Fuvahmulak flat libunu meehun ge list ah shakuvaa hushahalhah hulhuvaalaifi
image
ފުވައްމުލަކުގައި ތަރައްގީކޮށްފައިވާ ފްލެޓުތަކެއް-- ފޮޓޯ: ޕީއެސްއެމް
0 ކޮމެންޓް
 

ފުވައްމުލަކު ފްލެޓު ލިބުނު މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ފުވައްމުލައް ސިޓީގައި ތަރައްގީ ކުރި ފްލެޓުތަކަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވެ ފްލެޓު ލިބުނު މީހުންގެ ލިސްޓު އާއްމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެރަށުގައި ތަރައްގީ ކުރަން ފެށި 200 ފްލެޓުގެ ތެރެއިން 120 ފްލެޓު ހާއްސަކުރެވިފައި ވަނީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށެވެ. އަދި 20 ފްލެޓެއް ހާއްސަ ކުރެވުނީ ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށެވެ. އަދި ބާކީ ފްލެޓުތައް ސަރުކާރުން އޭރު ނިންމާފައި ވަނީ ރިއަލް އެސްޓޭޓް ނުވަތަ ގެދޮރުވެރިކަމުގެ ވިޔަފާރި އުޞޫލުގެ ދަށުން ވިއްކުމަށެވެ.

ފުވައްމުލަކު ކައުންސިލުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝިރާރު ސީއެންއެމް އަށް ވިދާޅުވީ ބާކީ 60 ފްލެޓު ވިއްކަން އުޅުނު ނަމަވެސް އެކަމަށް އާއްމުންގެ މާ ބޮޑު ތަރުހީބެއް ނެތް ކަމަށެވެ. އެހެންކަމުން ފްލެޓު ލިބުނު މީހުންގެ ލިސްޓަށް ހުށަހަޅާ ޝަކުވާތައް ބެލުމަށް ފަހު، އެ 60 ފްލެޓު ވެސް ސޯޝަލް ހައުސިން ގެ ދަށުން ދޫކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން އިއުލާނުކޮށްފައި ވަނީ ސަރުކާރުގެ ''ގެދޮރުވެރިކުރުން'' ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި ޢިމާރާތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން، ކެޓަގަރީ އޭ ގެ ދަށުން ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ހާއްސަކުރެވުނު 120 ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި ފަރާތްތަކާއި، ކެޓަގަރީ ބީ ގެ ދަށުން ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވުނު 20 ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވެ ޕޮއިންޓް ދިން ގޮތުގެ ލިސްޓެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ޕޮއިންޓް ދީފައިވާ ގޮތާއި މެދު ޝަކުވާއެއް ހުށަހަޅަން ބޭނުންނަމަ މި މަހުގެ 27 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން އެކަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީއެމްއޭސީން އިމާރާތް ކުރި އެ ފްލެޓުތައް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓު އިއުލާނު ކުރެވޭނީ ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން މިހާރު ނެރެފައިވާ ލިސްޓަށް ގެންނަން ޖެހޭ އުނި އިތުރު ކުރުންތައް ގެނައުމަށް ފަހު ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
ހިޔާލު