Commission thakuge membarunge maalee bayaan haamakurun laazimu kuranee
image
ބައެއް މިނިވަން މުވައްސަސާތަކުގެ ވެރިން.
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުން ލާޒިމުކުރާ އިސްލާހެއް މަޖިލީހަށް ފޮނުވައިފި

މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމްތައް އަދާކުރައްވާ ފަރާތްތަކުގެ މާލީ ބަޔާން ހާމަކުރުން ލާޒިމްކުރާ ގޮތަށް، ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ސަރުކާރުން ވަނީ މުސްތަގިއްލު ބައެއް ކޮމިޝަންތަކާއި މުސްތަގިއްލު ބައެއް މަގާމްތަކާއި، މަގާމުތަކާ ގުޅުންހުރި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލުތައް މަޖިލީހަށް ހުށަހެޅުއްވުމަށްޓަކައި މިއަދު ފޮނުވައިފައެވެ. އޭގެތެރޭގައި ކޮމިޝަންތަކުގެ މެންބަރުންގެ އިތުރުން އެ ފަރާތްތަކުގެ އާއިލާގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުން ލާޒިމް ކުރާ އިސްލާހެއް ހިމެނެއެވެ.

އޭގެ އިތުރުން މިނިވަން ކޮމިޝަންތަކުގައި ތިއްބަވާ ފަރާތްތަކަކީ އަމިއްލަ ވިޔަފާރި ކޮށް ނުވަތަ މަސްލަހަތު ފުށުއަރާފަދަ އެހެނިހެން މަސައްކަތެއްގައި ހަރަކާތްތެރިވާ ފަރާތްތަކަކަށް ވެގެން ނުވާނެ ކަން ގާނޫގައި ބަޔާންކުރުން އިސްލާހުގައި ހިމެނެއެވެ.

މުސްތަގިއްލު މަގާމްތައް އަދާކުރައްވާ ފަރާތްތަކާއި، ކޮމިޝަންތަކުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކެއް ގާނޫނުގައި ކަނޑައަޅައި، އެ މިންގަނޑުތައް ހިފެހެއްޓުމަށް ލާޒިމުކުރުން ވެސް މި ގާނޫނުތަކަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އެ މިންގަނޑުތަކާއި ހިލާފު ވެއްޖެ ނަމަ އެޅޭނެ ފިޔަވަޅުތަކެއްވެސް ބަޔާންކުރުން ހިމެނެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުން ހޯދައި ބަލަންޖެހޭ ކޮންމެ ކަމެއްގައި، ކޮމިޝަންތަކުގެ މެންބަރުން ޖަވާބުދާރީވެ، މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޒިންމާ އުފުލަންޖެހޭނެކަމާއި، އިޖާބީ ގޮތެއްގައި މަޖިލީހަށް އެއްބާރުލުން ދޭންވާނެކަމަށް ބަޔާންކުރުންވެސް އިސްލާހުގައި ހިމެނެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި އިސްލާހުތަކުގެ މަގްސަދަކީ، މުސްތަގިއްލު މަގާމްތައް އަދާކުރައްވާ ފަރާތްތަކަކީ، ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ. އަދި މުސްތަގިއްލު މަގާމްތައް އަދާކުރައްވާ ފަރާތްތައް ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަނީ ތައައްސުބުން އެއްކިބާވެ، މިނިވަންކަމާ އެކުގައިކަން އިސްލާހުތަކުގެ ސަބަބުން ކަށަވަރުވެގެން ދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލްގެ ސަބަބުން ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނާއި، އޮޑިޓް ގާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނާއި، އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް ބަދަލު އަންނާނެއެވެ.
ހިޔާލު

ބަލަބަލާ

މިސަރުކާރުން މިވެރިންނައްވަނީ ނަފާ ހޯދިފައި ދެން ސަލާމް؟؟؟