Huhdha nethi evve ulhevey gothah gaanoonah islaahu gennanee
image
މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ:ޓްވިޓާ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ހޯމް މިނިސްޓްރީގެ ހުއްދަ ނެތި އެއްވެއުޅެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ އިތުރުން ދެ ގާނޫނަކަށް އިސްލާހު ގެނައުމަށް ތިން ބިލެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ފޮނުވައިފި އެވެ.
އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާ ތިން ގާނޫނަކީ ރިޔާސީ އިންތިހާބުގެ ގާނޫނާއި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާ އިނާޔަތާ ބެހޭ ގާނޫނެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާހަކީ، ރާއްޖޭގެ އިތުރުން އެހެން ގައުމެއްގެ ރަށްވެހިކަން ނުވަތަ ހިމާޔަތް ހޯދާފައިވާ މީހަކު ބޭރުގެ ރަށްވެހިކަން ނުވަތަ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް އޮތް އޮތުން އުނިކުރުމެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުށަހަޅާ އިސްލާހަކީ، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށް ކަނޑައަޅާފައިވާ ބައި އުނިކުރުމަށެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައި ވަނީ އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަގާމުގައި ހުރިއިރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ ނަމަ، އޭނާއާ އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތް ނުލިބޭ ގޮތަށް އޮތް އޮތުން އިސްލާހު ކުރުމަށެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައ ގާނޫނަށް މި އިސްލާހު އައުމާއެކު ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތް ނުލިބޭ ގޮތަށް ހަމަޖެހޭނީ، އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ފަހުން އެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ހިސާބުންނެވެ.

ވެރިރަށް މާލޭގައި މުޒާހަރާކުރުން ހަނިވާ ގޮތަށް، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި، އޮގަސްޓް 2016 ގައެވެ. އޭރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅި އިސްލާހުގައިވާ ގޮތުން، މޯލްޑިވްސް ޕޮލިސް ސާވިސްއިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަންޏެވެ.

ރާއްޖޭގެ އިތުރުން އެހެން ގައުމެއްގެ ރަށްވެހިކަން ހޯދާފައިވާ މީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް، ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައީ މިދިޔަ އަހަރުގަ އެވެ. މިދިޔަ އަހަރު ޖޫން މަހު އެ އިސްލާހު ހުށަހެޅީ އޭރު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު، އަދި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާނެވެ.
ހިޔާލު