Ebbasvun dhamahahtaane kamuge yageenkan Sudan ge askaree leader dheefi
image
ސޫދާންގެ އަސްކަރީ ލީޑާރު މުހައްމަދު ހަމްދާން (ހެމެޓީ)-- ފޮޓޯ:އޭޕީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އެއްބަސްވުން ދަމަހައްޓާނެކަމުގެ ޔަގީންކަން ސޫދާންގެ އަސްކަރީ ލީޑަރު ދީފި

ބާރުތައް ބަހާލުމަށް ސޫދާންގެ އަސްކަރީ ކައުންސިލާއި އިދިކޮޅު ހަރަކާތްތައް ހިންގާ ފަރާތްތަކުން އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވާއިރު، އެކަން ދަމަހައްޓާނެކަމަށް ސޫދާންގެ އަސްކަރީ ލީޑަރު މުހައްމަދު ހަމްދާން (ހެމެޓީ) ވިދާޅުވެއްޖެއެވެ.
މިވަގުތު ސޫދާންގެ އެންމެ ބާރުގަދަ ފަރާތްގެ ގޮތުގައި މީޑިއާތަކުން ސިފަކުރާ ހެމެޓީ، އެއްބަސްވުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވީ ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައެވެ. ހެމިޓީ ވިދާޅުވީ އެއްބަސްވުމުގައި ހުރިހާ މާއްދާއަކާއި އެއްގޮތަށް އަސްކަރިއްޔާއިން އަމަލުކުރާނެކަމަށެވެ.

ހެމިޓީ ވިދާޅުވީ އެއްބަސްވުމެއް އެކުލަވާނުލިޔަސް އެއީ ރައްޔިތުން އެދޭ ގޮތް ކަމުގައިވާތީ އެކަންވާންޖެހޭނީ އެހެން ކަމަށެވެ. ހެމިޓީ އަކީ ސޫދާންގެ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ގެ ކޮމާންޑަރުވެސް މެއެވެ. އާރްއެސްއެފަކީ ސޫދާންގައި ބޮޑު ގަތުލު އާންމެއް ހިންގި ކަމުގެ ތުހުމަތުކުރެވޭ ބައެކެވެ.

ސޫދާންގައި ހިނގި ހަމަނުޖެހުންތަކުގައި ޖޫން މަހުގެ ތިން ވަނަ ދުވަހު އާރްއެސްއެފުން ވަނީ 120 ވުރެ ގިނަ މީހުން މަރާލައިފައެވެ. އަދި އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުންގެ ހަށިގަނޑުވަނީ ނީލަން ކޯރަށް އެއްލާލައިފައެވެ.

ނަމަވެސް އާރްއެސްއެފުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. ހެމެޓީ ވިދާޅުވީ އާރްއެސްއެފްގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށެވެ. އަދި އާރްއެސްއެފަކީ މީހުން މަރާ ބައެއް ނޫންކަމަށާއި، އެމީހުންނަކީ މީހުންނަށް ރައްކާތެރިކަން ދޭ ބައެއްކަމަށް ހެމިޓީ ވިދާޅުވިއެވެ.

ދެ ފަރާތުން ވެވުނު އެއްބަސްވުމުގެ ދަށުން އިންތިހާބެއް ބޭއްވެން ދެން ކުރިއަށް އޮތް ތިން އަހަރު ވަންދެން ސޫދާންގެ ވެރިކަން ކުރާނީ ބަދަލުވާ ގޮތަށް، އަސްކަރީ-މަދަނީ މުސްތަގިއްލު ކައުންސިލެއްގެ ދަށުންނެވެ. އެއްބަސްވުމުގައި ވާގޮތުން ފުރަތަމަ 21 މަހު ވެރިކަމުގައި ހުންނާނީ ސޫދާންގެ އަސްކަރީ ކައުންސިލުންނެވެ. އަދި އެއަށްފަހު 18 މަސްވަންދެން ހުންނާނީ ރައްޔިތުންގެ ތެރެއިން ހޮވާލެވޭ އިސް ފަރާތެކެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެ ގައުމުގެ މަގުތަކުގައި ކުރި މުޒާހަރާތައް ކޮންޓްރޯލް ކުރަން އެ ގައުމުގެ އަސްކަރިއްޔާއަށް ނުކުޅެދިފައި އޮތް ދަނޑިވަޅެއްގައި އާދެވުނު އެއްބަސްވުމުގެ ދަށުން ސޫދާން އިން ގާއިމުކުރާ އަސްކަރީ-މަދަނީ މުސްތަގިއްލު ކައުންސިލުގައި ތިއްބަވާނީ ސޫދާންގެ އަސްކަރިއްޔާގެ ފަސް ބޭފުޅުންނާއި ރައްޔިތުންގެ ތެރެއިން ހޮވާލެވޭ ފަސް މީހުންނެވެ. މީގެ އިތުރުން ދެފަރާތުން އެއްބަސްވާ އެކަކު ހިމެނޭނެއެވެ.

މީގެ އިތުރުން ޖޫން ތިނެއްގެ މުޒާހަރާގައި، އަސްކަރިއްޔާއިން ބާރުގެ ބޭނުންކޮށްގެން މުޒާހަރާކުރަމުން ދިޔަ ބަޔަކު މަރާލި މައްސަލަ ބެލުމަށް ވެސް ދެފަރާތުން ވަނީ އެއްބަސްވެފައެވެ. އަދި އެ މައްސަލަ ބެލުމަށް ހިންގާ ތަހުގީގު އެއީ މިނިވަން ދެފުށް ފެންނަ ތަހުގީގަކަށް ހެދުމަށް ވަނީ އެއްބަސްވެފައެވެ. ޖޫން ތިނެއްގައި ހިނގާ ދިޔަ ކުރިމަތިލުންތަކުގައި ސަތޭކައަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ކައުންސިލްގެ ދަށުން އުފައްދާ މުއައްސަސާތައް އުފެއްދުމަށް މަގު ފަހި ވެގެން ދާނެ ކަމަށާއި މިއީ އާ ދައުރެއްގެ ފެށުމަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިދިކޮޅުގައި އިސްކޮށް ހަރަކާތްތެރިވާ ފޯސަސް ފޯ ފްރީޑަމް އެންޑް ޗޭންޖް ގެ ލީޑަރު އޮމަރް އަލް-ޑެގައިރް ވަނީ ވިދާޅުވެފަ އެވެ.

ސޫދާންގެ އަސްކަރިއްޔާ އާއި އިދިކޮޅު ހަރަކާތްތައް ހިންގާ ފަރާތްތަކުގެ ކުރިމަތިލުންތަކަށް ނިމުމެއް އައުމުން ސޫދާންގެ ރައްޔިތުން ވަނީ މަގުތައް މައްޗަށް ނުކުމެ އުފާ ފާޅުކުރަން ފަށާފަ އެވެ. ހުދުމުހުތާރު ވެރިކަމެއް ކުރަމުން އައި އުމަރު އަލް-ބަޝީރުގެ ވެރިކަން ނިމުމަކަށް ގެނައި ފަހުން ވެސް ގިނަ ރައްޔިތުންތަކެއް ދިޔައީ، ބާރުތައް ރައްޔިތުންނާ ހަވާލުކުރުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.

އަސްކަރިޔާ އާއި އިދިކޮޅު ހަރަކާތްތައް ހިންގާ ފަރާތްތަކުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރީ އެފްރިކަން ޔޫނިއަން އާއި އިތިއޯޕިއާއެވެ. މިދިޔަ ހަފުތާގައި ކުރިޔަށް ގެންދިޔަ ބިޔަބޮޑު އެއްވުންތަކާއި ގުޅިގެން އެ ފަރާތްތަކުން ވަނީ މަޝްވަރާތަކުން ހައްލެއް ހޯދުމަށް އަވަސްވެ ގަނެފައެވެ.
ވެރިކަން ސޫދާން
ހިޔާލު