Dhalhaahi packet ga bandhu koffa huri mahuge export 29 percent ithuru vejje
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދަޅާއި ޕެކެޓުގައި ބަންދުކޮށްފައި ހުރި މަހުގެ އެކްސްޕޯޓު 29 އިންސައްތަ އިތުރުވެއްޖެ

ދަޅާއި ޕެކެޓުގައި ބަންދުކޮށްފައި ހުންނަ މަސް އެކްސްޕޯޓު ކުރި މިންވަރު މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 29 އިންސައްތައިން އިތުރުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު، މިއަހަރުގެ އެ މުއްދަތުގައި ބަންދުކޮށްފައި ހުރި މަސް އެކްސްޕޯޓު ކުރި މިންވަރު އިތުރުވެފައިވާ ކަމަށް ދެއްކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިޕޯޓަކުންނެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ތިން ހާސް ފަސް ސަތޭކަ މެޓްރިކް ޓަނަށް ވުރެ ގިނައިން ބަންދު ކުރި މަސް އެކްސްޕޯޓު ކޮށްފައި ވެއެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެކްސްޕޯޓް ކޮށްފައި ވަނީ ހަތަރު ހާސް ފަސް ސަތޭކަ މެޓްރިކް ޓަނަށް ވުރެ ގިނަ ބަންދު ކުރި މަހެވެ.

ޕެކެޓާއި ދަޅުގައި ބަންދު ކުރި މަސް އެކްސްޕޯޓް ކުރި މިންވަރު އިތުރުވި ނަމަވެސް، ކަނޑު މަސް އެކްސްޕޯޓް ކުރި ވަރު ވަނީ 0.5 އިންސައްތައިން ދަށަށް ގޮސްފަ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެކްސްޕޯޓް ކޮށްފައި ވަނީ ތިރީސް ތިން ހާސް މެޓްރިކް ޓަނުގެ މަހެވެ. މި އަހަރު ވަނީ އެ އަދަދު ބައްތިރީސް ހާސް މެޓްރިކް ޓަނުގެ މަހަށް ދަށްވެފަ އެވެ.

އެކްސްޕޯޓް ކުރެވުނު މަހަށް ބަލާއިރު މިއަހަރު ޖެނުއަރީ އިން ޖޫން މަހުގެ ނިޔަލަށް އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓް ކޮށްފައިވަނީ ތާޒާ އަދި ފިނިކުރި ކަޅުބިލަމަހެވެ.

17.2 މެޓްރިކް ޓަނުގެ ކަޅުބިލަމަސް އެކްސްޕޯޓްކޮށްފައި ވާއިރު ދެވަނަ އަށް އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައި ވަނީ ރީނދޫ އުރަހަ ކަންނެއްޔެވެ. އެއީ 9.5 މެޓްރިކް ޓަނެވެ.

މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު ކަޅުބިލަ މަސް އެކްސްޕޯޓް ކުރެވުނު އަދަދު ވަނީ ދަށަށްގޮސްފަ އެވެ. އަދި ރީނދޫ އުރަހަ ކަންނެލީގެ އެކްސްޕޯޓް ވަނީ އިތުރުވެފަ އެވެ.
ހިޔާލު