Huhdha nethi evve ulhevey gothah gaanoonah islaaheh hushahalhaafa eh nuvey
image
ރައީސް އޮފީސް-- ފޮޓޯ: މޯލްޑިވްސް ޓައިމްސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ހުއްދަ ނެތި އެއްވެ އުޅެވޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅާފައެއް ނުވޭ

މިނިސްޓްރީ އޮފް ހޯމް އެފެޔާޒްގެ ހުއްދަ ނެތި އެއްވެ އުޅެވޭ ގޮތަށް، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުށަހަޅާ އިސްލާހެއް ރައީސް އޮފީހުގެ ސައިޓްގައި ޝާއިއުކުރެވުނީ އޮޅުމަކުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ސީއެންއެމަށް ވިދާޅުވީ، އިއްޔެ ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއު ކުރި އެއްވެއުޅުމުގެ ގާނޫނަށް ގެންނަ އިސްލާހަކީ، މަޖިލީހަށް ހުށަހެޅުމަށް "ކޮންސިޑަރޭޝަން" އަށް ނަގާފައިވާ އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހު ޝާއިއުކުރެވުނީ އޮޅުމަކުން ކަމަށް ހޫދު ވިދާޅުވި އެވެ.

ތިން ގާނޫނަކަށް އިސްލާހު ގެނައުމަށް ތިން ބިލެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ފޮނުއްވާފައިވާ ކަމަށް ރައީސް އޮފީހުގެ ސައިޓުގައި އިއްޔެ ވަނީ ޝާއިއުކޮށްފަ އެވެ. އިސްލާހު ހުށަހެޅި ތިން ގާނޫނެއް ކަމަށް ބުނެފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ އިތުރުން ރިޔާސީ އިންތިހާބުގެ ގާނޫނާއި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތާ ބެހޭ ގާނޫނެވެ.

ނަމަވެސް ރައީސް އޮފީހުގެ ސައިޓްގައި އިން ލިޔުމުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހު މިއަދު ވަނީ އުނިކޮށްފަ އެވެ. ޖުމްލަ ހަތް ބިލެއް މަޖިލީހަށް ހުށަހަޅަން ރައީސް އޮފީހުން އިއްޔެ ނިންމާފައިވީ ނަމަވެސް، މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ވަނީ ހަ ބިލެއް ކަމަށެވެ.

މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑާރު އަލީ އާޒިމް ސީއެންއެމަށް ވިދާޅުވީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހަކީ، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށް ކަނޑައަޅާފައިވާ ބައި އުނި ކުރުމަށެވެ.

އެއްވެ އުޅުމަށް ހޯމް މިނިސްޓްރީގެ ހުއްދައެއް ހޯދަން ޖެހޭ ގޮތަށް އެ ގާނޫނަށް އިސްލާހު ގެނައީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

ސަރުކާރުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލްތަކުގެ ތެރޭގައި ޕެސްޓިސައިޑްސް ބިލް، ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާ އިނާޔަތާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެ އެވެ.

އޭގެ އިތުރުން މުސްތަގިއްލު ބައެއް ކޮމިޝަންތަކާއި ބައެއް މަގާމްތަކާއި މަގާމުތަކާ ގުޅުން ހުރި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލަކާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އަލުން އެކުލަވާލުމުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލް ހިމެނެ އެވެ.
ހިޔާލު