Kaiveni haflaa akah dhin bomuge hamalaaehgaa 63 maru
image
މަރުވި މީހުންގެ ބޫޓާއި ފައިވާންތައް-- ފޮޓޯ:ރޫޓާސް
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ކާބުލްގައި އޮތް ކައިވެނި ހަފްލާއަކަށް ދިން ބޮމުގެ ހަމަލާއެއްގައި 63 މީހުން މަރުވެއްޖެ (މާދަމާ)

އަފްގާނިސްތާންގެ ކާބުލްގައި އޮތް ކައިވެނީގެ ހަފްލާއަކަށް އަމާޒު ކޮށް ދިން ބޮމުގެ ހަމަލާއެއްގައި 63 މީހުން މަރުވެ 180 ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ.

އަފްގާނިސްތާނުގެ ގަޑިން ރޭގަނޑު 10:40 ހާއިރު ދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ނަގަައިފައެވެ. އައިއެސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޖަމާއަތުގެ ހަނގުރާމަވެރިއެއް "ބޮޑު ހަފްލާއެއްގައި" ޖާނުން ފިދާވެގެން ހަމަލާއެއް ދީފައިވާ ކަމަށެވެ.

އަދި ކުއްލި ހާލަތްތަކުގައި އެހީވާ ފަރާތްތައް އެ ސަރަހައްދަށް އައުމުން ޕާކް ކޮށްފައި އޮތް އުޅަނދެއް ގޮއްވާލި ކަމަށް ވެސް އައިއެސް ޖަމާއަތުން ބުނެއެވެ.

ހަމަލާގައި ކައިވެނި ކުރި ފިރިހެން މީހާގެ އާއިލާ އާއި އެތައް ރަހުމަތްތެރިންނެއް ވަނީ މަރުވެފައެވެ. އަދި އަންހެން މީހާގެ އާއިލާގެ 14 މީހުން މަރުވިއެވެ. އޭގެ އިތުރުން ކައިވެނި ހަފްލާގައި ތިބި ބައެއް ވެއިޓަރުންވެސް ވަނީ މަރުވެފައެވެ.

ބޮން ގޮއްވާލާފައިވަނީ ގިނަ އަދަދެއްގެ ޝިއާ މުސްލިމުން ދިރިއުޅެމުން އަންނަ ކާބުލްގެ ދެކުނުގެ ސަރަހައްދެއްގައެވެ. ތޯލިބާން އާއި އައިއެސް ފަދަ ސުންނީ މުސްލިމް އަސްކަރިއްޔާތަކުން އަންނަނީ އަފްގާނިސްތާނުގައި ދިރިއުޅޭ ޝިއާ މުސްލިމުންނަށް އަމާޒުކޮށް އެކި ހަމަލާތައް ދެމުންނެވެ.

އަފްގާނިސްތާންގެ ރައީސް އަޝްރަފް ގަނީ ވަނީ މި ހަމަލާ ކުށްވެރިކޮށް ނާތަހުޒީބީ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މި ހަމަލާގެ ތުހުމަތު ތޯލިބާން ޖަމާއަތުގެ މައްޗަށް ކުރިއެވެ. ނަމަވެސް ތޯލިބާނުން ވަނީ ތުހުމަތުތައް ދޮގުކޮށްފައެވެ.

ތޯލިބާނުން ވެސް ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ. ކުށެއް ނެތް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން މެރުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށް ތޯލިބާން ޖަމާއަތުން ވަނީ ބުނެފައެވެ.

މިމަހުގެ އަށް ވަނަ ދުވަހު ތޯލިބާން ޖަމާއަތުން ވަނީ ކާބުލް ޕޮލިސް ސްޓޭޝަނަކަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިފައެވެ. އެ ހަމަލާގައި 14 މީހުން މަރުވިއެވެ.
ހިޔާލު

މުރާސިލް

ކުށެއް ނެތް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން މެރުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން މީކޮން ތަންދޮރު ނޭގޭ މޮޔަބައެއް