18 Aharun dhashuge kudhinge kaiveni manaakuranee
image
ފެމިލީ ކޯޓް.-- ފޮޓޯ: ދި އިސްލާމް
1 ކޮމެންޓް
 

18 އަހަރުން ދަށުގެ ކުދިންގެ ކައިވެނި މަނާކުރަނީ

ރާއްޖޭގައި 18 އަހަރުން ދަށުގެ ކުދިން ކައިވެނި ކުރުން މުޅިން މަނާކޮށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އަލުން އެކުލަވާލުމުގެ ބިލް ސަރުކާރުން މިއަދު މަޖިލީހަށް ފޮނުވައިފި އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނެއް އަލުން އެކުލަވާލަން ސަރުކާރުން ނިންމަވާފައި ވަނީ މިހާރު އޮންނަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ބައްޓަންކުރެވިފައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއިބެހޭ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ އެންމެހައި ހައްގުތައް އޭގެ އެންމެ ފުޅާމިނުގައި ނުލިބޭތީ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި އެ މުއާހަދާގައި ކުޑަކުދިންނަށް ކަށަވަރުކޮށްދޭ ހައްގުތައް، ރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި ކުޑަކުދިންނަށް ލިބިދެވޭނެ ހައްގުތައް އަލަށް މަޖިލީހަށް ފޮނުވި ބިލުގައި ހިމަނާފައިވެ އެވެ.

މިހާރު އެ ގާނޫނު އޮންނަ ގޮތުން، 18 އަހަރުން ދަށުގެ ކުދިންނަށް ވެސް ހާއްސަ ހުއްދައެއްގެ ދަށުން ކައިވެނި ކުރެވެ އެވެ. އެކަމަކު ސަރުކާރުން އަލަށް މަޖިލީހަށް ފޮނުވި ބިލް ފާސްވެ، ގާނޫނަކަށް ވުމުން 18 އަހަރުން ދަށުގެ ކުދިން ކައިވެނި ކުރުން ރާއްޖޭގައި މުޅިން މަނާވެގެން ދާނެ އެވެ.

އޭގެ އިތުރުން އެ ބިލުގައި ކަނޑައަޅާފައިވާ ކުޑަކުދިންނަށް ލިބިދޭ ހައްގުތަކުގެ ތެރޭގައި، ތަފާތުނުކުރުމާއި، ދިރިހުރުމާއި ހެދިބޮޑުވުމުގެ ހައްގާއި، ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުމާއި، އަޅާލުމާއި ހިމާޔަތް ލިބުމާއި، އަނިޔާކުރުމާއި ގޯނާކުރުމާއި އަޅާނުލުމުން ރައްކާތެރިކަން ލިބުމާއި، މައިންބަފައިން އެނގުމާއި އެމީހުންގެ އަޅާލުން ލިބުމުގެ ހައްގާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހާއްސަ އަޅާލުމާއި ރައްކާތެރިކަން ލިބުމުގެ ހައްގާއި، ދުޅަހެޔޮ ސިައްހަތާއި ސިއްހީ ފަރުވާ ލިބުމުގެ ހައްގާއި، އުނގެނުމުގެ ހައްގާއި، ރަޙުމްކުޑަ ލާއިންސާނީ އަދަބު ނުދިނުމާއި، އަނިޔާއިން ރައްކާތެރިވުމާއި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އާންމުނުކުރުމުގެ ހައްގު ފަދަ ގިނަ ކަންކަން ހިމަނާފައި ވެއެވެ.

އާ ބިލް މަޖިލީހުން ފާސްވެ ގާނޫނަކަށް ވުމުން ކުޑަކުދިންނާބެހޭ ސިޔާސަތުތައް ކަނޑައެޅުމާއި، މިނިސްޓަރަށް ލަފާދޭ ފަރާތެއްގެ ގޮތުގައި، އުފައްދާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލެއް އުފައްދަން ޖެހޭނެ އެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި މައިގަނޑު މަސްއޫލިއްޔަތު އަދާކުރަން މިނިސްޓަރުގެ ލަފާގެ މަތިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއެއް އުފައްދައި، އެ ސާވިސްގެ ޒިންމާތައް ވެސް މި ބިލުގައި ކަނޑައަޅާފައިވެ އެވެ.

ދައުލަތުން ވަގުތީ ގޮތުން ހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކުދިންނަށް ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އޯލްޓަނޭޓިވް ކެއަގެ ހިދުމަތް ފޯރުކޮށްދޭނެ ރެސިޑެންޝަލް ފެސިލިޓީތަކެއް އެކަށީގެންވާ އަދަދަކަށް ގާއިމްކުރަންވާނެކަމަށާއި، އެތަންތަނުގައި ބައިތިއްބަންޖެހޭ ފަރާތްތަކަކީ ކޮބައިކަން ވެސް ކަނޑައަޅާފައި ވެއެވެ. ގާނޫނު ތަންފީޒުކުރެވޭ މިންވަރު ބަލައި މޮނިޓާކުރުމަށްޓަކައި، މިނިވަން މުސްތަގިއްލު ޗިލްޑްރަންސް އޮމްބަޑްސްމަނެއް އައްޔަންކުރަންވާނެ ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. އަދި ޗިލްރަންސް އޮމްބަޑްސްމަންގެ އޮފީހަކީ، ހިއުމަން ރައިޓްސް ކޮމިޝަންގައި ގާއިމުކުރެވޭ އިދާރާއެއެއް ކަމަށް ވެސް އެ ބިލުގައި ބުނެ އެވެ.
ހިޔާލު

ޑިމޮކްރަސީ

ބާލިޚްވީމަ ކައިވެނި ނުކުރެވެންޏާ ހިގާ ފާހިޝް ޢަމަލުތައް އިތުރުވެގެންދާނެ މިއީ މުސްލިމް ޤަވްމެއް މުސްލިމްޤަވްމެއްގަ ޤާނޫންތައް ބައްޓަންވާންޖެހޭނި ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތައް ބިނާކޮށް ރާއްޖޭގެ މީގެކުރީގަ ޒިނޭ އާއި ފާހިޝް ޢަމަލުތަކާއި ކުޑަކުދިން ކުރާ ކުއްތައް މަދުވާނެ؛ މިހާރު އެކަންތައް މިވަނީ ހައްދުންނެއްޓިފަ އެއީ އިސްލާމީ ޤާނޫންތައް ބޮލާލާ ޖެހީމަ