Majileehuge committee thakuge muvazzafunnah thamreen program eh baavvanee
image
މަޖިލީހުގެ ރައީސް އަދި ކޮމިޓީތަކުގެ މުގައްރިރުން-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

މަޖިލީހުގެ ކޮމިޓީތަކުގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ބާއްވާނެ ކަމަށް މަޖިލީހުން ބުނެފި

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުވައްޒަފުންނަށް ހިންގާ ތަމްރީން ޕްރޮގްރާމެއް މިމަހުގެ ފަހުކޮޅު އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޮމިޓީތަކަށް އަމާޒުކޮށްގެން ބާއްވާ ތަމްރީން ޕްރޮގްރާމެއް މިމަހުގެ ފަހުކޮޅުގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެކަމާއި ބެހޭ ގޮތުން މަޖިލީހުގެ މީޑީއާ ޑިރެކްޓަރު ހަސަން ޒިޔާއު ސީއެންއެމަށް ވިދާޅުވީ، ތަމްރީން ޕްރޮގްރާމްތައް އަމާޒުކޮށްފައި ވަނީ ކޮމިޓީތަކުގައި މަސައްކަތް ކުރައްވާ ލީގަލް މުވައްޒަފުންނަށް ކަމަށެވެ.

މި ތަމްރީން ޕްރޮގްރާމަކީ ޖާމަނީގެ މެކްސް ޕްލެންކް ފައުންޑޭޝަން ފޯ އިންޓަނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ އާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެއް ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ.

ކޮމިޓީތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ބާއްވާއިރު، ވެސްޓްމިންސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީ އިން، އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުން އަދި މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ބާއްވައިފަ އެވެ.
މަޖިލިސް ތަމުރީނު
ހިޔާލު