Dhivehin thibee Kashimir aa eku, sarukaarun thibee hanu
image
އިންޑިއާ ސަރުކާރާއި ދެކޮޅަށް ކަޝްމީރުގެ ރައްޔިތުން މުޒާހަރާ ކުރަނީ-- ފޮޓޯ:ރޫޓާސް
ރައްޔާން މުޙައްމަދު
12 ކޮމެންޓް
 

ދިވެހިން ތިބީ ކަޝްމީރާއެކު، ސަރުކާރުން އޮތީ ހަނު!

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިލްކުވެރިކަމުގެ މައްސަލަ އުފެދިފައިވާ ކަޝްމީރުގެ ބާރުތައް ކަނޑައެޅުމާ ބެހޭ ގޮތުން ގާނޫނުއަސާސީގައި އޮންނަ މާއްދާ އިސްލާހުކުރުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން ދަނީ އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް މިހާރު ކަނޑައަޅާފައިވަނީ ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަަ އެވެ. ގާނޫނު އަސާސީއަށް ގެނާ އިސްލާހާ އެކު އިންޑިއާ ސަރުކާރުން ވަނީ ކަޝްމީރު "ބަންދު" ކޮށްފައެވެ. އެގޮތުން އިންޑިއާގެ އަސްކަރިއްޔާ އިން ކަޝްމީރުގެ އެކި ސަރަހައްދުތަކުގައި ފޯރިމަރަން ފަށާ، ފަތުރުވެރިން ކަޝްމީރުން ބޭރުކޮށް ކަޝްމީރުގެ ހުރިހާ މުއާސަލާތީ ގުޅުމެއް ކަނޑާލިއެވެ. އިންޑިއާގެ ނިންމުމާ ގުޅިގެން ޖައްމޫ އެންޑް ކަޝްމީރުގައި ހަމަނުޖެހުން އުފެދި އިންސާނީ ހައްގުތަކަށް ނުރައްކާވާ ހިސާބަށް މައްސަލަ ގޯސްވެދާނެކަމުގެ ބިރު އޮތީ ބޮޑުވެފައެވެ.

ކަޝްމީރަކީ އިންޑިއާގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ސްޓޭޓަށް ވާއިރު އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ ބަރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އަކީ ހިންދޫ ނޭޝަނަލިސްޓް ޕާޓީ އެކެވެ. ކަޝްމީރުގެ ގިނަ މީހުން ގަބޫލު ކުރާގޮތުގައި ބީޖޭޕީ ސަރުކާރުގެ މިނިންމުމަކީ ކަޝްމީރުގައި އުޅޭ މުސްލިމުންގެ އާބާދީ މަދުކުރުމަށް އެޅި ފިޔަވަޅެކެވެ. ސަބަބު ވަރަށް ސާފެވެ. ފަހަކަށް އައިސް އިންޑިއާގެ ހިންދޫ ދީނުގެ މީހުން ދަނީ މުސްލިމުންނަށް ބޮޑެތި އަނިޔާތަކެއް ދެމުންނެވެ.

ހިންދޫ މީހުން މުސްލިމުންނަށް އަނިޔާކުރާ ވީޑީއޯތައް ކޮންމެ ހަފްތާއަކު ވެސް ސޯޝަލް މީޑިއާގައި ދައުރުކުރެއެވެ. ވަކި އުމުރެއް ނުބަލައެވެ. މުސްކުޅި އުމުރުފުރައިން ފެށިގެން ތުއްތު ކުދިންނަށް ވެސް އަނިޔާދެނީއެވެ. މުސްލިމަކަށްވީތީ އެވެ. މިފަދަ ލާއިންސާނީ އަނިޔާތަކެއް މުސްލިމް މުޖުތަމައަކުން ތަހައްމަލު ކުރަމުންދާއިރު ސައްތައިން ސައްތަ މުސްލިމް ގައުމެއް ނިދާފާ އޮތުމަކީ ކަންބޮޑުވާންޖެހޭކަމެކެވެ. ހަމައެކަނި މުސްލިމުންނަށް ވީތީއެއް ނޫނެވެ. އިންސާނުންނަށް ވީތީއެވެ. އިންސާނީ ހައްގުތަކުގެ ހުޅުކޮޅުގެ އަލިން މަހްރޫމްވެ ކަޝްމީރުގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ އަދިރި ބިރުވެރި މާހައުލެއްގައެވެ.

ކަޝްމީރުގެ ހާލަތާއި ބެހޭގޮތުން ދިވެހި ސަރުކާރުން މިހާތަނަށް ބަހެއް ބުނީ އެންމެ ފަހަރަކުއެވެ. ކަޝްމީރުގެ މައްސަލަ ހޫނުވުމާގުޅިގެން ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިނިވަން ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ ހައްގު އޮންނާނެ ކަމަށް ރާއްޖެެއިން ދެކޭކަމަށެވެ.

އާންމު ބަހުރުވައިން ދަންނަވާނަމަ "މަށާ ބެހެވޭ ކަމެއް ނޫނޭ" އެވެ. ނަމަވެސް މިއީ ހަގީގަތުގައި ވެސް "ރާއްޖެ" ދެކޭ ގޮތްބާއެވެ؟ ފަހުގެ ތާރީހަށް ބަލާއިރު، ދިވެހިންނަކީ އެއްބައިވަންތަ ބައެކޭ ބުނެވެން ނެތް ނަމަވެސް، މިމައްސަލާގައި ގިނަ ދިވެހިންގެ ހިޔާލު ސަރުކާރާ ތަފާތެވެ. ކަޝްމީރުގެ ރައްޔިތުންނަށް ހަދާނެ ގޮތެއް ހަދަން ދޫކޮށްލުމާ ދިވެހިން ދެކޮޅެވެ. ހާރިޖީ ވުޒާރާގެ ބަޔާނާއި ގުޅިގެންވެސް ދިވެހިންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ގިނަ ދިވެހިން ގަބޫލުކުރާގޮތުގައި ކަޝްމީރު މައްސަލާގައި ދިވެހި ސަރުކާރުން އިންޑިއާއާ ދެކޮޅުވާން ބިރުގަންނަނީއެވެ. އިންޑިއާއަކީ ބޮޑު ގައުމަކަށްވެފައި ސަރުކާރުގެ މަސައްކަތްތަކަށް މުހިންމު ގައުމަކަށް ވާތީއެވެ.

ކޮންމެ ސަަބަބަކަށްޓަކައި ވިޔަސް، އިންޑިއާގެ ސަރުކާރުން ކަޝްމީރާ މެދު އަމަލު ކުރަމުންދަނީ އަނިޔާވެރިކޮށްކަން އެއީ މުޅި ދުނިޔެއަށް ފެންނަން އޮތް ހަގީގަތެވެ. ދިވެހިންނަކީ މުސްލިމުންނަށް ދިމާވާ ގޮންޖެހުންތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސް ސަފުގައި ތިބޭ ނަމޫނާބައެެކެވެ. ލާއިންސާނިއްޔަތާއި ދެކޮޅަށް އަޑު އުފުލަން ނުކެރޭ ވަރުގެ ފިނޑިބައެއް ނޫނެވެ. މިއަދުވެސް ދިވެހި ރައްޔިތުން ދައްކާދެމުންދާ މަންޒަރަކީ އެއީއެވެ.

ކަޝްމީރުގެ މުސްލިމުންނަށް ބީރު ކަންފަތެއް ދިނުމުގެ އިތުރުން ދިވެހި ރައްޔިތުންގެ އަޑު ނީވޭ ކަމަށް ހެދިގެން ދިވެހި ސަރުކާރުން އުޅެން ޖެހުންމީ ލަދު ގަންނަންޖެހޭކަމެކެވެ. އިންސާފަށް އަޑު އުފުލަން ސަރުކާރަށް ނުކެރޭނަމަ، ވެރިކަމަށް ހެޔޮ ބަދަލެއް އައިސްފައިވޭތޯ ވިސްނާލަން ޖެހެއެވެ.
ހިޔާލު

މިގޭ

ގެރި މޯދީގެ ބައްޕަގެ ސަރުކާރެއް މިހާރު މިއޮތީ . މުސްލިމުންނަށް މިހާއަނިޔާ ުރާއިރު މިވެރިން ހަނު މިތިބެނީ އެހެންވެ. ޒީރޯ ޓޮލެރަސް.

ޙަސީނާ އަލީ

ދިވެހިންނޭ މިއާޓިކަލްގަ ބުނެފައެވަނީ މި އާޓިކަލް ލިޔުނުމީހާއާއި އޭނަގެ އާއިލާއަށް ބާއެވެ. އެހެނީ ދިވެހިންގެ ގިނަބައެއްގެ ޚިޔާލުހޯދުމަކާނުލާ އަމިއްލައަށް ގޮތްނިންމާފަ ވާތީއެވެ. ޚޮންމެގައުމެއްވެސް ތަމްސީލުކުރަނީ އެގައުމެއްގެ ރައްޔިތުންގެ މެޖޯރިޓީ ލިބިގެން އައިސް އޮންނަ ސަރުކާރެކެވެ. އެއްވެސް އިންޑިވިޖުއަލްއަކަށް އެފުރުސަތެއް ނޯވެއެވެ.

ޒީނާދު

ރާއްޖޭގެ ފޮރިން ޕޮލިސީއޮތީ ވިކިފަ! ފޮރިން މިނިސްޓަރު މެޓާލިކާ ރޮކްބޭންޑުގެ ރެކޯޑު މުގުރާލަން ދުނިޔެވަށާ ރަސްމީ ދަތުރުއަޅަނީ. މިހާތަނަށް ލިބުނު ހިލޭއެހީއެއް ލިބިފަވާނީ ޝާހިދުގެ ޖީބަށް ޕޮކެޓުމަނީ އަދި އިންސިޑެންޝަލް އަދި އެކޮމޮޑޭޝަން ހަރަދަށް

ލަތިއްޓޭ

ކަޝްމީރުގައި ބަޑިޖަހާ މީހުން މަރަނީއެއް ނޫން. ދެން ކޮންފަދަ ކަމެއް؟ އަހަރުމެންނަކާ ކީއް؟

މަަންތިރި

ނޫންނޫން! ވަރަހ ކުދިކުދި ތަކެތި ހަށިގަނޑަށް ހަމަލާ ދީ މަރާލަނީ! ބޮޑު އެތި ގޮސް ކުޑަ އެތި ކާލާ އަދި ޤައުމު ކުޑަވީމާ ޝުޢޫރު ފާޅު ނުކުރެވޭ ގޮތް ނައްތާލަން ބޭނުން ވަނީ

އަލީބަލީ

ޕީކިސްތާނާއި އިންޑިއާއިން ބިމާ ހެދި ކުޅޭ ކުޅިވަރަކަށް އަހަރުމެންނަކާ ކޮން ކަމެއް؟

ކޮންކަމެއް

ކަޝްމީރު މައްސަލައަކީ ބިމާ ގުޅޭ މައްސަލައެއް. އެއްވެސް ހާލެއްގައި ދީނީ ކަމެއް ނޫން. އެހެންވީމާ އެއީ އަހަރުމެންނާ ބެހޭ ކަމެއް ނޫން.

ސާޠާ

ާއެހެނެކޭކިޔާފަ އެއްވެސް ދިވެއްސަކު މަގުމައްޗައް ނުކުތްތަ،،؟ ނުނުކުންނަނަމަ ތިކަމާދިވެހިން ނުވިސްނާ.

މޯލްޑިވިޔަން ޕެޓްރޮއިޓް

ދިވެހިރާއްޖެއަށް އިންޑިޔާއިންވެސް ނުބައި ރޭވުމެއްގެތެރޭން މިކަހަލަ ކަމެއްނުކުރާނޭބާ؟ އިންޑިޔާގެ ފައިބުޑަށް ވެއްޓި މި 5 އަހަރު އެއްވެސް ތަރައްގީގެ ޕްރޮޖެކްޓެއް ފެނޭތޯ އަހަރުމެން މިތިބީ ބަލަނަ! 1 ބިލިޔަން ޑޮލަރުގެ ލޯނެކޯ، އެކަމުން އޭގެ ބޮޑުބަޔަކީ ކަރަންސީ ސޮވޮޕް. އިންޑިޔާގެ މިހާރުގެ ވެރިންނަކީ ހިތުގެ އަޑިންނާއި މަތިން މުސްލިމުންދެކެ އިންތިހާ ރުޅިއަންނަ ބައެއް. މުސްލިމުންނަށް ކުރާ އެއްވެސް އަނިޔާއެއް ބެލުމެއްނެތް.

އަލީރާޖާ

ތިމާމެންނާ ނުބެހޭ ބޮޑެތި ތަޅާފޮޅުންތަކުގެ ތެރެއަށް ވަދެ ބަސް ބުނެ ކޮޅުކޮޅު ނެގުމުން މި ގައުމަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް. ލިބޭނީ ގެއްލުން. ސަރުކާރުން ވިސްނަންޖެހޭނީ މުޅިގައުމުގެ އެންމެ މަތީ މަސްލަހަތަށް. އެހެންވީމާ މިއީ ސަރުކާރުން އޭގެ ތެރެއަށް ވަންނަންޖެހޭ ކަމެއް ނޫން. ރާއްޖެއަކީ ކަޝްމީރު މައްސަލައަށް ހައްލެއް، ނުފޫޒެއް، ބާރެއް ފޯރުވޭ ވަރަށް ވުރެ މާ ކުޑަ ނިކަމެތި ގައުމެއް. ދެން އަގަތަޅައިގެން ލިބެން ހުރި އެހީތައް ހުއްޓި ނިކަމެތިވާން މިކަމުގެ ތެރެއަށް ވަންނަންޖެހޭ؟

ޢިލްޔާސް

ގިނަދިވެހިންނަށް ވާނުވާވެސް އިގޭ. ބައެއް ނޫސްވެރިންނަށް ވެސް ނޭގޭ.

ޢަޒީ

Ahremenakaa beheykameh noon thee