. މުށިގަނޑު މަތީގައި ހުރި ފެންތަށީގައި ފައިން ޖެހިއެވެ. ޔުމްނާ ފައިން ޖެހި ގޮތުން ފެންތަށި ބުރައިގެން ދިޔައެވެ. ތަށި ޖެހުނު ގޮތުން، ތަށި ކުދިކުދިވިއެވެ. އެއާއެކު، ފެނުގެ ރޮނގުތަކެއް، މުށިގަނޑު މަތީގައި ދެމިލިއެވެ. މުށިގަނޑުމަތީގައި ދެމިގެން ދިޔަ ފެނުގެ ހަނިހަނި ރޮނގުތަކާ ދިމާއަށް ރިޒާ ދެމިގަތެވެ. މުށިގަނޑުމަތީގައި އޭނާގެ ދޫ ޖައްސައިލިއެވެ. ނަމަވެސް، ފެންފޮދެއް އަރުތެރެއަށް އެތެރެވާ ވަރެއް ނުވިއެވެ. އެންމެ ފަހުން އޭނާ ހިމޭންވިއެވެ. ހުއްޓުނެވެ.

ޔުމްނާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އަވަސް އަވަހަށް މޭޒުމަތީގައި ހުރި ހުރިހާ އެއްޗެއް ކޮތަޅަށް އަޅައިލިއެވެ. ތަށިތަކާއި ތެލިތައް ސާފުކޮށްލިއެވެ. އަތްމަތި އަވަސްކޮށްލަމުން އަތަށް އަންގިއެއް މަހައިލިއެވެ. ކޮތަޅުގެ ތެރެއިން ޕަރާޓާ އަކާއި ރޯސްކުރި ކުކުޅު ކޮތަޅެއް ނަގައި ބަތްކާތަށި ތެރެއަށް ކުކުޅުތައް ފަތުރައިލިއެވެ. އަދި އަތްދަބަހުން ކުޑަ ފުޅިއެއް ނަގައި ކުކުޅުތަކުގެ މައްޗަށް އެ ފުޅިން ދެތިން ތިކި ވައްޓައިލިއެވެ. އެއަށްފަހު، ޕަރާޓާކޮޅަކުން ކުކުޅުތައް ރަނގަޅަށް މޮޑެލިއެވެ.

މޭޒު ކައިރިއަށް ވެއްޓިފައި އޮތް ރިޒާ ދަމާ އެއްފަރާތްކޮށްލިއެވެ. މުށިގަނޑުމަތީގައި ހުރި ބިއްލޫރިތަކަށް ސަމާލުވަމުންނެވެ. ކުރިއަށް ޖެހިލިއެވެ.

އިރުކޮޅެއް ނުވަނީސް ޔުމްނާ ހުރީ ކޮޓަރި ތެރޭގައެވެ. ކޮޓަރި ތެރެއަށް ވަދެ އެނދާއި އަލަމާރި އަދި ބިތުގެ އެކި ތަންތަނުގައި ހަރުކޮށްފައިވާ ކުދިކުދި ކެމެރާތައް ނައްޓައިލިއެވެ. އެ ހުރިހާ ސާމާނެއް އަތްދަބަހަށް އަޅައިލަމުންނެވެ. ޔުމްނާ ފާޚާނާގެ ތަޅުގައި ހިފައިލިއެވެ. ތަޅު ދެފަރާތަށް އަނބުރައިލިއެވެ.

ފާޚާނާ ތެރޭގައި އޭރު ވެސް ސުޒީ އިނެވެ. މާޔޫސްވެފައެވެ. ހަދާނެ ނަހަދާނެ ގޮތެއް ނޭނގިފައެވެ. ފާޚާނާގެ ތަޅުގައި ޔުމްނާ ހިފައިލުމާއެކު ސުޒީ ސިހުނެވެ. އޭނާގެ މޭގަނޑު ނަގައި ޖެހެން ފެށުނެވެ. އިރުކޮޅެއް ވަންދެން ނޭވާ އެތެރެއަށް ހިފަހައްޓައިލައިގެން އިނެވެ.

"އޯކޭ މި ނުކުންނަނީ. ދެން މާގިނަ އިރެއް ނުވާނެ." ސުޒީއަށް ޔުމްނާގެ އަޑު އިވުނީ ވަރަށް މަޑުންނެވެ.

ޔުމްނާ ކޮންމެ ވެސް މީހަށް ގުޅައިގެން އުޅޭ ކަހަލަ ގޮތަކަށް ވާހަކަ ބައްޓަން ވެފައި ހުރުމުން ސުޒީ މަޑުމަޑުން ތެދުވިއެވެ. މަޑުމަޑުން ދޮރު ކައިރިއަށް ގޮސް ތަޅު އަނބުރައިލިއެވެ. އަޑެއް ބަޑެއް ނީވޭހާ ސިއްރުންނެވެ. މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ކިރިޔަ ކިރިޔާ ކޮޓަރި ތެރެ ފެންނަ ވަރަށެވެ. އޭރުވެސް، ޔުމްނާ ހުރީ ކަންފަތުގައި ފޯނު ޖަހައިގެން ރީތިވާ މޭޒު ކައިރީގައި ދަބަހަށް އެއްޗެހި އަޅާށެވެ. ޔުމްނާ ކުއްލިއަކަށް އެނބުރިލިއެވެ.

ސުޒީ މަޑުމަޑުން ދޮރު ކައިރިކޮށްލިއެވެ. ޔުމްނާއަށް އެ މަންޒަރު ފެނުނެވެ. ނަމަވެސް ނުފެންނަ ކަމަށް ހަދައިގެން ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ. ޔުމްނާ އައިސް ފާޚާނާ ކައިރިއަށް ހުއްޓުނެވެ. އަނެއްކާ ވެސް ފާޚާނާ ތަޅުގައި ހިފައިލިއެވެ. ސުޒީ ދޮރުފަތުގައި ލެނގިލިއެވެ. ނޭވާ އެތެރެއަށް ހިފަހައްޓައިގެން ހުރެއެވެ. އަނގަޔާއި ނޭފަތް މަތީގައި އަތް އަޅަމުންނެވެ.

"މޭޒުމަތީ ހުންނާނެ ކާން ހަދައިފަ. ލަސްވީމަ އަހަރެން މި ނުކުންނަނީ. މިހާރު ވަރަށް ބަނޑުހައިވެފައެއްނު ތިހުރީ. ކައިގެން އަރާމުކޮށްލާ. އޯކޭ ބޭއްވީ." ސުޒީއަށް އިއްވަން ޔުމްނާ ވާހަކަދެއްކިއެވެ. ކަންފަތުގައި ފޯނު ޖައްސައިގެން ހުރެއެވެ.

އެޕާޓްމަންޓުގެ ބޮޑު ދޮރުން ޔުމްނާ ނުކުތީ އޭނާގެ ރަސްމީ ދަތުރު ފޮށި ދަމަމުން އަތް ދަބަސް ކޮނޑުގައި އަޅުވާލަމުންނެވެ. ބޮޑު ދޮރުން ނުކުމެލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެންމެ ފަހު ފަހަރަށް ބަލައިލިއެވެ. އޭނާގެ ދެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ.
ހިނދުކޮޅެއް ފަހެވެ. ގޭތެރެއިން އަޑެއް ބަޑެއް ނީވުމުން ސުޒީ ބޭރަށް ނުކުތެވެ. ފާޚާނާގައި އެތައް އިރަކު އިނުމުން މުޅި މީހާ ވަނީ ދާ ހިތްލާ ފޯވެފައެވެ. ކަރު ހިއްކައިގެންފައެވެ. މީހާ ހުރީ ބަނޑުހައިވެގެން ހާންތިވާ ވަރު ވެފައެވެ.

އޭނާ ބޭރަށް ނުކުމެ ބަލައިލީ ކައި މޭޒާ ދިމާއަށެވެ. ޔުމްނާ ބުނިގޮތަށް ކާން ތައްޔާރުކޮށްފައި ހުއްޓެވެ. ސުޒީ އަވަސް އަވަހަށް ޕަރާޓާ ކޮޅެއް ނައްޓައިލަމުން މަސްކޮޅެއް އަނގަތެރެއަށް ލިއެވެ. ދެ ތިން ފަހަރަކު އެކަން ކޮށްލި އިރަށް އޭނާގެ ބޮލަށް އެނބުރުން އެރިއެވެ.

ޔުމްނާ އިނީ ލަންކާގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރުގައި މަޑުކޮށްލައި ގެންނެވެ. އޭނާގެ މަންޒިލަށް ދިޔުމަށް ޓަކައި އުދުހެން ފެށޭނީ އަދި ތިން ގަޑީއިރު ފަހުންނެވެ. ޔުމްނާގެ މޫނުމަތީގައި ވަނީ މާޔޫސްކަމެވެ. މޮޅިވެރިކަމެވެ. މަޑުމަޑުން ފޯނު ނަގައި ފޭސްބުކު ހާވައިލިއެވެ. ނޫސްތަކުގެ ނިއުސްފީޑުތައް ބަލައިލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އެއް ސުރުޚީ ތަކެކެވެ. 'ސީޒަނަލް ލަވް ފުޑް' ރެސްޓޯރަންޓުން ގެންދިޔަ ކާނާ ކައިގެން ދެ ލޯބިވެރިން ވިހަވެ މަރުވިކަމަށް ޖަހައިފައިވާ ޚަބަރުތަކުންނެވެ.

ޔުމްނާގެ މޫނު މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ހިތައިހިތައި ކިޔައިލެވުނެވެ. މައްސަލައަކީ 'ސީޒަނަލް ފުޑެއް' ނޫނެވެ. މައްސަލައަކީ މޫސުމީ ލޯތްބެވެ. މޫސުމީ ލޯބި ފެޝަނަކަށް ވުމެވެ. މޫސުމީ ލޯބީގެ އަވާގައި ޖެހުމެވެ. ހެޔޮ ނުބައި އޮޅުމެވެ. ކުއްލިއަކަށް ޔުމްނާގެ ބޮލުގައި ރިއްސާގަތެވެ. މޭނުބައިކޮށް ހޮޑުލަވާން ފެށިއެވެ.

"އަހަންނަށް ވެސް...، އަހަރެން ވެސް މިވީ މޫސުމީ ލޯބީގެ ޝިކާރައަކަށް ނޫންބާ؟ ކުރިން ވެސް ޖެހުނު ހާލު މި ފަހަރު ޖެހިދާނެބާ؟ އެ ފަހަރަކު މީހަކު މަރު ނުވިޔަސް މި ފަހަރު މި އޮތީ ދެ ފުރާނަ... ދެ ފުރާނަ... ދެ މީހެއްގެ ފުރާނަ، މި ކުރެވުނީ ކިހައި ބޮޑު ކުށެއް ކިހައި ބޮޑު ކުށެއް؟ ކިހައި ބޮޑު ކުށެއް؟" ޔުމްނާ ބާރުބާރަށް ހަޅޭއްލަވާ ގަތެވެ.

ޔުމްނާއަށް ކުރެވުނީ ކިހައި ވަރެއްގެ ކަމެއްކަން ވިސްނެން ފެށީ އެހައި ހިސާބުންނެވެ. އޭނާ ބޮލުގެ އިސްތަށިގަނޑުގައި ހިފައިލިއެވެ. ދެ އަތަށް ބާރުލަމުންނެވެ. ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލިއެވެ. ކުރިއަށް ވުރެ ބާރަށް ހަޅޭއްލަވާ ގަތެވެ. އެއާއެކު ޔުމްނާ މުށިގަނޑު މައްޗަށް ވެއްޓި ގަތެވެ. މީހާ ހީވަނީ ނޭވާ ހާސްވެގެން ތެޅޭ ހެންނެވެ. އެންމެން ތިބީ ވާނުވާގައެވެ. ހައިރާންވެ އަންތަރީސްވެފައެވެ.

އެކަކަށް ވެސް ޔުމްނާއާ ގާތްވާކަށް ނުކެރުނެވެ. މަޑުމަޑުން ޔުމްނާގެ ހަރަކާތްތައް ހުއްޓުނެވެ. ވައިގެ ބަނދަރުގެ ފާރަވެރިންގެ ބެލުމުގެ ދަށަށް ޔުމްނާ ގެންދެވުނެވެ.

(ނިމުނީ)
ހިޔާލު

ކޮޕީ

މިހަމަ ކޮޕީއެއް ހިންދީ އެއްޗެއްގެ

މަންމަ

އެ ނިމުނީއޭ... ކިހިނެއް ދެން ވާނީ ޔުމްއަށް