Joorimanaage bodethi adhadhu thakaa eku pesticides bill Majileehah
image
ފޮޓޯ: ހިއުމަން ރައިޓްސް ވޮޗް
0 ކޮމެންޓް
 

ޖޫރިމަނާގެ ބޮޑެތި އަދަދުތަކާއެކު ޕެސްޓިސައިޑްސް ބިލް މަޖިލީހަށް ފޮނުވައިފި

ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ޕެސްޓިސައިޑްސް ބިލުގައި ބޮޑެތި ޖޫރިމަނާގެ އަދަދުތައް ހިމަނައިފި އެވެ.
ސަރުކާރުން މަޖިލީހަށް ފޮނުވި ބިލު ގާނޫނަކަށް ވުމުން އެ ގާނޫނާ ހިލާފަށް އަމަލު ކުރާ ފަރާތްތަކަށް 5000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާ އަންނާނެ އެވެ.

ޕެސްޓިސައިޑްސް ބިލެއް މަޖިލީހަށް ހުށަހެޅީ ޕެސްޓިސައިޑްގެ ގޮތުގައި ބޭނުން ކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުން ކުރުމާއި، ޕެސްޓިސައިޑް އުފެއްދުމާއި، ޕެސްޓިސައިޑް އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުމާއި، ވިއްކުމާއި ބޭނުންކުރުމާއި، ނައްތާލުމާ ބެހޭ އުސޫލުތައް ކަނޑައެޅުމަށެވެ.

އޭގެ އިތުރުން ޕެސްޓިސައިޑް ބޭނުންކުރުމުގައި އާންމު ސިއްޙަތާއި، ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކުރާ އަމަލުތައް ބަލައި ފިޔަވަޅު އެޅުމާއި، ޕެސްޓިސައިޑާ ގުޅޭ ސިޔާސަތުތަކާއި، އުސޫލުތައް ބަޔާންކުރުމަށްޓަކައި ގާނޫނީ އޮނިގަނޑެއް އޮތުން މުހިއްމު ކަމަށް ސަރުކާރުން ދެކެ އެވެ.

އެ ބިލު ގާނޫނާކަށް ވުމުން ޕެސްޓިސައިޑާ ބެހޭ ކަންތައްތައް އެންމެ ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށްޓަކައި ޒިންމާވާނެ ޕެސްޓިސައިޑާ ބެހޭ ޔުނިޓެއް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ދަށުން އެކުލަވާލާނެ އެވެ.

ގާނޫނުގައި އެ ޔުނިޓުގެ ޒިންމާތައް ބަޔާން ކުރެވޭނެ އެވެ. އަދި ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޒު ކުރުމަށް، ޕެސްޓިސައިޑް ތަހްލީލު ކުރުމަށްޓަކައި ރަސްމީ ލެބޯޓަރީތައް ގާއިމް ކުރާނެ އެވެ.

ޕެސްޓިސައިޑްގެ ވިޔަފާރި މޮނިޓަކޮށް ކަމާގުޅޭ ތަފާސްހިސާބު އެއްކޮށް އިވެލުއޭޓްކުރުމާ ބެހޭ ކަންކަމާއި ގުޅޭ ތަފްސީލުތައް ވެސް ގާނޫނުގައި ބަޔާން ކުރެވޭނެ އެވެ.

ދަނޑުވެރިކަމަށް ބޭނުން ކުރާ ޕެސްޓިސައިޑް ނުވަތަ ތަފާތު ކެމިކަލުގެ ސަބަބުން ކެންސަރާއި އެހެނިހެން ނުރައްކާތެރި ބަލިތަކަށް މަގުފަހިވާ ކަމަށް ސައިންސްގެ ބައެއް ދިރާސާތަކުން ދައްކަ އެވެ.
ހިޔާލު