Masakkaiy ninmumah buraasfathi adhi aadheehtha dhuvahu Majlis jalsaa bavvanee
image
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

މަސައްކަތް އަވަސް ކުރުމަށް އަންނަ ބުރާސްފަތި އަދި އާދީއްތަ ދުވަހު ވެސް މަޖިލިސް ޖަލްސާ ބާއްވަނީ

މަޖިލީހަށް ހުށަހެޅިފައިވާ މަސައްކަތްތައް އަވަހަށް ނިންމުމަށް އަންނަ ބުރާސްފަތި އަދި އާދީއްތަ ދުވަހު ވެސް މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އީދު ޗުއްޓީއަށް ފަހު މިއަދު އޮތް 19 ވަނަ މަޖިލީހުގެ 34 ވަނަ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާގައި މަޖިލީހުން ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން މިހާރު ވެސް ތިން ބިލާއި، ދެ ގަރާރުގެ އިތުރުން ކޮމިޓީތަކުން އައިސްފައިވާ ތިން މައްސަލައެއްގެ މަސައްކަތް އޮތްކަން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ފުރަތަމަ ކިޔުން އިއްވަން ޖެހޭ، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހަ ބިލެއްގެ މަސައްކަތް އޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ބިލްތަކުގެ ބަހުސްކުރުން ނިމި ތަސްދީގު ކުރެވޭ މިންވަރަށް މަސައްކަތްކުރުން ކަމަށެވެ.

އެހެންކަމުން މިމަހުގެ 22 ވާ ބުރާސްފަތި ދުވަހާއި 25 ވާ އާދީއްތަ ދުވަހު ވެސް މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިވަގުތު މަޖިލީހުގައި ކުރެވޭ އެންމެ ބޮޑު މަސައްކަތަކީ މަސްވެރިކަމުގެ ބިލެވެ. މިއަދުގެ ޖަލްސާގައި ވެސް އެންމެ ފުރަތަމަ ކަމަކަށް މަސްވެރިކަމުގެ ބިލަށް ބަހުސްކުރުން އޮތްއިރު މިރޭ ވެސް އެ ބިލަށް ބަހުސް ކުރުން އޮންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ހަ ބިލެއް މަޖިލީހަށް ފޮނުވާފައިވާ އިރު އެ ބިލްތަކުގެ ފުރަތަމަ ކިޔުން މާދަމާ އޮންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ މިމަހުގެ 27، 28 އަދި 29 ވަނަ ދުވަހު މަޖިލީހުގެ ކޮމިޓީތަކުގެ މެންބަރުންގެ ތަމްރީން މަސައްކަތްތަކެއް ހިންގުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

އިންޓަ ޕާލިމެންޓް ޔޫނިއަން (އައިޕީޔޫ) ގެ ދެކުނު އޭޝިއާގެ ސަމިޓެއް ސެޕްޓެމްބަރު އެކަކުން ތިނަކަށް ރާއްޖޭގައި ބާއްވަން ހަމަޖެހިފައި ވާއިރު، އެކަމަށްވެސް މަޖިލީހުން ދަނީ ތައްޔާރުވަމުން ކަމަށް ނަޝީދު ވިދާޅުވި އެވެ. މިއަހަރުގެ ސަމިޓްގައި މަޝްވަރާކުރެވެނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމާ ބެހޭ ގޮތުންނެވެ.
ހިޔާލު