Sarukaaru badhaluvi iru 13 rashehge boahiyaavahi kamuge mashroo othee huttifa!
image
ކުޅުދުއްފުށީގައި ތަރައްގީ ކުރަން ފެށި ރޯ ހައުސެއްގެ ފުރާޅު އެއްލާލާފައި--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ސަރުކާރު ބަދަލުވިއިރު 13 ރަށެއްގެ 1528 ހައުސިން ޔުނިޓުގެ މަސައްކަތް އޮތީ ހުއްޓިފައި!

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަން ނިމި ސަރުކާރު ބަދަލުވިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައި ހުރި ހައުސިން ޔުނިޓުގެ ތަފްސީލު ލިބިއްޖެ އެވެ.
ސީއެންއެމް އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ޖުމްލަ 13 ރަށެއްގެ 1528 ހައުސިން ޔުނިޓެއްގެ މަސައްކަތް ސަރުކާރު ބަދަލުވިއިރު އޮތީ ހުއްޓިފަ އެވެ.

ހުއްޓިފައި އޮތީ ގދ. ހޯނޑެއްދޫގައި ތަރައްގީ ކުރާ 40 ރޯ ހައުސް އާއި، ގއ. ވިލިނގިލީގެ 52 ރޯ ހައުސް އާއި، ގދ. ގައްދޫގެ 50 ރޯ ހައުސް އާއި ސ. ހިތަދޫގައި އަޅާ 264 ފްލެޓުގެ އިތުރުން ސ. ހުޅުމީދޫގެ 48 ފްލެޓަކާއި ޏ. ފުވައްމުލަކުގައި އަޅާ 200 ފްލެޓެއްގެ މަސައްކަތާއި، ގދ. މަޑަވެލީގެ 22 ރޯ ހައުސް އެވެ. އެތަންތަނުގެ ފެނާއި ކަރަންޓު އަދި ނަރުދަމާގެ މަސައްކަތް ނުނިމެ އެވެ.

ހދ. ކުޅުދުއްފުށީގެ 40 ރޯ ހައުސް އަށް މަގުމަތީގެ ބައްތިތައް ހަރު ކުރުމުގެ މަސައްކަތް އޮތްއިރު، ހދ. ދިއްދޫގެ 250 ރޯ ހައުސް ގައި ވެސް އެ މަސައްކަތާއެކު 200 ހައުސިން ޔުނިޓެއްގެ ސީލިންގު މަރާމާތު ކުރަން ޖެހެ އެވެ.

ބ. ތުޅާދޫގެ 100 ރޯ ހައުސްގެ ތެރެއިން 50 ތަނުގެ 65 އިންސައްތަ މަސައްކަތް ވަނީ ނިމިފަ އެވެ. ލ. ފޮނަދޫގައި ވެސް ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި އޮތްއިރު ހދ. ނޮޅިވަރަމްފަރުގެ 60 ރޯ ހައުސްގެ މަސައްކަތް ވެސް ސަރުކާރު ބަދަލުވިއިރު އޮތީ ހުއްޓިފަ އެވެ. އެތަނުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

އޭގެ އިތުރުން ވިލުފުށީގެ 100 ރޯ ހައުސްއަކާއި ހަނިމާދޫގެ 52 ރޯހައުސް އަދި ނޮޅިވަރަމްފަރުގެ 100 ރޯހައުސްގެ އިތުރުން ކުޅުދުއްފުށީގެ 100 ރޯ ހައުސްގެ މަސައްކަތް ހުއްޓިފައި އޮތްއިރު އެ މަސައްކަތް އަލުން ފަށަން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.

ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޖުލައި މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން، މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވިދާޅުވެފައި ވަނީ ސަރުކާރު ބަދަލުވިއިރު 1450 ހައުސިން ޔުނިޓެއްގެ މަސައްކަތް ނުނިމިވާ ކަމަށެވެ.

އެކަމަކު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ސީއެންއެމް އިން މިއަދު ސުވާލުކުރުމުން ވިދާޅުވީ އެއީ ދޮގެއް ކަމަށެވެ. ސަރުކާރު ބަދަލުވިއިރު މަސައްކަތް ހުއްޓިފައިވާ އެއްވެސް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަށް ވާއިރު، މާލެއެކޭ އެއް ގޮތަށް ރަށްރަށުގައި ވެސް އެ މައްސަލަ ބޮޑެވެ. އެހާ ގިނަ އަދަދެއްގެ ހައުސިން ޔުނިޓާއި ފްލެޓު މަޝްރޫއު ހުއްޓި، ވީރާނާވަމުން ދިޔުމުގެ ސަބަބުން ބައެއް ރަށްރަށުން ވަނީ އެ ރަށްރަށުގެ ކަންބޮޑުވުންތައް މީގެ ކުރިން ސީއެންއެމް އާ ހިއްސާކޮށްފަ އެވެ.

"އެތަނުގެ ޓިނުތައް އޮތީ ހަލާކުވެފައި، ބައެއް ތަންތަނުގެ ސީލިންގު ވެއްޓިފައި، މުށިތައް ނެއްޓި މައްޗަށް އަރާފަ ވެސް އެބަހުރި، އެތަނުގެ ސެކިއުރިޓީ ބަލަހައްޓާނެ މީހަކު ހުންނަނީކީ ނޫން، ވަގުން ވެސް އެތަނަށް ވަދެ، މަސްތުވާތަކެތި ބޭނުންކޮށް، ހޮޑުލާ ނުވިތާކަށް ކަރަންޓު ނަރުތައް ވަގަށް ނަގައި، ދޮރުތައް ވެސް ހަލާކުކޮށްފައި ހުރީ، އެތަނަށް ލިބިފަ ހުރި ގެއްލުން ބަލަމުން މިދަނީ،" ކުޅުދުއްފުށީ ރޯހައުސްތަކުގެ ހާލަތު ގޮސްފައިވާ ގޮތާއި ގުޅިގެން އެރަށު ކައުންސިލުގެ ރައީސް އަބްދުއް ލަތީފް ހަސަން ވިދާޅުވި އެވެ.

ތ. ވިލުފުށީގައި އިމާރާތް ކުރި ހައުސިން ޔުނިޓްތައް ހުރި ސަރަހައްދު ވެސް އޮތީ ހަމަ އެހެންނެވެ. މަސައްކަތް ނުކުރާތާ ގިނަ ދުވަސްވުމުގެ ސަބަބުން އެ ރަށުގެ ފްލެޓުތައް އިމާރާތް ކުރާ ސަރަހައްދު ވެސް އޮތީ ޖަންގައްޔަކަށް ވެފައި ކަމަށް އެރަށު ކައުންސިލުގެ ނައިބް ރައީސް އިބްރާހީމް ޝާފިއު ވިދާޅުވި އެވެ. އަދި ބައެއް ޔުނިޓުތަކުގެ ޓިނުތައް ވެސް ހުރީ ހަލާކުވެފަ އެވެ.
ހިޔާލު