Male ge hurihaa magu thakeh maraamaathu kuran fashanee
image
ކަނބާ އައިސް ރަނި ހިނގުމުގައި މަރާމާތުގެ މަސައްކަތެއް ކުރަނީ--
މިޢުނާ ޙަސަން
3 ކޮމެންޓް
 

މިއަހަރުގެ ތެރޭގައި މާލޭގެ ހުރިހާ މަގުތަކެއް މަރާމާތު ކުރަން ފަށަނީ

މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލަށް ބަޖެޓު ހަމަޖެހުމާއެކު މިއަހަރުގެ ތެރޭގައި ހުރިހާ މަގުތަކެއްގެ މަރާމާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުގެ މެމްބަރު އަހްމަދު ޒަމީރު މިއަދު ސީއެންއެމް އަށް ވިދާޅުވީ މަގުތައް ހެދުމަށް ބަޖެޓެއް ކުރިން ކަނޑައަޅާފައި ނުވި ނަމަވެސް، މިހާރު ބަޖެޓެއް ހަމަޖެހިފައިވާ ކަމަށެވެ.

ޒަމީރު ވިދާޅުވީ ކުރީގެ ސަރުކާރުން މާލޭގެ މަގުތަކަށް މާ ބޮޑު ސަމާލުކަމެއް ދީފައި ނުވާ ކަމަށާއި، ކައުންސިލުން މަސައްކަތް ކުރަނީ މިއަހަރުގެ ތެރޭގައި ހުރިހާ މަގުތަކެއްގެ މަރާމާތުގެ މަސައްކަތް ފެށުމަށް ކަމަށެވެ.

"މާލޭގެ އެއްވެސް މަގެއް މަޖީދީ މަގާއި، ރިންގުރޯޑް ފިޔަވައި ކުރީ ސަރުކާރުގައި ހަދާފައެއް ނުވޭ. އެއްވެސް ރައްޔިތަކަށް ފެނިފައެއް ވެސް ނުވާނެ އެފަދަ މަސައްކަތެއް ކުރި ތަނެއް،" ޒަމީރު ވިދާޅުވި އެވެ.

މަގުތައް މަރާމާތު ކުރުމަށް ގިނަ މަޝްރޫއުތަކެއް ހިންގި ނަމަވެސް، އެއްވެސް ސަރުކާރަކަށް އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނެސްދެވިފައެއް ނުވެ އެވެ.

މާލެ ވަށައި އޮންނަ ރިންގް ރޯޑާއި މަޖީދީމަގު އެކަށީގެންވާ ފެންވަރަކަށް މިދިޔަ ސަރުކާރުން ތަރައްގީ ކުރި އެވެ. އެކަމަކު އެ މަގުތަކާ އިންވެގެން ހުރި ގިނަ މަގުތަކަށް ސަމާލުކަން ދީފައެއް ނުވެ އެވެ.

އެގޮތުން ކްރިމިނަލް ކޯޓު ކުރިމަތިން ބާޒާރު މައްޗަށް ވާ ގޮތަށް އޮންނަ ހަވީރީ ހިނގުމަކީ މަގުގެ ގާތައް އެކި ވަރު ވަރަށް ހުރުމުން ދުއްވާ އުޅަނދުތަކަށް އުނދަގޫވާ މަގެކެވެ. ވާރޭ ވެހިއްޖެ ނަމަ އެ މަގުގައި ފެންބޮޑުވެ، ހިނގާ މީހުންނަށް ވެސް އެތައް އުނދަގުލަކާ ދިމާވެ އެވެ.

ކުރީގެ ވެސްޓް ޕާކު ރެސްޓޯރެންޓަށް ވާ ގޮތަށް އޮންނަ ކަނބާ އައިސަ ރަނި ހިނގުމަކީ ވެސް އެހާ ދެރަ ހާލަތުގައި އޮތް މަގެކެވެ. އޭގެ އިތުރުން މާލޭގެ މައި އެއް މަގު ކަމަށް ވާ އަމީނީ މަގުގެ ހާލަތު ވެސް ދަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އޮތީ ސިޓީ ކައުންސިލުގެ ބާރުތައް ހަނިކޮށްފަ އެވެ. އެހެންކަމުން، އޭރު މަގު ހެދުމުގެ ކަންކަން ކުރީ ހައުސިން މިނިސްޓްރީގެ ދަށުންނެވެ.

އާ ސަރުކާރު އައުމަށް ފަހު ކައުންސިލަށް ބާރުތައް ދިން ނަމަވެސް، މަގު ހެދުމަށް ބޭނުންވާ ތަކެތީގެ ސްޓޮކު ނެތުމުގެ އިތުރުން ބަޖެޓެއް ވެސް މަގުތައް ހެދުމަށް ކަނޑައަޅާފައެއް ނުވެ އެވެ.

ޒަމީރު ވިދާޅުވީ މިއަހަރުގެ ފާއިތުވި ދުވަސްތަކުގައި ކޮންމެހެން މަރާމާތު ކުރަން ޖެހިގެން ބައެއް މަގުތަކުގައި މަސައްކަތް ކޮށްފައި ވަނީ ބާކީވެފައިވާ ސާމާނު ނުވަތަ ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ހާލަތުގައި ހުރި ސާމާނު ބޭނުންކޮށްގެން ކަމަށެވެ.

އެގޮތުން ކަނބާ އައިސަ ރަނި ހިންގުން ބަންދުކޮށް، އެ މަގުން ބައެއް ކޮނެގެން ވެސް މަރާމާތުގެ މަސައްކަތެއް ސިޓީ ކައުންސިލުން ވަނީ ކޮށްފަ އެވެ.
ހިޔާލު

މަރިޔޯ

ކުރިޔަ އޮތް ކައުންސިލް އިންތިހާބަށް ލާރިހަދަން ޖަސްސަ އެއްޗެއް.ގައުމުގަ ގިނައީ ވަގުން

ކައްކާ

ކޮންތާކުންހޭ ފައިސާ ތިނެރެނީ، އެހެން ރަށްރަށުގަ އެންމެ މަގެއް ނެހެދިގެން އުޅެނީ ފައިސާނެތޭކިޔައިގެން.

ރައިން

ޙެޔޮނުވާނެއް ބޭނުންވަނީ މަރާމާތު ކުރެއްނޫން މަގުތަަކައް ދާއިމީ ހައްލެއްބޭނުންވަނި