Kushuge zinmaa ufulanjehey umuru 15 aharah mathikoh, kudakudhinge adhuluge nizaameh gaaim kuranee
image
ކުޑަކުދިންތަކެއް.-- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 15 އަހަރަށް މަތިކޮށް، ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމް ކުރަނީ

ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު ނުވަތަ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 15 އަހަރަށް މަތިކޮށް، ބޮޑެތި މީހުންގެ މައްޗަށް ހިންގާ އާންމު ޖިނާއީ އަދުލުގެ ނިޒާމާ މުޅިން ވަކިކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރެވިގެންދާގޮތަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އަލުން އެކުލަވާލުމުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުން މިއަދު ފޮނުއްވައިފި އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނެއް އަލުން އެކުލަވާލަން ސަރުކާރުން ނިންމަވާފައި ވަނީ މިހާރު އޮންނަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ބައްޓަންކުރެވިފައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއިބެހޭ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ އެންމެހައި ހައްގުތައް އޭގެ އެންމެ ފުޅާމިނުގައި ނުލިބޭތީ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި އެ މުއާހަދާގައި ކުޑަކުދިންނަށް ކަށަވަރުކޮށްދޭ ހައްގުތައް، ރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި ކުޑަކުދިންނަށް ލިބިދެވޭނެ ހައްގުތައް އަލަށް މަޖިލީހަށް ފޮނުވި ބިލުގައި ހިމަނާފައިވެ އެވެ.

އެގޮތުން އެ ބިލް ފާސްވެ، ގާނޫނަށް އަމަލު ކުރަން ފެށުމުން އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންގެ މައްޗަށް އެއްވެސް ކުށެއްގެ ޖިނާއީ ދައުވާއެއް ނުއުފުލޭނެ އެވެ. އޭގެ ބަދަލުގައި، 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ގާނޫނާއި ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެކުދިން ރީހެބިލިޓޭޓް ކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް ހަމަޖެއްސުމަކީ ލާޒިމް ކަމެކެވެ.

ކުޑަކުދިންނަކީ ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެ، ތަސައްރުފު ފުދިފައިވާ ބައެއް ކަމުގައިނުވާތީ އެއްވެސް ކުއްޖަކަށް، މަރުގެ އަދަބު ދިނުން ވެސް އާ ބިލް ފާސްވެ، ގާނޫނަކަށް ވުމުން މަނާ ވެގެން ދާނެ އެވެ.

މިހާރު އަމަލުކުރަމުންދާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުގައިވާ ގޮތުން، އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކުގެ އިތުރުން މަރުގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި 10 އަހަރު ވެފައިވާ ކުދިން ޖިނާއީ މައްސޫލިއްޔަތު އުފުލަންޖެހެ އެވެ. އަދި ހުރިހާ ކުށްތަކެއްގެ ޖިނާއީ މައްސޫލިއްޔަތު، 15 އަހަރު ވުމުން އުފުލަންޖެހެ އެވެ.

އޭގެ އިތުރުން ކުޑަކުދިންގެ އަދުލުގެ ބިލް ގާނޫނަކަށް ވުމުން ބޮޑެތި މީހުންގެ މައްޗަށް ހިންގާ އާންމު ޖިނާއީ އަދުލުގެ ނިޒާމާ މުޅިން ވަކިކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރެވިގެންދާނެ އެވެ. އަދި ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ބަލަން ހާއްސަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނަޑައެޅި މާލޭގައި މިހާރު ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރުން، އެ ކޯޓުގެ ސަރަހައްދީ ޑިވިޝަންތައް ގާއިމުކުރެވޭނެ އެވެ.

މަޖިލީހުން ބިލް ފާސްވެ ގާނޫނަކަށް ވެއްޖެނަމަ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، އުމުރުން 15 އަހަރު ކަމުގައި ކަނޑައެޅޭ ގޮތަށް އެ ބިލުގައި ވެސް ކަނޑައަޅާފައި ވެއެވެ. އަދި ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު ބިލުގައި ކަނޑައަޅާފައިވަނީ، އިސްލާމީ ގައުމުތަކުގައި ކަނޑައަޅާފައިވާ އުމުރަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ކުޑަކުދިންގެ އަދުލުގެ ބިލުގެ ދަށުން ދާހިލީ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނީ މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އުފައްދައި، އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް ކަނޑައެޅިގެންނެވެ. މީގެ އިތުރުން، މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދުކުރާ މަރުކަޒުތައް ސަރުކާރުން ހެދުމަށް މި ބިލުގައި ލާޒިމްކުރެ އެވެ.
ހިޔާލު