Gellumuga hingaa kunfunithah privatize kurumuge garaaru beyrukollaifi
image
މަޖިލީހުގެ އިދާރާ-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ގެއްލުމުގައި ހިންގާ ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ ގަރާރު ބޭރުކޮށްލައިފި

ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން ގެއްލުމުގައި ހިންގާ ކުންފުނިތައް، ޕްރައިވެޓައިޒް ކުުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.
ޖާބިރުގެ ގަރާރު ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި 61 މެންބަރަކު ވަނީ ގަރާރު ބަލައި ގަތުމާއި ދެކޮޅަށް ވޯޓު ދީފަ އެވެ. ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް އެއްވެސް މެންބަރުކު ވޯޓު ދެއްވާފައި ނުވާއިރު، އެއް މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް ވޯޓުލާފަ އެވެ. ވޯޓުގައި ގަރާރު ހުށަހެޅުއްވި މެންބަރު އަބްދުﷲ ޖާބިރު ބައިވެރިއެއްނުވެއެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ގޮވާލާފައި ވަނީ ގެއްލުމުގައި ހިންގަމުން އަންނަ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް ކުރަން ޖެހޭ ކަންތައްތައް މިހާރުން މިހާރަށް ކުރަން ފެށުމަށެވެ. ގަރާރުގައި އޭނާ ވިދާޅުވެފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި ގެއްލުންތައްވުމުގެ ސަބަބުން އެ ކުންފުނިތަކުގެ ދަރަންޏަށް ސަރުކާރުން ޒިންމާވާން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވާ ކަމަށެވެ.

އެފަދަ ވިޔަފާރިތައް ޕްރައިވެޓައިޒް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއްކަން ގަރާރުގައި ޖާބިރު ފާހަގަކުރައްވާފައި ވެއެވެ.

ގެއްލުމުގައި ހިންގާ ދެ ކުންފުންޏެއްގެ ގޮތުގައި މިފްކޯ އާއި އެމްޓީޑީސީގެ ނަން ޖާބިރު ވަނީ ގަރާރުގައި ފާހަގަކޮށްފަ އެވެ. މިފްކޯ އަށް ގެއްލުން ވާއިރު މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުގެ ފައިދާ އަހަރުން އަހަރަށް އިތުރުވަމުން އައުމަކީ ޕްރައިވަޓައިޒް ކުރަން ޖެހޭ ސަބަބެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.
ހިޔާލު