Feenan faibaigen ulhenikoh gehlunu fathuruveriyaa adhives nufeney
image
ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ-- ފޮޓޯ: އެމްއެންޑީއެފް
0 ކޮމެންޓް
 

ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ

ކ. އަތޮޅު ކަނޑޫމާ ތިލައަށް ޑައިވިންއަށް މިދިޔަ އާދިއްތަ ދުވަހު ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރާތާ މިއަދަށް ތިންވަނަ ދުވަސްވެފައި ވާއިރު، އަދިވެސް އެމީހާ ނުފެންނަ ކަމަށް ސިފައިން ބުނެފި އެވެ.
އުމުރުން 41 އަހަރުގެ އަންހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މާލެ އޭރިއާ ކޯސްޓްގާޑް ސޮކްޑްރަންގެ ޑައިވަރުންނާއި ކޯސްޓްގާޑު މަނަވަރު ޝަހީދު އަލީ އެވެ.

"އޯސީއޭ އެމް 7 އެސް" ސަފާރީގައި 22 ފަތުރުވެރިންގެ ގްރޫޕަކާއެކު ޑައިވިން އަށް ފޭބި އަންހެން މީހާ ގެއްލުނުކަމުގެ ރިޕޯޓު ސިފައިންނަށް ލިބުނީ އާދިއްތަ ދުވަހުގެ މެންދުރުފަހު 01:10 ހާއިރެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އޭނާ ފީނަން ފޭބިއިރު ލައިގެން ހުރީ ހުދު ކުލައިގެ ރޭޝްގާޑް ސޫޓެކެވެ. އަދި ހުދު ކުލައިގެ ފިންސަކަށް އަރައިގެން އުޅުނުއިރު ކަޅުކުލައިގެ ބޯޔަންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް އެމީހާ އަޅައިގެން އުޅުނު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ޑައިވިން އަށް ގޮސް އުޅޭ މީހުންނަށް ނުރައްކާތެރި ހާދިސާތަކާ ދިމާވުން ވަނީ އާއްމުވެފަ އެވެ. ބައެއް ފަހަރު ޑައިވަރުން ގެއްލޭއިރު، މައްޗަށް އަރަން އުޅުމުގެ ތެރޭގައި އުޅަނދުފަހަރުގެ ބުރަފަތީގައި ޖެހުމުގެ ހާދިސާތައް ވެސް ހިނގާފައި ވެއެވެ. އެންމެ ގިނައިން ހިނގަނީ ޑީކޯ ވުމުގެ ހާދިސާތަކެވެ.
ހިޔާލު