Nukulhedhun therikan huri meehaa jaluga huree 3 aharuge hukumehga
image
މާފުށީ ޖަލު-- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ނަފްސާނީ ނުކުޅެދުންތެރިކަން ހުރި މީހާ ޖަލުގައި ހުރީ ތިން އަހަރުގެ ހުކުމެއްގައި

ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ އަދި ރަނގަޅަށް ވާހަކަ ނުދެއްކޭ މީހާ ޖަލުގައި ހުރީ ތިން އަހަރުގެ ހުކުމެއްގައި ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
އެމީހާގެ ބައްޕަ ސީއެންއެމް އަށް މައުލޫމާތު ދިން ގޮތުގައި އޭނާ ޖަލަށް ލާފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ ބަޔަކާއެކު ހުރި މައްސަލައަކާ ގުޅިގެންނެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހިނގި އެ މައްސަލައާ ގުޅިގެން އޭނާ ޖަލުގައި ހުންނަތާ މިހާރު އެގާރަ މަސް ވަނީ ވެފަ އެވެ.

އޭނާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ޖަލުގައި އޭނާއަށް އަނިޔާކުރާ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އަދި އެ ހާލަތުގައި ހުރި މީހެއްގެ ތަހުގީގު ހިންގައި، ޝަރީއަތް ކުރެވުނު ގޮތަކާ މެދު ވެސް އާއިލާ އިން ސުވާލު އުފައްދަ އެވެ.

"އޭނާއަކީ ކުޑައިރުއްސުރެ މޮޔަ ކުއްޖެއް. ސްކޫލު ތެރޭގައި ބުލީ ކުރާތީ ގްރޭޑު ހަތަރަކާ ހަމައަށް އޭނާ ސްކޫލަށް ދިޔައީ ވެސް. ފަހުން ނުދިޔަ ސްކޫލަކަށް ވެސް. މާލޭގެ މަގުތަކުގައި އުޅޭނެ އޭނާ އަބަދުވެސް ވިހި ރުފިޔާ ދޭށޭ ކިޔާނީ،" އޭނާގެ ބައްޕަ ބުންޏެވެ.

އޭނާގެ ދަރިފުޅުގެ ނުކުޅެދުންތެރިކަން ސާބިތު ކުރުމަށް ރިޕޯޓުތައް ގެނައުމަށް ކަރެކްޝަންސުން އަންގާފައިވާ ކަމަށް ވެއެވެ.

"މި މީހުން މި ބުނަނީ ރިޕޯޓުތައް ދައްކާށޭ. އޭނަ މިހުންނަނީ އެމީހުންގެ ބެލުމުގެ ދަށުގައި. އާއިލާގެ ބެލުމުގެ ދަށަކު ނޫން މިހުރީކީ. އެމީހުން ޖަލަށް ނަފްސާނީ ޑޮކްޓަރަކު ގެންގޮސްގެންވެސް އެބަ ޖެހޭދޯ މި ޓެސްޓުތައް ހަދަން މީހަކު މިވަރަށް ކިޔާއިރު،" އެމީހާ ބުންޏެވެ.

އެމީހާ ބުނީ އޭނާގެ ދަރިފުޅުގެ މަންމައަކީ ވެސް ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމުން އެ އަންހެން މީހާ މިހާރު ހުރީ ގުރައިދޫ މަރުކަޒުގައި ކަމަށެވެ. އަދި ޖަލުގައި ދަރިފުޅަށް އަނިޔާ ކުރާ ކަމަށޤ ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ.

"ޖަލުގައި އަނިޔާ ކުރުމަށް ވުރެ އަހަންނަށް ރަނގަޅު އޭނާ އަހަންނާ ހަވާލުކުރިޔަސް. ނޫނީ ގުރައިދޫ މަރުކަޒަށް ލިޔަސް،" އޭނާ އިތުރަށް ފާހަގަކުރި އެވެ.

އެކަމަކު ކަރެކްޝަނުން ވަނީ އާއިލާގެ ތުހުމަތު ދޮގުކޮށްފަ އެވެ. އެތަނުގެ މީޑިއާ އޮފިޝަލް ސީއެންއެމް އަށް ވިދާޅުވީ އެއީ ނުކުޅެދޭ މީހެއް ނޫން ކަމަށާއި އޭނާއަށް އަނިޔާވެސް ކޮށްފައި ނުވާ ކަމަށެވެ.

"ހާއްސަ އެހީއަށް ބޭނުންވާ މީހެއް ނޫން. މިކޮޅުގައި އުޅޭ ނަފްސާނީ ބަލިތަކަށް ބޭސްކުރާ މީހުން ވެސް،" އޮފިޝަލް ވިދާޅުވި އެވެ. އެ ގައިދީއަކީ ވާހަކަ ދެއްކޭ މީހެއްތޯ އާއި ނަފްސާނީ ބައްޔެއް ހުންނަ މީހެއްތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ އެކަހަލަ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށެވެ.

ޖަލުގައި ހުރި މީހާގެ ބައްޕަ ސީއެންއެމް އަށް ކިޔައިދިން ގޮތުގައި އެ މައްސަލަ ވާނީ ކަމާ ބެހޭ އިދާރާތަކަށް ވެސް ހުށަހަޅާފަ އެވެ.

"މިދިޔަ ހައެއްކަ މަސް ދުވަހު ހިސާން [ޑިސްއެބިލިޓީ އެމްބެސެޑާ] އާއެކީގައި މިއުޅެނީ މިކަމެއްގައި. މިހާ ވަރަށް ތަންތަނަށް ގޮސް މިކަމުގެ ޝަކުވާ ކުރާއިރު ގައިމު ރަނގަޅެއްނު އެއީ ތެދެއްތޯ ބަލާލަން މި މީހުން ވެސް އުޅުނިއްޔާ،" އޭނާ އިތުރަށް ބުންޏެވެ.

އެ މައްސަލައާ ބެހޭ ގޮތުން ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނީ އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެމީހާ ޖަލަށްލި މައްސަލައާ ގުޅިގެން ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރުމަށް ރައީސް އޮފީހުން އެޕޮއިންޓްމަންޓެއް ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ވެއެވެ.
ހިޔާލު